ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓު ގަބޫލުފުޅުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބޭރުގެ ބޮޑެތި ގައުމުތަކާއި ކޮމަންވެލްތާއި ޔޫއެންގެ ޕްރެޝަރުތަކާ އެކު ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ހަވީރު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެޕާޓީގެ ކައުންސިލް މެންބަރު އަހުމަދު މަހުލޫފް ވިދާޅުވީ ރައީސް ނަޝީދު ކޯނީގެ ރިޕޯޓު މިއަދު ގަބޫލުކުރެއްވުމުން އެމެރިކާ އާއި އިންޑިއާ ފަދަ ބޭރުގެ ބޮޑެތި ގައުމުތަކާއި ކޮމަންވެލްތާއި ޔޫއެން ފަދަ ޖަމާއަތްތަކުގެ ޕްރެޝަރާއި އެކު ނަޝީދު "ސައިޒަށް ގޮސްފައިވާކަަން" އެނގިގެން ހިނަގައްޖެ ކަމަށެވެ.

މަހުލޫފު ވިދާޅުވީ ރައީސް ނަޝީދު ސިޔާސީ މައިދާނުން ފެއިލްވެއްޖެ ކަމަށާއި ސިޔާސީ ޕާޓީއެެއްގެ ލީޑަރަކަށް ނަޝީދަށް ނުހުރެވޭނެ ކަމާއި ގަދަބާރު ދައްކައިގެން ރާއްޖޭގެ ވެރިކަން ނަޝީދަށް ނުހޯދޭނެ ކަން މިއަދު އެނގިގެން ހިނގައްޖެ ކަމަށެވެ.

"ޕީޕީއެމް އިން ވަރަށް ބޮޑަށް ގަބޫލުކޮށްފިން ނަޝީދު ސިޔާސީ މައިދާނުން ފެއިލް ވެއްޖެކަން. ބަލިގަބޫލުކުރައްވައިފިކަން ގަދަބާރު ދައްކާފައި ރާއްޖޭގެ ވެރިކަން ހޯދުމަށް ނޫން ނަމަ ސިޔާސީ ޕާޓީއެއްގެ ލިޑަރަކަށް ހުންނަވައިގެން ކުރިއަށް ނުދެވޭނެކަން މިއަދު އެނގިގެން ހިނގައްޖެ،" މަހުލޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ވަހީދުގެ ސަރުކާރަކީ ބަޣާވާތަކުން އައިސްފައިވާ ސަރުކާރެއް ނޫން ކަމަށާއި އަމިއްލަފުޅަށް ކުރައްވާފައިވާ ގާނޫނާއި ޚިލާފު ކަން ކަމަށް އަދަބު ދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވާތީ އެކަމާ އެޕާޓީން މަރުޚަބާ ކިޔާ ކަމަށެވެ.

"އަޅުގަނޑު އުފާކުރާ އެއްކަމެއް އެބައޮތް ނަޝީދު ގަބޫލުފުޅު ކުރައްވާފައި. މިއީ ބަޣާވާތުގެ ސަރުކާރެއް ނޫންކަމަށް. ވަރަށް ސާފުކޮށް ވިދާޅުވި މިއަދު މިއޮތް ސަރުކާރަކީ ބަޣާވާތުން އައިސްފައި އޮތް ސަރުކާރެއްކަމަށް ނުބުނެވޭނެ ކަމަށް. ތިމަންނަ ކޮށްފައިވާ ޣައިރު ގާނޫނީ ކަންކަމަށް ފިޔަވަޅު އަޅައި އަދަބުވެސް ލިބެންޖެހޭނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައި. އެކަމަށްޓަކާ އަޅުގަނޑުމެން މަރުޚަބާ ކިޔަން،" މަހުލޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނަޝީދު އިސްތިއުފާ ދެއްވުމަށް ފަހު ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒާއި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒާ ބެހޭ ގޮތުން ދައްކާފައިވާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއްކަން ކޯނީގެ ރިޕޯޓުން އެނގިގެން ހިނގައްޖެ ކަމަށެވެ. އަދި އެ ރިޕޯޓާ ގުޅިގެން ތަހުގީގު ކުރައްވާ އިރު އެ ތިން ބޭފުޅުންގެ ތަހުގީގު ކުރައްވައި ޝަރީއަތަށް ހުށަހަޅަން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިޔަސް އެބޭފުޅުންގެ ތަހުގީގެއް ކުރަން ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަހުލޫފު ވިދާޅުވީ ކޯނީގެ ރިޕޯޓާ ގުޅިގެން ތަހުގީގު ކުރަން ޖެހޭ ކަމެއް އޮތް ނަމަ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން އެކަމެއް ބަލައި ތަހުގީގު ކުރަމުން ގެންދާނެ ކަމަށާއި އެކަމުގައި ޕީޕީއެމްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށެވެ.