ޗުއްޓީ ހޭދަކުރެއްވުމަށް ރާއްޖެ އައި އަލްޖީރިޔާގެ ވިޔަފާރިވެރިއަކު ރާއްޖޭގެ މިސްކިތުފަންޑަށް ހަދިޔާކޮށްދޭން ބުނި 200000 އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 3.1 މިލިޔަން ރުފިޔާ) ހަދިޔާކޮށްފި އެވެ.

އިސްލާމިކް މިނިސްޓަރު ޝެއިހް މުހައްމަދު ޝަހީމު އަލީ ސައީދު މިއަދު ވިދާޅުވީ މިސްކިތުތު ފަންޑުން އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާ 10 ބުރީގެ އިމާރާތް ހެދުމަށް ޓަކައި ހަދިޔާކުރި އެފައީސާ ޖަމާކޮށްދީފައި ވަނީ އިއްޔެ ކަމަށެވެ. އަދި ވިދާޅުވީ މިހާރު އެ އިމާރާތް ހެދުމަށް ކުރަން ޖެހޭ އެންމެހާ އިދާރީ މަސައްކަތްތަށް ނިންމުމަކާ ހަމައަށް ގޮސްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިމަސައްކަތް މިކުރަނީ ކުރިއަށްއޮތް ދެތިން މަހެއް ތެރޭގައި މަސައްކަތް ފެށުމަށް އަދި ޑިސެމްބަރު މަހުގެ ނިޔަލަށް ފަސް ލައްކަ ޑޮލަރު ހޯދުމުގެ މަސައްކަތް ވެސް މިދަނީ ކުރަމުން، އެގޮތުން އަޅުގަނޑުމެން ވާނެ ގަތަރާއި ސައުދީއާއި ކުވައިތު ފަދަ ގައުމުތަކަށް އެހީއަށް އެދި ސިޓީ ފޮނުވާފައި ވެސް" މިނިސްޓަރު ވިދާޅުވި އެވެ.

އަދި ވިދާޅުވީ މިފެށޭ ސެޕްޓެމްބަރު މަހުގެތެރޭގައި ދުބާއީގައި މަސައްކަތް ކުރާ އިންޑިއާގެ ވިޔަފާރިވެރިއެއް ރާއްޖެ ވަޑައިގެން މިސްކިތުފަންޑަށް 50 ހާސް ޑޮލަރު (ގާތްގަނޑަކަށް 771000ރ) ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިސްކިތްތަކަށް އެހީވުމަށް ހުޅުވަފައިވާ ވަގުފު ފަންޑަށް މިހާތަނަށް ވަނީ 15 މިލިއަން ރުފިޔާ ލިބިފަ އެވެ. އަދި އޭގެތެރެއިން 4.9 މިލިއަން ރުފިޔާ ވަނީ އެކި މިސްކިތްތަކުގެ މަރާމާތަށް ހަރަދުކޮށްފަ އެވެ.