މިދިޔަ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލުވި ގޮތް ތަހުގީގު ކުރުމަށް އުފެއްދި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) އިން ހޯދާފައިވާ ހޯދުންތައް ހުރިހާ ފަރާތަކުން ވެސް ގަބޫލުކުރުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ގޮވާލައްވައިފި އެވެ.

ސެކްރެޓަރީ ޖެނެރަލް ބާންކީމޫންގެ ސްޕޯކްސް ޕާސަން ނެރުއްވި ބަޔާނުގައި، ބާން ވިދާޅުވި ކަމަށް ބުނެފައި ވަނީ ބައިނަލް އަގުވާމީ އެހީތެރިކަމާ އެކު މިދިޔަ ޖޫން މަހު އަލުން އެކުލަވާލި ކަމަށާއި އެ އަށް ފަހު އެކޮމިޝަނަކީ ހުރިހާ ޕާޓީއަކުން ގަބޫލުކުރާ އިތުބާރު ހުރި ތަހުގީގީ ނިޒާމެއް ކަމަށެވެ.

"ކޮމިޝަނުގެ ހޯދުންތައް ހުރިހާ ޕާޓީތަކަކުން ގަބޫލުކުރުމަށާއި ގައުމައަށް މިހާރު ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތައް ހައްލުކުުރުމަށް ގައުމީ މަޝްވަރާތައް މިހާރު ފެށުމަށް ސެކްރެޓަރީ ޖެނެރަލް ގޮވާލައްވަ އެވެ." އދ.ގެ ބަޔާނުގައިވެ އެވެ.

ސިޔާސީ ޕާޓީތަކުގެ މަތީފެންވަރުގެ މަޝްވަރާތައް މިއަދު ފަށާފައި ވާތީ އެކަމަށް މަރުހަބާ ވިދާޅުވާ ކަމަށާއި އެއީ އަދި އެއީ ގައުމީ އެއްބައިވަންތަކަން އަލުން އުފެއްދުމާއި ކުރިއަށް ދާނެ މަގެއް ކަމަށް ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ބާން ވަނީ ވިދާޅުވެފަަ އެވެ. އަދި ހުރިހާ ޕާޓީތަކުން ވެސް އެންމެ ބޮޑަށް އެއްބާރުލުމާއި ކެތްތެރިކަން ދެމެހެއްޓުމަށް އޭނާ ގޮވާލައްވާފައިވެ އެވެ.

ބާން އަދި ގޮވާލައްވާފައި ވަނީ ރާއްޖޭގެ ގާނޫނު އަސާސީ އަށް ހުރުމަތްތެރިކޮށް ހިތުމަށާއި ވާހަކަތައް ކުރިއަށް ގެންގޮސް، ޑިމޮކްރެޓިކް އިސްލާހުތައް ގެނެސް މުއައްސަސާތައް ވަރުގަދަ މަސައްކަތް ކުރުމަށެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހުން އެހީއަށް އެދޭ ފަރާތްތަކުން އެދޭ މިންވަރަށް އެހީތެރިކަން ދިނުމަށް ތައްޔާރަށް އޮތް ކަމަށް އދ.އިން ބުނާ ބުނުން މިފަހަރުގެ ބަޔާނުގައި ވެސް ވަނީ ތަކުރާރުކޮށްފަ އެވެ.

ކޯނީގެ ރިޕޯޓް ގަބޫލުކޮށް އެ ރިޕޯޓަށް އިހުތިރާމް ކުރުމަށް ކޮމަންވެލްތާއި އެމެރިކާ އިން ވެސް ވަނީ ރާއްޖޭގެ ސިޔާސި ފަރާތްތަކަށް ގޮވާލައްވައިފަ އެވެ.