01 Sep 2010, 09:58
14:59
ކޯޓުތައް އެފުދުމާއި ހިންގުން ޤާނޫނެއްގެ ދަށުން ސާބިތުކަމާއެކު ނިންމައިނުދެވޭނެތީ، ކޯޓުތަކުގެ ޤާނޫނު ނާންނަހާހިނދަކު، ރާއްޖޭގެ ކޯޓުތައް، ޤާނޫނުއަސާސީގެ ދަށަށް ފުރިހަމައަށް ހިޖުރަކުރުމަށް އުދަނގޫވާނެ ކަމަށް، މަޝްހޫރު ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކުޅުއްދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހުގެ ރޭ ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގެ ވޯޓުގެ މަރުހަލާގައި، މައްސަލަ ޖެހުމުގެ ސަބަބުން ހުއްޓުމަކަށް އައިސްފައިވާ، މި ބިލާ ބެހޭގޮތުން، އެބިލުގެ މަސައްކަތްކުރެއްވި ސަބް ކޮމިޓީގެ ވެސް މެންބަރު ނަޝީދު، އޭނާގެ ބްލޮގްގައި ވިދާޅުވެފައިވަނީ، އެ ޤާނޫނު، އޯގަސްޓު މަސް ނިމުމުގެ ކުރިން، ފާސްވުމަކީ ގިނަ ބަޔެއްގެ އުންމީދެއް ކަމަށެވެ. އަދި ޤާނޫނީ ދާއިރާ އާއި ޝަރުޢީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށާއި ކޯޓުތައް މެދުވެރިކޮށް މައްސަލަތައް ބަލައި، އިސްތިޢުނާފުކުރަމުންދާ ފަރާތްތަކަށް ވެސް އެ ބިލަކީ އަވަހަށް ފާސްވުން މުހިންމު ބިލެއް ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ. އަދި ސިޔާސީ ބިލަކަށްވުރެ ބޮޑަށް، ކޯޓުތަކުގެ ބިލަކީ ވަރަށް ފަންނީ، ވަރަށް ޝަރުޢީ ބިލެއްކަމުން، އެ ބިލު މިހާރު އޮތްގޮތަށް ބަދަލުކުރުމުގައި ކޯޓުތަކާއި ޕްރޮސެކިއުޓަރ ޖެނެރަލާއި ފަނޑިޔާރުންނާއި ވަކީލުންގެ ލަފަޔާއި މަޝްވަރާ ހޯދާފައިވާބިލެއް ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.
ނަޝީދު އަދި ވިދާޅުވެފައި ވަނީ ބިލުގައި، މައްސަލަ އުފެދުނު މާއްދާތަކާއި އުސޫލުތަކާ ގުޅޭގޮތުން، މައިގަނޑު ދެ ޕާޓީގެ ވިސްނުން ހުރިގޮތް ބެލި ކަމަށެވެ. އަދި ޚިޔާލުތަފާތުވުން އޮތް ކަންކަމުގައި، މެދުމިނުގެ ޙައްލެއް ފެނޭތޯ މަސައްކަތް ކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. އަދި ބިލު މަޖިލީހަށް ފޮނުވަން ނިންނީ، މަޖިލީހުގައި އިތުރު އިޞްލާޙުތަކެއް ހުށަހަޅައި ބިލު އޮޅުންބޮޅުން ކޮށްލުމުގެ ފުރުޞަތު ވީހާވެސް ކުޑަވާ ގޮތެއްގެމަތިން ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ. ނަމަވެސް އެ ހުރިހާ މަސައްކަތަކަށްފަހުވެސް، މައިގަނޑު ދެތިން ކަމެއްގައި، ޑީއާރުޕީގެ ވިސްނުމަށް ކޮމިޓީ ފެންވަރުގައި ޖާގަދެވޭގޮތް ނުވުމުން، ޑީ.އާރު.ޕީއަށް މުހިންމުވި ކަންކަމުގައި، ބިލަށް އިޞްލާޙު ހުށަހަޅައި މަޖިލީހުން އެކަން ފާސްވޭތޯ ބެލުމަށް ޑީ.އާރު.ޕީއަށް ދޫކޮށްލުމަށް ކޮމިޓީން ނިންމީ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އެކަމުގެ ސަބަބުން އެހެން ޕާޓީތަކާއި މެންބަރުންގެ ފަރާތުންއައި އިސްލާހްތަކުގެ ތެރެއިން ހިމެނެންއޮތް އިޞްލާޙުތައް ހިމަނައި ބިލަށް ބަދަލުތައް ގެނަސް މަޖިލީހަށް ބިލު، ހުށަހެޅުމުން ވެސް މެންބަރުންނާއި، ޕާޓީތަކުން އިޞްލާޙު ހުށަހެޅީ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. އަދި ޑީއާރުޕީގެ ފަރާތުން ދެތިން މައިގަނޑު އިޞްލާޙު ހުށަހަޅާނެ ކަމަށް ކުރިން ބުނި ނަމަވެސް، ޖަލްސާ ފެށުމާ ހަމަޔަށް ދިޔައިރު، އެ އިޞްލާޙުތައް އަށެއްކަ އިޞްލާޙަށް ބަދަލުވެ، ފަހުން އެއަށްވުރެ ވެސް އިތުރުވެގެން ދިއުމުގެ ސަބަބުން އެމްޑީޕީން ވެސް އިޞްލާޙު ހުށަހަޅަން ބޭނުންވީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ޖަލްސާ ހިނގައިގަތްއިރު، މިނިވަން މެންބަރުންނާއެކު ހަތްދިހައެއްހާ އިޞްލާޙު ބިލަށް ހުށަހެޅުނު ކަމަށާއި، އެ އިޞްލާޙުތައް އަނބުރާ ގެނޭތޯ، ނުވަތަ މަދުކުރެވޭތޯ ކުރި މަސައްކަތުން ބައެއް އިޞްލާޙުތައް އަނބުރާ ގެންދިޔަ ކަމަށާއި، ޑީއާރުޕީގެ އިޞްލާޙުތައް ވެސް މަދުކޮށް އެމްޑީޕީގެ އިސްލާހުތަކުގެ ބޮޑުބައެއް އަނބުރާގެންދިޔަ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ. އަދި ބިލު ވޯޓާ ޖެހުނުއިރު، ޑީއާރުޕީގެ އިޞްލާޙު ތަކާއި އެ ޕާޓީން ތާއީދުކުރާ އިޞްލާޙުތައް އިތުރުވެގެންދިޔަ ކަމަށާއި ޖަލްސާގައި މައްސަލަ ޖެހުނުއިރުވެސް، ތޭރަވަރަކަށް އިޞްލާޙު ޑީއާރުޕީގެ ތާއީދާއެކު ފާސްވެގެން ދިޔައިރު އެޕާޓީން ތާއީދުކުރާ އިތުރު އިސްލާހްތައް ހުރި ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ. އަދި ޑީއާރުޕީން ބޭނުންވި އިޞްލާޙުތައް ފާސްކުރަމުން ދިޔައިރު ބިލަށްވަމުންދިޔަ ގޮތާމެދު އެމްޑީޕީ މެންބަރުން ހިތްހަމަނުޖެހުން ދައްކަން ފެށުމުން ކޯޓުތަކުގެ ބިލު ގޮވީ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.