ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރާ މީހުން ފުލުހުންނާ މެދު ކުރަމުންދާ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް ނެތް ތުހުމަތުތަކެއްކަން ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓުން އެނގިގެން ހިނގައްޖެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނަނީ ފެބުރުއަރީ ހަތް ވަނަ ދުވަހު ފުލުހުން ދައްކުވައިދީފައި ވަނީ ގާނޫނު އަސާސީ އާއި ގައުމަށް ވުރެ އެހެން އެއްވެސް ކަމެއް ކުރިޔަށް ނުގެނެވޭނެ ކަމާއި ގާނޫނަށް ބޯލެނބުމާއި ގާނޫނު ނެގެހެއްޓުމުގައި އެއްވެސް ފަސްޖެހުމެއް ނެތްކަން ކަމަށެވެ.

އެ ބަޔާނުގައި ބުނަނީ އެދުވަހު ފުލުހުން ދައްކުވައިދީފައިވާ ހިތްވަރާއި ސާބިތުކަމަކީ ފުލުހުންގެ މުއައްސަސާގައި މުސްތަގުބަލުގައި މަސައްކަތްކުރާނެ މީހުންނަށާއި ދިވެހި ގައުމުގެ މުސްތަގުބަލަށް ވެސް ނަމޫނާއެއް ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ދެކޭ ކަމަށެވެ.

"އެދުވަހު ފުލުހުން ދައްކުވައިދީފައިވާ ހިތްވަރާއި ސާބިތުކަމަކީ ފުލުހުންގެ މުއައްސަސާގައި މުސްތަގުބަލުގައި މަސައްކަތްކުރާނެ މީހުންނަށާއި ދިވެހި ގައުމުގެ މުސްތަގުބަލަށް ވެސް ނަމޫނާއެއް ކަމުގައި މިސަވިސް އިން ދެކެމެވެ. މިފުރުސަތުގައި ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ފާއިތުވެ ދިޔަ ދުވަސްތަކުގައި ކުރަމުންދިޔަ ފުރައްސާރައާއި ޖެއްސުމާއި ދެމުން ގެންދިޔަ ލާއިންސާނީ އަނިޔާގެ ތެރޭގައި ކެއްތެރިކަމާއި ހިތްވަރާއި އަޒުމާ އެކު ފުލުހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ދިވެހި ފުލުހުން ސާބިތިވެ ތިބިކަން ފަޚްރުވެރިކަމާއެކު ފާހަގަކުރަމެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނަނީ ފުލުހުންނަަކީ ރައްޔިތުންގެ ޚިދުމަތުގައި، އިސްލާމް ދީނާއި، ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތައް ހިމާޔަތްކޮށް ނަގަހައްޓައި ރައްޔިތުންނާއި ރައްޔިތުންގެ މުދަލާއި ގެދޮރު ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ޓަކައި ފުރާނައިން ގުރުބާން ވުމަށް މާތް ﷲ ގަންދީ ހުވާކޮށްގެން ތިބި ބައެއްކަމަށާއި ފުލުހުންގެ މަސްއޫލިއްޔާތާއި ވާޖިބު އަދާކުރުމުގައި ކެތްތެރިކަމާއި ހިތްވާރާ އެކު ސާބިިތުވެ ތިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި އެންމެހާ ރައްޔިތުންނަށް އަރުވާކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނަނީ އެއްވެސް ފަރުދަކާ މެދު ތަފާތުކުރުމެއް ނެތި، ހަމަހަމަކަމާ އިހުތިރާމާ އެކު ހުރިހާ ރައްޔިތުންނަށް މިހާރަށް ވުރެ ވެސް ފުރިހަމަކޮށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން މަސައްކަތް ކުރަމުންގެންދާ ކަމުގެ ޔަގީންކަން ވެސް ރައްޔިތުންނަށް އަރުވާ ކަމަށެވެ.

އެ ބަޔާނުގައި ބުނަނީ ފެބްރުއަރީ ހަ ވަނަ ދުވަހާއި ހަތް ވަނަ ދުވަހާއި އަށް ވަނަ ދުވަހު ހިނގައި ދިޔަ ކަންތައްތަކާ ގުޅޭގޮތުން ކޯނީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތައް މުރާޖާކޮށް އެފަދަ އަމަލުތައް ތަކުރާރު ނުވާނެ ގޮތަކަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އިންތިޒާމްތައް ހަމަޖައްސާނެ ކަމަށެވެ. އަދި އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅޭ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި އެ ދުވަހުގެ ކަންތަކާ ގުޅޭގޮތުން މިނިވަން މުއައްސަސާތަކުން ނިންމާފައިވާ ނިންމުންތަކަށް އިޚުތިރާކޮށް އެފަދަ މުއައްސަސާތަކުން ހުށަހަޅާފައިވާ ކަންތައްތަކަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"ކޯނީގެ ފަރާތުން ކޮށްފައިވާ ތަހުގީގުން ފާހަގަކުރެވިފައިވާ ކަންތައްތައް މުރާޖައާކޮށް އެފަދަ އަމަލުތައް ތަކުރާރު ނުވާނެގޮތެއްގެ މަތިން ކަންކަން ހަމަޖެއްސުމަށްޓަކައި ބޭނުންވާ އެންމެހާ އިންތިޒާމުތައް ހަމަޖައްސައި، ކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް މިސާވިސްގެ ފަރާތުން އަޅާނެކަމުގައި ދަންނަވަމެވެ. އަދި މިމައްސަލަތަކާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ މިނިވަން މުއައްސަސާތަކުން ހުށަހަޅުއްވާފައިވާ ކަންކަމަށް މިސާވިސްގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށާއި އެ މުއައްސަސާތަކުގެ ނިންމުންތައް އިހްތިރާމާއެކު ބަލައިގަންނަކަމުގައި ދަންނަވަމެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނަނީ ފުލުުހުންގެ ޚިދުމަތަކީ ގައުމު ދެމި އޮތްހާ ހިނދަކު ދެމި އޮންނާނެ ޚިދުމަތެއްކަމަށާއި ވަގުތީ ފައިދާއެއް ނުވަތަ މަސްލަހަތެއް ހިމާޔަތްކުރުމަށް ޓަކައި އެއްވެސް ބަޔަކު ފުލުހުންގެ މުއައްސަސާގެ ޝަރަފާއި ކަރާމާތަށް އަރައިގަނެ އެ މުއައްސަސާ ބަދުނާމުކުރުމަކީ އޭގެ ނޭދެވޭ އަސަރު ހުރިހާ ރައްޔިތުންނަށް ވެސް ކުރާނެ ކަމެއް ކަމަށެވެ.