ކޮމިޝަން އޮފް ނޭޝަނަލް އިންކުރީ (ކޯނީ) ރިޕޯޓް އެކުލަވާލުމަށް ކުރި މަސައްކަތުގައި ސިފައިން ގޭގައި ހަރުކޮށްފައި ހުރި ކެމެރާތަކުގެ ތެރެއިން ވީޑިއޯ ފުޓޭޖު ލިބުނީ ތިން ކެމެރާ އިން ކަމަށާއި އަދި މާލެ ތެރޭގައި ހުރި އެއްވެސް ކެމެރާއެއްގެ ފޫޓޭޖު ފުލުހުންގެ ފަރާތުން ނުލިބިފައި ނުވާ ކަމަށް އެ ކޮމިޝަނުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތަމްސީލް ކުރެއްވި ގަހާ އަހްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ކޯނީގެ ރިޕޯޓު ނެރެން 24 ގަޑިއިރަށް ވުރެ ކުޑަތަން ވެފައި ވަނިކޮށް ކޮމިޝަނުގެ މެންބަރު ކަމުން އިއްޔެ އިސްތިއުފާ ދެއްވި ގަހާ ސައީދު މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ސިފައިންގެ ތެރެއިން ލިބުނު ސީސީޓީވީގެ ތިން ކެމަރާގެ ވީޑިއޯ ފުޓޭޖުތަކުގެ ތެރެއިން ދެ ކެމެރާ އިން ލިބިފައިވާ ވީޑިއޯތަކުގައި ވެސް ބައެއް ހިސާބުތައް އުނިކޮށްފައިވާ ކަމަށެވެ.

"ވަރަށް ހިތާމައާ އެކު މި ވާހަކަ މި ދަންނަވަނީ. ތިޔަ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ، އަޅުގަނޑު އެނގޭގޮތުން ވެއްޖެއްޔާ ސިފައިންގޭ ވަށައިގެން އަށް ކެމެރާ ހުރޭ. ތިން ކެމެރާގެ ފޫޓޭޖް ލިބިފައި ހުރީ. އަނެއް ފަސް ކެމެރާއެއް ނެތް. އެ ލިބުނު ތިން ކަމެރާގެ ވެސް ބައެއް މުހިންމު ވަގުތުތަކުގެ ބައިތައް ހުރީ ނެތިފައި،" އޭނާ ވިދާޅުވި އެވެ.

ދަރުބާރުގެ ގޭގައި މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައ ސައީދު ވިދާޅުވީ ފެބްރުއަރީ މަހު 7 ވަނަ ދުވަހު ރައީސް އޮފީސް ތެރޭގައި ހިނގައި ދިޔަ އެއްވެސް ވީޑިއޯއެއް ލިބިފައިނުވާ ކަމަށާއި އެމްއެންބީސީ ކައިރީގައި ހުރި ކެމެރާ އިން ލިބިފައިވާ ވީޑިއޯގައި ހުރީ ހަތް ވަނަ ދުވަހުގެ ހެނދުނު 10:47 އިން ފެށިގެން ހިނގައި ދިޔަ ކަންތައްތަކުގެ ވީޑިއޯ ކަމަށެވެ.

ސައީދު ވިދާޅުވީ ކޮމިޝަނަށް ބޭނުންވި އިންޓަވިއުތައް ބައެއް މީހުންގެ ފަރާތުން ނުލިބުނު ކަމަށާއި އަދި ބައެއް މައުލޫމާތުތައް ހިއްސާ ކުރަން ބޭނުންނުވި މީހުން ވެސް ތިބި ކަމަށެވެ. އަދި ގަދަކަމުން މީހުން ހާޒިރު ނުކުރެވުނު ކަމަށެވެ.

އޭނާ ވިދާޅުވީ އެކަންކަން މިދިޔަ މަހުގެ 26 ވަނަ ދުވަހު ކޮމަންވެލްތުގެ އިތުރުން ޔޫއެން އާއި ވެސް ހިއްސާކުރެއްވި ކަމަށެވެ. އޭގެ ސަބަބުން ބަދަލުތަކެއް އައި ކަމަށާއި ނަމަވެސް އޭރު އޮތީ ރިޕޯޓު ނެރުމުގެ ވަގުތު ކުޑަތަންވެފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސައްބީސް ވަނަ ދުވަހު އެ ހިއްސާކުރިން ކޯނީއަށް. ކޮމިޝަނާއި ހިއްސާކުރިން. ފުރަތަމަ އަނގަބަހުން ދަންނަވާފައި ސިޓީއެއް ވެސް ފޮނުވިން. އަޅުގަނޑު އެ މައުލޫމާތުތައް ހިއްސާކުރިން ބައިނަލްއަގުވާމީ ކޮމިއުނިޓީއާ ވެސް. އޭގެ ތެރޭގައި ކޮމަންވެލަތަށާއި ޔޫއެން އަށް މި ސިޓީ ގޮސްފައި ވާނީ. ވަރަށް ބޮޑު ބަދަލުތަކެއް އައި އެހެން ނަމަވެސް އޭރު މިއޮތީ ފޫކޮޅުގައި ރޯވެފައި،" އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ އެ ރިޕޯޓަކީ ސައްހަ ރިޕޯޓެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ މިރޭ ވިދާޅުވި އެވެ.

ވެރިކަން ބަދަލުވި ގޮތް ތަހްގީގު ކުރުމަށް ފަހު މިއަދު އިންކުއަރީ ކޮމިޝަނުން އާންމުކުރި ލިޔުމުގައި ވެރިކަން ބަދަލުވި ގޮތް ބެލުމަށް އުފެއްދެވި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) އިން ބެލި ބެލުމުންނާއި ހެކިތަކުންނާއި ހޯދި ހޯދުންތަކުން ފެބްރުއަރީ މަހު 7 ވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލުވެފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި ފެބްރުއަރީ 6 ވަނަ ދުވަހާއި 7 ވަނަ ދުވަހު ހިނގައި ދިޔަ ހާދިސާތައް ޖުމްލަކޮށް ހިނގާފައި ވަނީ ކުރީގެ ރައީސް މުޙަންމަދު ނަޝީދު ޢަމަލުކުރެއްވި ގޮތުން ކަމަށެވެ.