31 Aug 2012, 22:37
އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަމުގައި ހުންނެވި ކަމުގެ އިޝާރާތެއް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ދެއްވައިފި އެވެ.
ރައީސް ވަހީދު މިރޭ ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި ވެސް ގައުމުގެ ލީޑާޝިޕްގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށާއި އެކަމަށް އޮތް އެއްވެސް ފުރުސަތެއް ދޫކޮށްނުލައްވާނެ ކަމަށެވެ.
"އަޅުގަނޑު މި ހުރީ 2013 ގައިވެސް މި ގައުމުގެ ލީޑަޝިޕްގައި އަޅުގަނޑަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ތައްޔާރަށް، މިކަމުގައި ގޮތެއް ފެންނާނެ، މާތް ﷲ ގޮތެއް ދައްކަވާނެ، އެހެންވީމަ އަޅުގަނޑު މި ހުރީ އެކަމަށް ތައްޔާރުވެގެން،" މިރޭ ދިޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުގައި ރައީސް ވަހީދު ވިދާޅުވި އެވެ. އެހެން ޕާޓީއެއްގެ ޓިކެޓް ހޯއްދަވަން މަސައްކަތް ކުރައްވާނަންތޯ ސުވާލު ދެންނެވުމުން ވިދާޅުވީ "އެއްވެސް ޕޮސިބިލިޓީއެއް [ފުރުސަތެއް] އަޅުގަނޑު ދުލެއް ނުކުރާނަން، ހުރިހާ ފުރުސަތެއްވެސް އޮތީ ހުޅުވިފައި، އެކަމުގައި ގައުމަށް އެންމެ ރަނގަޅު ގޮތެއް ހޯދައިގެން ކުރިއަށް ދާނީ،"
ދާދިފަހުން ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ވެސް ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރުމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށާއި އެކަމާ މެދު ވަރަށް ފުންކޮށް ވިސްނަވަމުން ގެންދަވާނެ ކަމަށެވެ. އަދި އެވާހަކަތަކަށް ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލް ގައްޔޫމްވެސް ވިދާޅުވެފައިވަނީ އެ ޕާޓީގެ ރިޔާސީ ޓިކެޓްގައި ވާދަކުރުމުގެ ފުރުސަތު ޕީޕީއެމްގައި ރައީސް ޑރ. ވަހީދަށް ހުޅުވިފައިވާ ކަމަށެވެ.
އިންކްއަރީ ކޮމިޝަންގެ ރިޕޯޓަށް ފަހު ރޭބޭއްވި ސިޔާސީ ޕާޓީތަކުގެ ވާހަކަތަކާ ގުޅޭގޮތުން ވެސް ރައީސް ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ އިސްނެގުމަށް ސިޔާސީ ޕާޓީތަކާ އެކު ފަށާފައިވާ ވާހަކަތަކުގައި ވެސް އެންމެ ބޮޑު އިސްކަމެއް ދިނުމަށް ހަމަޖެހިފައި ވަނީ އަންނަ ރިޔާސީ އިންތިހާބު މިނިވަން އިންސާފުވެރި އަދި އެންމެންނަށްވެސް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދޭނެ އިންތިހާބަކަށް ހެދުމަށް ކަމަށެވެ. އަދި ވިދާޅުވީ ވާހަކަތަކުގައި ދެން ކުރިއަށްދާނީ ރައްޔިތުން މަޖިލީހުގައި ހިމެނޭ ޕާޓީތަކާ އެކުގައި ކަމަށެވެ.
"ވަރަށް އުފެއްދުންތެރި ވާހަކަތަކެއްގެ ގޮތުގައި ދެކެނީ، އަޅުގަނޑުދެންނެވިން އެ ލީޑަރުންނަށް ވެސް ވޭތުވެ ދިޔަތަން ދިޔައީއޭ، ގައުމައިގެން ކުރިއަށް ވަޑައިގަންނަވަމައި ހިންގަވާށޭ، ވަރަށް އެކުވެރި މާހައުލެއްގައި ވާހާކަތައް ވެސް ދިޔައީ، ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެންނަށް ފޯކަސް ކުރަން މި އެއްބަސްވެވުނީ މައްސަލަތަކަށް، އެގޮތުން ހަދަން ހުރި ގާނޫނުތައް ހަދައި އިސްލާހުތައްގެނެސް އައު ގާނޫނުތައް ހަދައި، އަހަރެއް ފަހުން އޮންނަ އިންތިހާބު މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުން، ސިޔާސީ ވެރިންނަށް ހަމަހަމަ ފުރުސަތު ހޯދައިދިނުން،" ރައީސް ވިދާޅުވި އެވެ.
ކޯނީގެ މަސައްކަތްތައް ހިނގާދިޔަ ގޮތުގެ މައްޗަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ އެ ކޮމިޝަނުން ކުރެއްވީ ރާއްޖޭގައި މިހާތަނަށް ކޮށްފައި ނުވާވަރުގެ ބޮޑު މަސައްކަތަކާއި ހޯދުންތަކެއް ކަމަށާއި އެއީ ގިނަ ބަޔަކާއި އިންޓަވިއު ކުރެވި ހަގީގަތް ހާމަކުރެވިފައިވާ ރިޕޯޓެއް ކަމަށެވެ. ރިޕޯޓުން އެމަނިކުފާނަށް އުފާވެރިކަން ލިބިވަޑައިގެންފައިވާކަން ވިދާޅުވި އެވެ.
"ހާއްސަކޮށް ބޭރުވަޑައިގެންނެވި ބޭފުޅުން، އެބޭފުޅުންނަކީވެސް ހަމަ ގާބިލްބޭފުޅުން، އެބޭފުޅުންނަކީ އަޅުގަނޑު ހީކުރެއްވި ވަރަށް ވުރެ ބެކްރައުންޑް ރަނގަޅު ބޭފުޅުން، އެހެންކަމުން ހަތް ބޭފުޅުންނާ އެކު މި ކޮމިޝަން މަސައްކަތް މި ކުރެއްވީ، އެބޭފުޅުން މި ވަނީ 380 ފަރާތަކާއި އިންޓަވިއުކޮށްފައި، އެއީ އާބާދީގެ ކޮންމެ 1000 މީހަކުން މީހެއް،" ރައީސް ވިދާޅުވި އެވެ. "އަޅުގަނަޑާއި މިދިޔަ ހަމަހު ވާހަކަ ނުދައްކައި ކިތަންމެ ބޭފުޅަކު މިހާރު ވާހަކަދައްކަވައި މެސެޖްކުރައްވާ ހައްދަވައި، އަޅުގަނޑަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ދުނިޔޭގައިވެސް މިފަދަ ކަންކަން ނުކުރެވޭ ފެންވަރަކަށް މިފަދަ ތަހުގީގެއް ރާއްޖޭގައި ކުރެވުން،"
ވިދާޅުވީ ވެރިކަމާ ހަވާލުވުމަށް ފަހު ގިނަ ތުހުމަތުތަކެއް ކުރެވުނު ކަމުގައިވިޔަސް އެކަމާއި ހާސްވެވަޑައިގަތް ނޫޅުއްވައި ކަމަށާއި އެ ދުވަސްތަކުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބިވަޑައިގަތީ އަބިކަނބަލުން އިލްހާމް ހުސެއިންގެ ކިބައިންނާއި ދަރިންގެ ކިބައިންކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ވެރިކަން ބަދަލުވީ ގޮތާ މެދު އުފެދިފައިވާ ސުވާލުތައް ސާފުވުމުން ދެން މަސައްކަތް ކުރައްވާނީ ގައުމުގައި އޮތް ބައިބައިވުން ނައްތާލައްވައި އެންމެންގެ ހިޔާލު އެއްގޮތް ކުރެއްވުމަށްކަމަށެވެ. އަދި ގައުމަށް ދެން އޮތީ ސުލްހަވެރި، އަމާންދުވަސްތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"ދެން އިތުރަށް ހަމަނުޖެހުމެއް ހިނގާފާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން، އަޅުގަނޑު ގަބޫލުކުރަނީ މިއީ ގައުމައިގެން ކުރިއަށްދާން ޖެހޭ ވަގުތުކަން، އަޅުގަނޑަށް މިވީ ދުވަސްތަކުގައި މަސައްކަތް މި ކުރީ ތަފާތު ސިޔާސީ ހިޔާލުގެ ބޭފުޅުންނާ އެކު، ނަމަވެސް އެބޭފުޅުން ވަރަށް ގިނަ ކަންތައްތައް ގައުމަށްޓަކައި ކޮމްޕްރޮމައިޒް ކުރައްވަން ތިއްބެވީ، އަޅުގަނޑު ދެކެނީ، ކުރިން ވެފައި ހުރި ކަންކަން ހަނދާން ނައްތާލައި މިއީ ގައުމައިގެން ކުރިއަށްދާން ޖެހޭ ވަގުތޭ."