މިދިޔަ އަހަރުގެ އެޕްރީލް މަހުން ފެށިގެން މިއަހަރުގެ މާޗް މަހުގެ ނިޔަލަށް ދިރާގުގެ ހިއްސާއަކަށް ފައިދާގެ ގޮތުގައި 3.66ރ. ބަހަން ދިރާގުން ނިންމައިފި އެވެ.

ގައުމީ ޔުނިވަސިޓީގެ އޮޑިޓޯރިއަމްގައި ރޭ ބޭއްވި ދިރާގުގެ ފުރަތަމަ އަހަރީ އާންމު ޖަލްސާގައި ހިއްސާއަކަށް 3.66ރ. ބަހަން ފާސްވީ ޖަލްސާ އަށް ހާޒިރުވި 23 ހިއްސާދާރުންގެ އަޣުލަބިއްޔަތުންނެވެ. އެ ހިއްސާދާރުން ތަމްސީލުކުރީ 143 ވޯޓެވެ.

ދިރާގުގެ ސާފު ފައިދާއަށް މިދިޔަ އަހަރު ލިބުނު 633.9 މިލިއަން ރުފިޔާ އިން ހިއްސާދާރުންނަށް ބަހަން ބޯޑުން ކަނޑައަޅާފައި ވަނީ 277.6 މިލިއަން ރުފިޔާ އެވެ.

މީގެ ކުރިން 2010 ،ޖެނުއަރީ އެކަކުން ފެށިގެން މާޗް 31، 2011ގެ ނިޔަލަށް ދިރާގުގެ ހިއްސާދާރުންގެ ގޮތުގައި ތިބި ހިއްސާދާރުންނަށް 5.39 މިލިއަން ރުފިޔާ ބަހައިފަ އެވެ. ދިރާގުގެ ހިއްސާއެއް އެވްރެޖްކޮށް މާކެޓުގައި ވިއްކަނީ 80ރ.ގެ ރޭޓުންނެވެ.

ރޭ ބޭއްވި ޖަލްސާގައި މި އަހަރުގެ ހިއްސާދާރުންނަށް ބަހާ އިންޓަރިމް ޑިވިޑެންޑް ބޯޑުން ފާސްކުރާ ގޮތަކަށް ދިނުމަށް ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމައިފަ އެވެ. އަދި އިންޑިޕެންޑެންޓް އޮޑިޓަރެއްގެ ގޮތުގައި ކޭޕީއެމްޖީ ވެސް ވަނީ ހޮވައިފަ އެވެ. އަދި ދިރާގުގެ ބޯޑަށް އާންމު ހިއްސާދާރުންގެ ތެރެއިން ހޮވާފައި ވަނީ އެސްޓީއޯ ތަމްސީލްކުރެއްވި އެ ކުންފުނީގެ ޖެނެރަލް މެނޭޖާ އިބްރާހިމް ޝަރީފެވެ.