31 Aug 2012, 13:24
އައްޑޫ ސިޓީގައި ހުންނަ ދައުލަތުގެ މުދަލުގައި ފެބްރުއަރީ އަށް ވަނަ ދުވަހު ހުޅުޖެހި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން އިތުރު މީހެއްގެ ޝަރީއަތް އިއްޔެ ފަށައިފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިސަރު އަހުމަދު މުހައްމަދު މަނިކު މިއަދު ވިދާޅުވީ ހިތަދޫގައި ހުޅުޖެހި މައްސަލައިގައި ދައުލަތުން ދައުވާ ކުރާ މީހުންގެ ތެރެއިން މިހާތަނަށް ކޯޓަށް ހާޒިރު ނުކުރެވި ތިބި މީހުންގެ ތެރެއިން ސ. ހިތަދޫ އައްޑޫގޭ ހުސެއިން އަޒުރަފް ކޯޓަށް ހާޒިރުކޮށް އޭނާގެ ޝަރީއަތް އިއްޔެ ފަށާފައިވާ ކަމަށެވެ.
މަނިކު ވިދާޅުވީ އޭނާގެ މައްޗަށް ޓެރަޒަމްގެ ދައުވާ ކޮށްފައި ވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދެވަނަ މާއްދާގެ (ޅ) އާއި (ކ) އާ ހަވާލާދީ އެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ށ) ގެ ދަށުން މުދަލަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައި ކަމަށެވެ.
އޭނާ ވިދާޅުވީ އެ މައްސަލައިގައި ދައުވާ ލިބޭ މީހުންގެ ތެރެއިން މީގެ ކުރިން ވަކީލަކު އައްޔަން ކުރަން އެދުމުން އެ ފުރުސަތު ދިން 17 މީހުންގެ ވަކީލަށް ދައުވާއާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ވެސް އިއްޔެ ފުރުސަތު ދީފައިވާ ކަމަށެވެ.
އެ މައްސަލާގައި ދައުވާ ކުރާ 17 މީހުންނަކީ ސ. ހިތަދޫ، ނޫރަތި، އާއިޝަތު އިބްރާހިމް 50، އާއި ހަމަ އެ ރަށު މުޑުދާސްގޭ މުހައްމަދު ޖަބީނާއި އެ ރަށު ސައްބުގޭ އަބްދުﷲ އަލީ އާއި ހާލާފަރު، މާލިކު އަހުމަދު ދީދީ އާއި ހުދުމާވަހަރުގެއާގޭ، އަހުމަދު ހުސެއިން އާއި ސައްބުގޭ ހުސެއިން އަލީ އާއި ޗާމަންގޭ އަބްދުﷲ ޝާހިދު އާއި ވައިލެޓް ފެހި، ޝިހާމް ހަބީބާއި އަލީބޮޚާރީގޭ މުހައްމަދު ނާގިސް އާއި ހަމައެގޭ އަހުމަދު ޝުޖާއު އާއި އެމްޓޭޝަން ހަސަން ނަސީރު އާއި ފިނިމާ އިބްރާހިމް ނާފިއު އާއި އިމިތީގޭ އަލީ އަހުމަދާއި އޯވައްގޭ އިބްރާހިމް އަސަދާއި ސޯސަންގޭ މުހައްމަދު ޝަމްއޫންގެ އިތުރުން ތ. ތިމަރަފުށީ ބިސްގޭ އަލީ ލިޝާމް އެވެ.
ވަކީލަކު ބޭނުން ނުވާކަމަށް ބުނެފައި ވަނީ އެރަށު ދުންސާމުރާނިގޭ މުހައްމަދު ހަސަން އެވެ.
އެ މީހުންގެ ތެރެއިން މާލިކު އަހުމަދު ދީދީ އަކީ މާރާމާރީގެ މައްސަލައެއްގައި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހެކެވެ. އަދި އެ މީހުންގެ ތެރޭގައި ހިމެނޭ އިބްރާހިމް އަސަދަކީ ވެސް ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހެކެވެ. އެ މީީހުންގެ ތެރޭގައި ހިމެނޭ އަހުމަދު ސުޖާއު އަކީ ވައިގެ މަގުން އައްޑު އަށް މަސްތުވާތަކެތި ގެންދިޔަ މީހަކާއި ބައިވެރިވެގެން އައްޑޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކޮށްފައިވާ މީހެކެވެ. އާއިޝަތު އިބްރާހިމް 50، ގެ މައްޗަށް ކުރި ދައުވާގައި ބުނަނީ ހިތަދޫގެ ޕޮލިސް ޓްރޭނިން ސްކޫލްގެ އިމާރާތަށް ގެއްލުން ދިން ވަގުތު އޭނާ އެކަމަށް ހިތްވަރުދީ އެތާނގެ މުދަލަށް ގެއްލުން ދިނުމަށް ގޮވާ ހަދާފައިވާ ކަމަށެވެ.
ދައުލަތުގެ އެ ދައުވާ އަށް އިންކާރު ކުރަމުން އާއިޝަތު ބުނެފައި ވަނީ އޭނާގެ ގެ ހުންނަނީ ޕޮލިސް ޓްރޭނިން ސްކޫލްގެ ކުރިމަތީގައި ކަމަށާއި އެ ހާދިސާ ހިނގައި ދިޔަ ވަގުތު އޭނާ ހުރީ ގޯތިތެރޭގައި ކުދިންނާ އެކު ކަމަށެވެ. އަދި އެތަނަށް ގެއްލުންދިން ތަން އޭނާ ނުދެކޭ ކަމަށާއި އަނގައިން އެއްވެސް އެއްޗެއް ބުނެފައި ނުވާނެ ކަމަށް ވެސް އާއިޝަތު ބުންޏެވެ.
އާއިޝަތު ފިޔަވައި ދެންތިބި މީހުންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ފެބްރުއަރީ އަށް ވަނަ ދުވަހުގެރޭ 7:00 އާއި 9:30 އާއި ދެމެދުގެ ވަގުތެއްގައި ހިތަދޫގައި ހުންނަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ހިތަދޫ މެޖިސްޓްރޭޓް ކޯޓާއި ހިތަދޫ ޕޮލިސް ސްޓޭޝަނާއި ޕޮލިސް ޓްރޭނިން ސްކޫލާއި ޕޮލިސް އެކޮމަޑޭޝަން ބްލޮކްގެ އިތުރުން "ކޯހެރެ" ނަމަކަށްކިޔާ ކެފޭގެ ތެރެއަށް ވަދެ އެތަންތާގެ މުދަލަށާއި އިމާރާތަށް ގެއްލުން ދީފައިވާކަމަށް ތުހުމަތު ކުރެވޭތީ އެވެ.
އެ އެންމެން ވެސް ވަނީ އެތަންތާގެ އިމާރާތަށާއި މުދަލަށް ގެއްލުން ނުދޭކަމަށް ބުނެ ދައުވާ އަށް އިންކާރުކޮށްފަ އެވެ.