މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވަޅިން ހަމަލާދީ ގ. ވޭރު އަބްދުލް މުހީތު މަރާލި ކަމުގެ ތުހުމަތުގައި ޖުވެނައިލް ކޯޓުގައި ދައުލަތުން ދައުވާ ކުރާ ތިން މީހުން ދިފާއުގައި ހުށަހެޅި ހެކިބަސް ނަގައި ނިމިފައިވާ ކަމަށް ޖުވެނައިލް ކޯޓުން ބުނެފި އެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލަކު އިއްޔެ ވިދާޅުވީ ދައުވާ ލިބޭ ތިން މީހުން ދިފާއުގައި ހުށަހަޅާފައިވާ ހެކީންގެ ތެރެއިން ކުރިން ހެކިބަސް ނެގިފައި ނުވާ ހަތަރު މީހެއްގެ ހެކިބަސް އިއްޔެ ބޭއްވި ޝާރީއަތުގެ މަޖިލީހުގައި ނަގާފައިވާ ކަމަށެވެ. ނަމަވެސް ހެކިބަސް ލިބުނު ގޮތެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.

"އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވަނީ ދައުވާ ލިބޭ ފަރާތްތަކުން ދިފާއުގައި ހުށަހަޅާފައިވާ ހެކީންގެ ތެރެއިން މިހާތަނަށް ހެކިބަސް ނުގެގިވާ ހަތަރު މީހުންގެ ހެކިބަސް ނަގާފައި. އެހެންކަމުން ދައުވާ ލިބޭ ފަރާތްތަކުން ދިފާއުގައި ހުށަހެޅި ހެކީންގެ ހެކިބަސް ނަގާ މިހާރު ވަނީ ނިމިފައި،" އޮފިޝަލް ވިދާޅުވި އެވެ.

ދައުވާ ލިބޭ ތިން މީހުންގެ ދިފާއުގައި 10 މީހަކު ހެކިބަސް ދީފައިވާ އިރު އެ މީހުންގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ޓަކައި ދައުލަތުން ހުށަހެޅި ތިން މީހެއްގެ ހެކިބަސް ވެސް މިހާރު ވަނީ ނަގައި ނިމިފަ އެވެ.

އޮފިޝަލް ވިދާޅުވީ ހާދިސާ ހިނގި އިރު އެތިން މީހުންގެ އުމުރަކީ 17 އަހަރު ކަމަށާއި ނަމަވެސް އޭގެތެރެ އިން އެކަކަށް މާޗް މަހުގެ ތެރޭގައި 18 އަހަރު ފުރިފައިވާ އިރު އަނެކަކަށް މި މަހުގެ ތެރޭގައި 18 އަހަރު ފުރިފައިވާ ކަމަށެވެ. އަދި އަނެއް ކުއްޖާ އަށް 18 އަހަރު ފުރޭނީ އަންނަ އަހަރު ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ދައުވާ ސާބިތުކުރުމަށް ޓަކައި ދައުލަތުން ހުށަހެޅި ތިން ހެކީންގެ އިތުރުން ގަރީނާގެ ގޮތުގައި އެ ތިން މީހުންގެ ފޯން ކޯލް ރެކޯޑިން އާއި ސީސީޓީވީ ފުޓޭޖްތަކެއް ހުށަހެޅުމަށް ދައުލަތުން ނިންމާފައިވާ ކަމަށެވެ. އަދި ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ އެ ގަރީނާތައް ހުށަހެޅުމަށް ދައުލަތަށް ފުރުސަތު ދިނުން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ގައިގެ އެތަން މިތަނަށް ވަޅިހަރައި މުހީތު މަރާލި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ވެސް ދައުލަތުން ވަނީ ތިން މީހެއްގެ މައްޗަށް ދައުވާ ކޮށްފަ އެވެ. އެ ތިން މީހުންނަކީ ގދ. ގައްދޫ އަބްލަޢީގޭ މުހުޖަތު އަހުމަދު ނާސިހު އާއި ސ. މަރަދޫ ސަލްޓަންވިލާ އަލީ މުޝައްފައު އާއި ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫނެވެ.

މުހުޖަތާއި މުޝައްފައުގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައިވާ އިރު އެ މައްސަލަ ސާބިތު ކުރުމަށްޓަކައި ދައުލަތުން ހުށަހެޅި ތިން މީހުންގެ ހެކިބަސް ވެސް މިހާރު ވަނީ ނަގާފައެވެ.

ހެކިބަސް ދިން ތިން މީހުންގެ ތެރެއިން ދެ މީހަކު ވަނީ މުހީތަށް، މުހުޖަތު ހަމަލާދިންތަން ދުށްކަމަށް ބުނެފަ އެވެ. ފުރަތަމަ ހެކިބަސް ދިން މީހާ ބުނީ މުހީތުގަޔަށް މުހުޖަތު ވަޅިހެރިތަން އޭނާ ދުށްކަމަށެވެ. އަދި ދެވަނަ އަށް ހެކިބަސް ދިން މީހާ ބުނީ މުހުޖަތު މުހީތަށް ހަމަލާދިންތަން ދުށްކަމަށާއި ނަމަވެސް އެވަގުތު އޭނާގެ އަތުގައި ވަޅިއެއް އޮތްކަމަށް ފާހަގަ ނުކުރެވޭ ކަމަށެވެ.

ހަމަލާދިން ގޮތް ކިޔައިދެމުން އެމީހާ ބުނީ މުހީތާއި ދިމާލަށް މުހުޖަތު އަތް ހޫރުވި މަންޒަރު ވަރަށް ރަނގަޅަށް އޭނާ އަށް ފެނުނު ކަމަށެވެ.

މުޝައްފައުގެ މައްޗަށް ހެކިބަސް ދީފައި ވަނީ އެންމެ މީހެކެވެ. އެމީހާ ބުނީ މުހީތުގަޔަށް މުޝައްފައު ވަޅި ހެރިތަން އޭނާއަށް ފެނުނު ކަމަށާއި ލަފާކުރެވޭ ގޮތުގައި އެއީ އަށް އިންޗީގެ ބެނެޓް ވަޅިއެއް ކަމަށެވެ.

މައިމޫންގެ މައްޗަށް ކޮށްފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އޭނާގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ މުހީތަށް ހަމަލާދީ ނިމުމުން މުހީތަށް ހަމަލާދިން މީހަކު ސައިކަލަކަށް އަރުވައިގެން ދިޔަކަމަށް ބުނެ އެވެ. އޭނާގެ މައްޗަށް ދެ މީހަކު ހެކިބަސް ދީފައިވާ އިރު އެ ދެ މީހުން ވެސް ބުނީ ހާދިސާ ހިނގި ރޭ އެ ސަރަހައްދުގައި ސައިކަލެއްގެ މަތީގައި މައިމޫން އިންދާ އޭނާއަށް ފެނިފައިވާ ކަމަށެވެ.

އެ ތިން މީހުންގެ މައްޗަށް ވެސް ދައުލަތުން ވަނީ ގަރީނާގެ ގޮތުގައި އެ މީހުންގެ ފޯންކޯލް ރެކޯޑިން އާއި ސީސީޓީވީ ފްޓޭޖްތަކެއް ހުށަހަޅާފަ އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ އެ ހެކިތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުން ކަމަށެވެ.