15 Jan 2026, 09:07

އިންޑިއާގެ އެންމެ ވަރުގަދަ ދެ އެކްޝަން އަދި ސްޓަންޓް އެކްޓަރުން ކަމަށްވާ ޓައިގާ ޝްރޮފް އާއި ވިދުޔަތު ޖަމްވަލް އެއް ފިލްމެއްގައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
މި ފިލްމަކީ ޑައިރެކްޓަރު މިލަޕް ޒަވޭރީ އުފައްދާ ރޮމޭންޓިކް އެކްޝަން ފިލްމެކެވެ. މި ފިލްމުގެ ލީޑް ރޯލްއިން ޓައިގާ ފެންނާނެއިރު ފިލްމުގެ ވަރަށް ވަރުގަދަ ކެރެކްޓާ އަކުން ވިދުޔަތު ވެސް ފެންނާނެ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ބުނެފައިވާ ގޮތުން ޓައިގާއާ އެކު ފިލްމުގެ ބަތަލާގެ ރޯލްއިން ފެންނާނީ ކީރްތީ ޝެޓީއެވެ. ކީރްތީ ވަނީ ރިތިކް ރޯޝަންގެ ފިލްމު "ސުޕަ 30"ގެ ވެސް ސަޕޯޓިންގް ރޯލަކުން ކުރިން ފެނިފައެވެ.

ފިލްމު ޑައިރެކްޓަރު މިލަޕް ޒަވޭރީ--ފޮޓޯ/އެންޑީޓީވީ
މިލަޕްގެ ޓީމާ ހަވާލާދީ ޕިންކްވިލާއިން ބުނިގޮތުގައި މި ފިލްމުގެ ވާހަކަ ބިނާކޮށްފައި އޮތް ގޮތުން ފިލްމަށް ދެ އެކްޝަން އެކްޓަރުން ވަރަށް މުހިއްމެވެ. އެހެންކަމުން ޓައިގާއާ އެކު ވަރުގަދަ ކުރިމަތިލުމަކަށް ގެންނަން އެކްޓަރު ވިދުޔަތުއަށް ވުރެ ރަނގަޅު އެހެން ތަރިއަކު ނެތް ކަމަށާއި ވިދުޔަތު އަކީ ފިލްމަށް ވަރަށް މުހިއްމު ކެރެކްޓާއެއް ކަމަށް ޕިންކްވިލާގައި ވަނީ ބުނެފައެވެ.
މި ފިލްމުގެ މަސައްކަތް މި އަންނަ މަހު ފަށަން ތައްޔާރުވަމުން އަންނައިރު ފިލްމު ބެލުންތެރިންނަށް ގެނެސްދެވޭނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ. ޑައިރެކްޓަރު މިލަޕްގެ ދެ ފިލްމެއް މިދިޔަ އަހަރު ބެލުންތެރިންނަށް ގެނެސްދިންއިރު އޭގެތެރޭގައި ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ލޯބީގެ ފިލްމު "އޭކް ދިވާނޭ ކީ ދިވާނިއްޔަތު" ހިމެނެއެވެ.