30 Aug 2012, 20:26
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވީ ގޮތް ބެލުމަށް އުފެއްދި ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީ (ކޯނީ) ގެ ރިޕޯޓް ދިރާސާކުރަމުން ދާކަމަށް އެޕާޓީގެ ޗެއާރޕާސަން ރީކޯ މޫސާމަނިކު ވިދާޅުވެއްޖެ އެވެ.
ޕާޓީތަކުގެ މެދުގައި މިރޭ ފެށުމަށް ހަމަޖެހިފައިވާ ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ބަނޑޮސް ރިޒޯޓަށް ވަޑައިގަތުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރީކޯ މޫސާމަނިކު ވިދާޅުވީ ކޯނީގެ ރިޕޯޓް ނެރުމުގެ ކުރިން ގަހާ އަހުމަދު ސައީދު އިސްތިއުފާ ދެއްވުމާއިއެކު ރައީސް ނަޝީދުގެ ފަރާތްޕުޅުން ބޭފުޅަކު ނެތި އެރިޕޯޓް ނެރުނުކަމުގައި ވީނަމަވެސް އެމްޑީޕީން ގެ ގައުމީ މަޖިލިހުން އެރިޕޯޓް ދިރާސާކުރުމުގެ މަސައްކަތް ފަށާފައި ވާކަމަށާއި އެއަށް ފަހު ރިޕޯޓާއި ގުޅޭގޮތުން އެމްޑީޕީން ދެކޭގޮތް ބަލާނެ ކަމަށެވެ.
"ކޯނީގެ ރިޕޯޓް ނެރުނުކަމުގައި ވީނަމަވެސް ކޯނީގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގެންނެވި ބޭފުޅާ ވަނީ އިއްޔެ އިސްތިއުފާ ދެއްވާފައި. ދެން އެކޯނީގެ ރިޕޯޓް ނެރުނު އިރު އަޅުގަނޑުމެންގެ ފަރާތުން މީހަކު ނެތްކަމުގައި ވީނަމަވެސް އެ ރިޕޯޓް ދިރާސާކުރުމުގެ މަސައްކަތް އެބަކުރަމު،" ރީކޯ މޫސާމަނިކު ވިދާޅުވި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އައްބާސް އާދިލު ރިޒާ ވިދާޅުވީ ކޯނީގެ ރިޕޯޓް ނެރުމަށް ފަހު ރައީސް ނަޝީދަށް ހުށައެޅުމުން އެރިޕޯޓް ބަލައިގެންނެވުމަށް ނަޝީދު ދެކޮޅު ހެއްދެވި ކަމަށެވެ.
ކޯނީގެ ރިޕޯޓް ނިކުމުނު އިރު އެރިޕޯޓަކީ އެމްޑީޕީގެ ފަރާތުން ބައިވެރިވުން އޮތް ރިޕޯޓެއްކަމަށް ބުނެވެން ނެތްކަމަށް ވެސް މޫސަ ވިދާޅުވިއެވެ.
މިއަދު ނެރުނު ކޯނީގެ ރިޕޯޓުގައި ބުނެފައިވަނީ އެކޮމިޝަނުން ބެލި ބެލުމުންނާއި ހެކިތަކުންނާއި ހޯދި ހޯދުންތަކުން 7 ފެބްރުއަރީ 2012 ވަނަ ދުވަހު ދިވެހިރާއްޖޭގެ ވެރިކަން ބަދަލުވެފައި ވަނީ، ޤާނޫނު އަސާސީއާއި، ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަމަށާއި ފެބްރުއަރީ 6 އަދި 7 ވަނަ ދުވަހު ހިނގައި ދިޔަ ޙާދިސާތައް ޖުމްލަވީ ގޮތެއްގައި ހިނގާފައި ވަނީ، ކުރީގެ ރައީސް މުޙަންމަދު ނަޝީދު ޢަމަލުކުރެއްވި ގޮތުންކަމަށެވެ. އަދި ބުނެފައިވަނީ ރައީސް ނަޝީދު އިސްތިޢުފާ ދެއްވީ، އެއްވެސްކަހަލަ މަޖުބޫރީ ކަމެއް ނެތި، އަމިއްލަ ރުހުމުގައި ކަން، އިސްތިޢުފާ ދެއްވުމުގައި އެއްވެސް ކަހަލަ ޤާނޫނާ ޚިލާފު ޢަމަލެއް ނުވަތަ މަޖުބޫރު ކުރުވުމެއް ނުވަތަ ބިރުދެއްކުމެއް ނުވާ ކަމަށެވެ.
މިރޭފެށޭ އޯލްޕާޓީ ޓޯކުސް އާއި ގުޅޭގޮތުން މޫސަ ވިދާޅުވީ ޓޯކުސް ކުރިއަށް ދާނެ ގޮތުގެ އެޖެންޑާއެއް ލިބިފައިވާކަމަށާއި ސުލްހައިގެ ވާހަކަތައް ކަމިޔާބު ވެގެންދަނީ އިހުލާސްތެރިކަން ކުރިއަށް ނެރެގެން ކަމަށެވެ. އޭނާ ވިދާޅުވީ މިރޭ ފެށޭ ސުލްހައިގެ ވާހަކަތަކަށް އެމްޑީޕީން ތިންކަމެއް ހުށައަޅާނެ ކަމަށާއި އެކަންކަމާއި ގުޅޭގޮތުން އެހެން ޕާޓީތަކުން ދެކޭ ގޮތް ބަލާނެ ކަމަށެވެ. ނަމަވެސް އެކަންތަކާއި ގުޅޭ އިތުރު ތަފްސީލް އޭނާ ނުދެއްވައެވެ.
"އަޅުގަނޑު މިދަނީ އެމްޑީޕީގެ ނިންމުން ހިފައިގެން މީގައި މައިގަނޑު ތިންކަމެއްގެ މައްޗަށް ރާއްޖޭގެ މިވަގުތު ހަލާތާއި ގުޅޭ ގޮތުން އެތިން ކަންތަކުގެތެރެއިން މައުލޫތައް ހުޅުވާލުމުން އެހެން ޕަޓީތަކުން ދެކޭ ގޮތް ބެލުމަށް ފަހު އެބޭފުޅުން ކުރިއަށް ވަޑައިގެންނަވަން ބޭނުންވާ ގޮތް ދޭނަން ކަންކަން ނިންމަން،" މޫސަ ވިދާޅުވި އެވެ.
މިރޭގެ ސުލްހައިގެ ވާހަކަތައް ބަނޑޮސް އައިލެންޑު ރިސޯޓުގައި 9 ޖަހާއިރު ފަށާއިރު މިބައްދަލުވުމުގައި ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ބައިވެރި ވަޑައިގެންނަވާނެ އެވެ.