ދުންފަތުގެ ވިޔަފާރިތަކަށް 400އަށްވުރެ ގިނަ ވެންޑާ ލައިސަންސް ދޫކޮށްފި
ދުންފަތުގެ ވިޔަފާރިތަކަށް 400އަށްވުރެ ގިނަ ވެންޑާ ލައިސަންސް ދޫކޮށްފި

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކަށް ލާޒިމްކުރާ ވެންޑާ ލައިސަންސް، 400 އަށްވުރެ ގިނަ ވިޔަފާރިތަކުން ނަގާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކަށް ދޫކުރަނީ ހަތަރު ލައިސެންސެކެވެ. އެއީ، ދުންފަތުގެ ބާވަތްތައް ވަކިން ނުވަތަ ގަނޑުކޮށް ވިއްކުމުގެ ލައިސެންސާއި ދުންފަތުގެ ބާވަތްތައް އިމްޕޯޓު ކުރުމުގެ ލައިސެންސާއި ދުންފަތުގެ އައު ބާވަތެއް ރެޖިސްޓްރީ ކުރުމުގެ އިތުރަށް ދުންފަތުގެ ބާވަތްތައް ރިއެކްސްޕޯޓު ކުރުމުގެ ލައިސެންސެވެ.

މިއިން ކޮންމެ ލައިސެންސެއް ނެގުމަށް ވެސް ފީއެއް ދައްކަންޖެހޭނެއެވެ.

އެޗްޕީއޭއާ ހަވާލާދީ، ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރި ގޮތުގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކަށް ގާނޫނުން ލާޒިމްކުރާ ލައިސަންސް، މިހާތަނަށް ވަނީ 437 ވިޔަފާރިއަކަށް ދޫކޮށްފައެވެ. އޭގެ އިތުރަށް ޓޮބޭކޯ އިމްޕޯޓު ލައިސަންސް 31 ފަރާތަކަށް އަދި ޓޮބޭކޯ ރީ-އެކްސްޕޯޓް ލައިސަންސް ދެ ފަރާތަކަށް ދޫކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މި ސަރުކާރުން ވަނީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށްޓަކައި، ސިނގިރެޓުން ނަގާ ޑިއުޓީ ބޮޑުކޮށް، ރާއްޖޭގައި ވޭޕު ވެސް މަނާކޮށްފައެވެ.

އާއްމު ތަނެއްގައި މީހަކު ސިނގިރޭޓެއް ބޮނީ -- ސަން ފޮޓޯ/ ނާއިޝް ނާހިދު

އޭގެއިތުރުން، 2007ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަން ބޭނުން ކުރުން މަނާކުރުމަށް 'ޖެނެރޭޝަނަލް ބޭން'އެއް ގެނައުން ހިމެނެއެވެ.

އޭގެފަހުން، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ ކޮންމެ ރައްޔިތަކަށް ފައިސާގެ އިނާމެއް ދިނުމަށް ކުރަން ޖެހޭ ކަންކަން ކުރަން އަންގަވައިފައެވެ.

ވޭޕް މަނާކުރަން ސަރުކާރުން ނިންމީ އުމުރުން ވަރަށް ހަގު, ކިޔަވާ ކުދިންއިން ފެށިގެން އެތައް ދިވެހީންނެއް އެ ނުރައްކާތެރި ވަބާގައި ޖެހިފައި ވަނިކޮށެވެ. މިހާރު ރާއްޖެއަށް ވޭޕް އެތެރެކުރުމާއި އޭގެ ވިޔަފާރި ކުރުމުގެ އިތުރުން އެ ބޭނުން ކުރުމަކީ ގާނޫނީ ކުށެކެވެ. އެކަންކަން ކުރާ މީހުންނަށް އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ.

ނަމަވެސް، ދުންފަތާ ގުޅޭ ގިނަ ގަވާއިދުތަކެއް އަދިވެސް ރާއްޖޭގައި ތަންފީޒެއް ނުވެއެވެ. އެގޮތުން، އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ވަކި ސިނގިރޭޓް ވިއްކުމަކީ ގަވާއިދުން މަނާ ކޮށްފައިވާ ކަންކަން ކަމަށް ވީނަމަވެސް އެކަންކަން ފާޅުގައި ކުރެއެވެ. ފިޔަވަޅު އެޅެނީ މަދު ފަހަރެއްގައެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމަށް ފަހު ދޫކޮށްލާ ދުމަކީ އޭގެ އަސަރު ކުރާ އެހެން މީހުންނަށް ގިނަ ބަލިތަކެއް ޖައްސާ ނުރައްކާތެރި އެއްޗެކެވެ. ނަމަވެސް ރާއްޖޭގައި އެ ދުމުން ސަލާމަތް ވެގެން މަގުމަތީގައި އުޅުމުގެ ފުރުސަތު ވެސް ގިނަ ފަހަަރަށް ނުލިބެއެވެ.