30 Aug 2012, 18:56
ފެބުރުއަރީ ހަތްވަނަ ދުވަހު ވެރިކަން ބަޣާވާތަކުން ވައްޓާލުމުގައި އިސްކޮށް ތިއްބެވި ފަސް މީހެއް ކަމަށް ބުނެ އޭރުގެ ރައީސް މުހަންމަދު ނަޝީދު ތުހުމަތުކުރެއްވި ފަސް މީހެއްގެ ބޭންކް އެކައުންޓްތައް ޗެކްކުރި ކަމަށާއި ނަމަވެސް އެއްވެސް ގޯހެއް ފެނިފައި ނުވާ ކަމަށް ކޯނީގެ ރިޕޯޓުގައި ބުނެފި އެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަޣާވާތްކޮށްލި ކަމަށް ބުނެ އެ މަނިކުފާނު ކޯނީ އަށް 67 މީހެއްގެ މައުލޫމާތު ދީފައިވާ ކަމަށާއި އޭގެ ތެރެއިން އެންމެ އިސްކޮށް ތިއްބެވީ މިހާރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި މިހާރުގެ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ މުހަންމަދު ފަޔާޒު އާއި އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި އަދި ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ކަމަށެވެ. އަދި އެމީހުންނަށް ފައިސާ ހަރަދުކުރެއްވީ ރައީސް މައުމޫން ކަމަށް ވެސް ނަޝީދު ތުހުމަތުކުރި ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެ ތުހުމަތުތަކާ ގުޅިގެން ރިޕޯޓުގައި ބުނެފައިވަނީ؛ "އެ ތުހުމަތުތަކުގެ މައްޗަށް ހެއްކެއް ފެނިފައެއް ނުވެ އެވެ،"
ރިޕޯޓުގައި ބުނަނީ އިސްކޮށް ތިއްބެވި ކަމަށް ނަޝީދު ތުހުމަތުކުރެއްވި ފަސް ބޭފުޅެއް ކޮމިޝަނަށް ހާޒިރު ކުރި ކަމަށާއި އަދި ބޭންކް އެކައުންޓްތައް ޗެކްކުރުމުގައި އެބޭފުޅުން އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ބުނުމުން އެ ފަސް ބޭފުޅުންގެ ބޭންކް އެކައުންޓްތައް ޗެކް ކުރި ކަމަށެވެ.
"ނަމަވެސް އެ ބޭންކް އެކައުންޓްތައް ބެލި ބެލުމުން އެއްވެސް ގޯސް މުއާމަލާތެއް އަދި ގޯހެއް އޮތް ކަމަށް އެ އެކައުންޓްތަކުން ފެންނާކަށް ނެތެވެ،" ރިޕޯޓުގައިވެ އެވެ. އަދި ނަޝީދު ހުށަހެޅުއްވި ލިސްޓުގައި ހުރި ނަންތަކުގެ ތެރެއިން އެ މީހުންނާ ގުޅުން ހުރި ބައެއް މައުލޫމާތުތައް ބަލައި ދިރާސާކުރުމުން ވެސް އެއްވެސް ކަމެއް ފާހަގަނުވާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ. ރައީސް ނަޝީދަށާއި އާއިލާ އަށް މަރުގެ އިންޒާރުދިން ކަމަށް ބުނާ މައްސަލަ ވެސް ވަނީ ކޯނީގެ ރިޕޯޓުގައި ފާހަގަކޮށްފަ އެވެ.
ކޯނީގެ ތަހުގީގަށް ނަޝީދު ވިދާޅުވި ކަމަށް ރިޕޯޓުގައި ބުނެފައި ވަނީ މަރުގެ އިންޒާރު އެމަނިކުފާނަށް ދީފައި ވަނީ ނާޒިމް ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށާއި ނަމަވެސް އޭގެ ފަހުން ކޯނީ އަށް މައުލޫމާތު ދެއްވަމުން އެއީ ނާޒިމާ އެކު ތޮލްހަތު ބޭއްވި ބައްދަލުވުމުގައި ނާޒިމް ދެއްވި އިންޒާރެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށެވެ. އަދި އެ އިންޒާރުގެ ވާހަކަ ރައީސް ނަޝީދަށް ދެއްވީ ހޯމް މިނިސްޓަރު އަފީފު ކަމަށް ވެސް ނަޝީދު ވިދާޅުވި ކަމަށެވެ.
ނަމަވެސް އެ ވާހަކަތައް ތޮލްހަތު އަދި ނާޒިމް ވެސް އަދި އެ ބައްދަލުވުމުގައި ބައިވެރިވި އެހެން ފަރާތްތަކުން ވެސް ދޮގުކޮށްފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.