30 Aug 2012, 23:34
ފުލުހުނަށް ނިސްބަތްކޮށް "ބާޢީ" އޭ ގޮވާހަދާ މީހުން ހައްޔަރުކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ރައީސް ނަޝީދުގެ ވެރިކަން ހަތެއް ފެބުރުއަރީގައި ބަދަލުވި ފަހުން އެވެރިކަން ބަދަލުކުރީ ދިފާއީ ބާރުތަކުން ބައިވެރިވެގެން ބާޣާވާތަކުން ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން އިން ދަނީ ދިފާއީ ބާރުތަކުގައި މަސައްކަތް ކުރާ ފަރާތްތަކަކީ "ބާޢީ" ކަމަށް ބުނެ އެމީހުނަށް އެހެން ގޮވައި ހަދަމުން ނެވެ.
ނަމަވެސް ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް ޓަކައި އުފައްދާފައިވާ ކޮމިޝަން އޮފް ނެޝަނަލް އެންކުއަރީން (ކޯނީ) މިއަދު ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިއައީ ގާނޫނު އަސާސީވާ ގޮތުގެ މަތިން ކަމަށް ނިންމާފައިވަނިކޮށް މިއަދު ފުލުހުންގެ މީޑިއާ އޮފިޝަލް ވީދާޅުވީ ފުލުހުންނަށް ނިސްބަތްކޮށް "ބާޣީ"އޭ ގޮވާ މީހުން ހައްޔަރުކުރާނެ ކަމަށެވެ.
"ބާޣީ އޭ ކިޔާ އާއްމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފުވާ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭނެ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ކޯނީގެ ރިޕޯޓަށް ފަހު ފުލުހުން ދަނީ ފުލުހުންނާ ދިމާލަށް "ބާޣީ" އޭ ކިޔައި ގޮވާ މީހުން ހައްޔަރުކުރަމުންނެވެ. އެގޮތުން ފުލުހުން މިރޭ ވެސް ވަނީ ޒިކުރާ މިސްކިތް ކައިރިން ފުލުހުނާ ދިމާ އަށް "އޭ ބާޣީ" އޭ ގޮވި ދެ ޒުވާނަކު ހައްޔަރުކޮށްފަ އެވެ.