ވެރިކަން ބަދަލުވި ގޮތުގެ ތަހްގީގު ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ގަރާރަކުން އުފެއްދެވި ކޮމިޝަން އޮފް ނޭޝަނަލް އިންކުރީ (ކޯނި)ގެ ރިޕޯޓް ގަބޫލު ކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު ހަވީރު މޫކާއި ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަން އޮންލައިނުން ދެންނެވި ސުވާލެއްގެ ޖަވާބުގައި ނަޝީދު ވިދާޅުވީ ކޯނީގެ ރިޕޯޓު ގަބޫލު ކުރެއްވުމަށް ނިންމެވީ އެ ކޮމިޝަނުގައި ނަޝީދުގެ ފަރާތްޕުޅުން އައްޔަންކުރެއްވި ގަހާ އަހްމަދު ސައީދު ފާހަގަ ކުރެއްވެވި ކަންބޮޑުވުންތަކާ އެކުގައި ކަމަށެވެ.

ކޯނީގެ ރިޕޯޓު ކޮންމެ ގޮތަކަށް ނެރުނު ކަމުގައިވީ ނަމަވެސް އެ ރިޕޯޓު ގަބޫލު ކުރައްވާނެ ކަމަށް ބައިނަލްއަގުވާމީ އެއްވެސް ފަރާތަކާ އެކު އެއްބަސްވެ ވަޑައިގެންފައިވާނެތޯ ސަން އިން ދެންނެވުމުން ނަޝީދު ވިދާޅުވި "އާދެ"، ކަމަށެވެ.

ސަރުކާރުން ބުނެފައި ވަނީ ކޯނީގެ ރިޕޯޓު ކޮންމެ ގޮތަކަށް ނެރުނު ކަމުގައިވީ ނަމަވެސް އެ ރިޕޯޓު ގަބޫލުފުޅު ކުރައްވާނެ ކަމަށް ކޮމަންވެލްތާ އެކު ނަޝީދު އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ.

ކޯނީގެ ރިޕޯޓު ގަބޫލު ކުރެއްވި ނަމަވެސް ވެރިކަން ބަދަލުވެގެން ދިޔައީ ބަޣާވާތަކުން ކަމަށް އަމިއްލަފުޅަށް ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް އެ ރިޕޯޓު ގަބޫލު ކުރެއްވުމަށް ނިންމެވުމާ ގުޅިގެން މި ސަރުކާރަކީ "ބާޣީ ސަރުކާރެއް" ކަމަށް ނުބުނެވޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ސުވާލެއް ނުއުފައްދަމެއް ނޫންތޯ. އަޅުގަނޑު މި ދެންނެވީ ކޯނީގެ ރިޕޯޓު އަޅުގަނޑު މި ބަލައިގަންނަނީ ސައީދު ދެއްކެވި ވާހަކަފުޅުތަކަށް އިހްތިރާމް ކުރަމުން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ކޯނީގެ ރިޕޯޓް އޮތް ގޮތުން ނަޝީދުގެ ވެރިކަން ފެބްރުއަރީ މަހު 7 ވަނަ ދުވަހު ބަދަލުވި ގޮތާ ބެހޭ ވާހަކަ ދެއްކުމުގެ ޖާގަ ނެތް ކަމަށެވެ.

"އެ ރިޕޯޓުގެ މައްޗަށް ރިއާޔަތްކޮށްގެން ކަންތައް ތަކެއް ކުރަނީ ކަމަށްވާ ނަމަ ސަރުކާރު ބަދަލުވި ގޮތާ މެދު އަޅުގަނޑުމެނަށް އިތުރު ވާހަކައެއް ދެއްކޭކަށް ނެތް. އެހެން ނަމަވެސް ފުލުހުންނާއި ސިފައިން ގާނޫނާ ހިލާފަށް ކަންތައްތަކެއް ކޮށްފައިވާކަން ފާހަގަކޮށްފައި އެބައޮތް. އެހެން ވީމާ އެމީހުންނާ ދިމާލަށް ބާޣީންނޭ ގޮވާނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ފުލުހުންނާއި ސިފައިންގެ ގާނޫނާ ހިލާފު ވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ކޯނީގެ ރިޕޯޓުގައި ބުނެފައިވާ އިރު އެ މީހުންނާ މެދު ފިވަޔަޅުތައް އެޅުމަށް އަވަސް ވުމަށް ހުރިހާ ސިޔާސީ ފަރާތްތަކުގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

"އެކަން [ފުލުހުންނާއި ސިފައިންގެ ގާނޫނާއި ހިލާފްވެފައިވި] ފަރާތްތަކާ މެދު ޖިނާއި ތަހްގީގެއް ކުރެވި އެކަމުގެ ދައުވާތައް ކުރުމަށް ކޯނީގެ ރިޕޯޓުގައި ވަރަށް ސާފްކޮށް އެބަ ބުނޭ. އަޅުގަނޑުމެން މިހާރު ބޭނުން ވަނީ މިކަމުގައި އަވަސްވެ ގަތުމަށް،" ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް ވިދާޅުވީ ކޯނީގެ ރިޕޯޓުގައި ކޮންމެ މީހަކު ކުށެއް ކުރިކަމަށް ލިޔެފައި އޮތް ނަމަވެސް އެމީހަކާ މެދު ދައުވާ ކުރެވެން ޖެހޭނެ ކަމަށާއި އެމަނިކުފާނާ މެދު ވެސް ދައުވާ ކުރުމަށް އިންކާރު ނުކުރައްވާ ކަމަށެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ކޮމިޝަނުގެ ރިޕޯޓު އަލުން ކޮމަންވެލްތުން ބައްލަވާ އިރު އެކޮމިޝަންގެ ކަންތައް ހިނގައި ދިޔަ ގޮތްތަކާ މެދު ގަހާ ސައީދު ފާހަގަ ކުރައްވާފައިވާ ކަންބޮޑުވުންތަކަށް ބައްލަވާނެ ކަމަށެވެ.