31 Aug 2012, 15:36
ދުވާފަރު ފަޅުތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ބުލެޓް ސައިޒުގެ 10 ރަބަރު ޕެކެޓު ހޯދައި އެކަމާ ގުޅުން ހުރިކަމުގެ ތުހުމަތުގައި ހަތަރު މީހަކު ދުވާފަރުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ޕެކެޓުތަކާ އެކު ދުވާފަރުން ހައްޔަރުކޮށްފައި ވަނީ އުމުރުން 22 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނެއްގެ އިތުރުން 17 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރު ކޮށްފައި ވަނީ އާންމު ފަރާތަކުން އިއްޔެ ފުލުހުންނަށް ދިން މައުލޫމާތަކާ ގުޅިގެން ދުވާފަރު ޕޮލިސް ސްޓޭޝަނުންގެ ހިންގި ޚާއްސަ އޮޕަރެޝަނެއްގައި ކަމަށެވެ.
ފުލުހުން ބުނީ ފުލުހުން ދުވާފަރު އުތުރު ފަރާތު ގޮނޑުދޮށުގައި ތިއްބާ ދުވާފަރު ފަޅާއި ގާތްގަނޑަކަށް 400 ފޫޓް ދުރުގައި އޮންނަ "ހުރާގަނޑު" ނަމަކަށް ކިޔާ ރަށަށް ލޯންޗެއްގައި ކައިރިކުރުމަށް ފަހު ފަތާފައި އެ ހަތަރު މީހުން ދުވާފަރަށް އެރިކަމަށެވެ.
ފުލުހުން ބުނީ އެ ޕެކެޓުތަށް ފެނިފައި ވަނީ އެ ހަތަރު މީހުން ފަތާފައި ދުވާފަރަށް އެރި ސަރަހައްދުގެ އެއްގަމާއި މޫދާއި ގޮނޑުދޮށް ބަލައި ފާސްކުރަމުން ދަނިކޮށް ގޮނޑުދޮށާއި ގާތްގަނޑަކަށް 30 ފޫޓް ދުރުން ފަޅުތެރޭގައި ގަލެއްގެ ދަށަށް ލާފާއި އޮއްވައި ކަމަށެވެ.
ފުލުހުން ބުނީ ދުވާފަރު ޕޮލިސް ސްޓޭޝަނުން އެމައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.