12 Jan 2026, 21:34
އަންނަ ދިރާސީ އަހަރު ފެށުމުގެ ކުރިން ސުކޫލުތަކަށް ފޮތްތައް ފޮނުވާ ނިމޭނެ ކަމުގެ ޔަގީންކަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ދެއްވައިފިއެވެ.
ސުކޫލުތަކަށް ފޮތްތައް ފޮނުވުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފެށީ، މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅެވެ. އެ ރަށްތަކަށް ފޮތްތައް ފޮނުވަނީ، ސުކޫލުތަކަށް ދަރިވަރުން ވައްދާ އަދަދަށް ބަލައިގެނެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ޝަފީއު ވިދާޅުވީ ސުކޫލުތަކަށް ފޮނުވާ ފޮތްތައް ތަރުތީބު ކުރުމުގެ މަސައްކަތް ކުރިން ކުރީ، އަރަބިއްޔާ ސުކޫލުގައި ކަމަށެވެ. ނަމަވެސް، މިހާރު އަމީނިއްޔާ ސުކޫލަށް ފޮތްތައް ބަދަލުކޮށްފައިވާ ކަމަށާއި ޖާގައިގެ ގޮތުން ގޮންޖެހުންތައް އެބަ ހުރި ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އޭގެ އިތުރުން، ބޮޑުތަކުރުފާނު މަގު ފުޅާކޮށް، މާރުކޭޓު ސަރަހައްދުގައި މަސައްކަތްތައް ކުރާތީ، ބޯޓުތަކަށް ފޮތްތައް ފޯރުކޮށްދިނުމުގައި ދަތިތައް ހުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެހެން ނަމަވެސް ސުކޫލުތައް ހުޅުވުމުގެ ކުރިން، ފޮތްތައް ހަވާލުކުރާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.
ޕީއެސްއެމްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، 60 އިންސައްތަ ރަށްތަކަށް މިހާރު ފޮތްތައް ވަނީ ފޮނުވާފައެވެ. އަދި، މާލޭގެ ގިނަ ސުކޫލުތަކުގައި ފޮތްތައް ބެހުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ސުކޫލުތައް ހުޅުވުމުގެ ކުރިން ފޮތްތައް ފޮނުވޭނެކަމުގެ ޔަގީންކަން ދިންއިރު، މީގެކުރިން ވެސް ސުކޫލުތަކުގެ ކިޔެވުން ފެށޭއިރު، ފޮތްތައް ހަމަނުވުމުގެ މައްސަލަ ދިމާވެފައި އެބަ ހުއްޓެވެ.
ފާހަގަކުރެވޭ ގޮތުގައި، ދަރިވަރުން މިހާރު ތިބީ، ބޮޑު ޗުއްޓީގައެވެ. ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ، މި މަހު 27ގައި ކަމަށްވާއިރު، ޓީޗަރުން މި މަހު 25ގައި ސުކޫލުތަކަށް ނިކުންނާނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނި ގޮތުގައި، މިދިޔަ އަހަރު ރާއްޖޭގެ ސްކޫލުތަކުގައި 84،000 އެއްހާ ދަރިވަރުން ތައުލީމު ހާސިލުކުރިއެވެ.