ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ވިދާޅުވާ މަސްތުވާތަކެތީގެ ބޮޑު ހަ މީހުންގެ ތެރެއިން ދެ މީހުން ކަމަށް ބުނެ ފުލުހުން އަތުލައިގަތް ދެ މީހުން ވެސް ހައްޔަރުކޮށްފައި ވަނީ "ހައްޔަރުކުރީ ހެއްކާ ގަރީނާއާއެކުގައި" ކަމަށް ބުނަމުންނެވެ. އެކަމަކު މަސްތުވާތަކެތީގެ ބޮޑުންގެ ގޮތުގައި ހައްޔަރު ކުރި ހ. ރެހި މުހައްމަދު ހުސެއިން މަނިކާއި ހ. ރީނދޫގޭ އާދަމް ނަސީރު އަބޫބަކުރުގެ މައްޗަށް ދައުލަތަށް ހެކި ގާއިމު ނުކުރެވި ޝަރީއަތުގައި މިނިވަން ހައިރާންވާންޖެހެ އެވެ.


އައިއެސްއޯ ސެޓްފިކެޓް ލިބިފައިވާ ފޮރެންސިކް ލެބޯޓަރީއަކާ އެކު އިންވެސްޓިގޭޝަންގެ އެހެނިހެން އުސްމިންތައް ހާސިލު ކޮށްފައިވާ ދިވެހި ފުލުހުންގެ މި މަސައްކަތްތަކަށް އެތަކެއް ވަގުތާއި ދުވަސް ހޭދަ ކުރުމަށް ފަހު "ބޮޑުން" މިނިވަންވުމަކީ ފުލުހުންގެ އިންވެސްޓިގޭޝަންގެ ފޭލިޔާއަކަށް ނޫވާނެ ހެއްޔެވެ؟


ފުލުހުންގެ ޑްރަގު އެންފޯސްމަންޓްގެ ވެރިޔާ ސުޕްރިންޓެންޑެންޓް މުހައްމަދު ޖިނާހު މިއަދު ވިދާޅުވީ މަސްތުވާތަކެތީގެ ބޮޑު ދެ މީހުން ކަމަށް ފުލުހުން ތުހުމަތު ކުރި ދެ މީހުން ޝަރުއީ މަރުހަލާގައި މިނިވަންވެގެން ދިޔައީ ފުލުހުންގެ އިންވެސްޓިގޭޝަން ފޭލިވެގެން ނޫން ކަމަށާއި އެކަން ގަބޫލު ނުކުރައްވާ ކަމަށެވެ.


"ޝަރީއަތުގައި ހެކި ނެތޭ އެ ވިދާޅުވި ވިދާޅުވުމަކީ ފުލުހުންގެ އިންވެސްޓިގޭޝަންގެ ފޭލިއާއެއް ކަމަކަށް އަޅުގަނޑު ނުދެކެން، ސަބަބަކީ އެކި މަރުހަލާތަކުގައި ދަށުކޯޓުގެ ނިމުންތައް ހައިކޯޓުގައި އެޕީލް ކުރީމާ އެބަހުރޭ ދަށުކޯޓުގެ ނިންމުން ބާތިލުވެ، ފުލުހުން އެދޭ ގޮތަށް ނިމިފައި،" ޖިނާހު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މަސްތުވާތަކެތީގެ ބޮޑު މީހުން ކަމަށް ފުލުހުން ބުނަމުން ދިޔަ ދެ މީހުންގެ މައްސަލަ މިހިސާބުން ވެސް އަދި ފޭލްވީ ނޫން ކަމަށެވެ؛ ފުލުހުން ފޭލުވީތޯ ޓެސްޓް ހަދައިލާންޖެހޭ ކޯޓްތަކެއް އަދި އެބަހުރި ކަމަށެވެ. އެމަރުހަލާގައި ނިމޭ ގޮތަކުން ނޫނީ ފުލުހުންގެ އިންވެސްޓިގޭޝަން ފޭލްވީ ކަމަށް ނުބުނެވޭނެ ކަމަށެވެ. 


ޖިނާހު ވިދާޅުވީ މަސްތުވާކެތީގެ ބޮޑުންގެ މައްސަލަތައް ތަހުގީގު ކުރުމުގައި ވެސް، އޭގެ ފަހަށް ވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ ލަފާ ވަރަށް ބޮޑަށް ހޯއްދަވާ ކަމަށާއި ޕްރޮސެކިއުޓާ ޖެނެރަލް ދައުވާ ކުރައްވަނީ ދައުވާ ކުރެއްވޭ ވަރަށް ފުލުހުންނަށް ތަހުގީގުގައި ހެކި ހޯދިފައި ހުރުމުން ކަމަށެވެ. "މި މައްސަލަތަކުގައި ޝަރީއަތުން ނިމުނު ގޮތާމެދު ފާޑުކިޔާކަށް އަޅުގަނޑު ނެތިން. އެކަމަކު އަޅުގަނޑުމެނަށް މައުލޫމާތު ލިބޭ ގޮތުގައި އެ މައްސަލަތައް ހައިކޯޓްގައި އެޕީލް (އިސްތިއުނާފު)  ކުރުމުގެ ބައި މިހާރު އެބަހިނގާ،" ޖިނާހު ވިދާޅުވި އެވެ.