31 Aug 2012, 13:26
ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވަވައި މަޝްވަރާތައް ކުރިއަށް ގެންދަވަން ސަރުކާރުން ނިންމަވައިފި އެވެ.
ރައީސް އޮފީހުން ރޭ ސަރުކާރުން އެގޮތަށް ނިންމީ، ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނާ އެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު ރޭ ބަނޑޮސް އައިލެންޑް ރިޒޯޓުގައި ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވުމަށް ފަހު ކަމަށެވެ.
މިހާރު ކުރަން ހުރި ގިނަ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ، ޤާނޫނުތަކަށް ގެންނަން ޖެހޭ އިޞްލާޙުތަކާއި އަލަށް ހަދަން ޖެހޭ ޤާނޫނުތައް ހެދުމުގެ މަސައްކަތްކަމަށް ރައީސް ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އަދި އެކަންކަމަކީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރެއްވެން ހުރި ކަންތައްތައްކަމަށްވާތީ އާއި އެ ކަމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވޭނީ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށްކަމަށް ވާތީ މިގޮތަށް ނިންމެވީ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އެ މަޝްވަރާތައް ކުރިއަށް ގެންދަވާނީ ވެސް މަޝްވަރާތަކުގެ ވިލަރެސްވެރިޔާ އަޙްމަދު މުޖުތަބާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.