ފިލްމު 'ކަބީ ޚުޝީ ކަބީ ޣަމް'ގެ ދެވަނަ ބައެއް އުފައްދަނީ
ފިލްމު 'ކަބީ ޚުޝީ ކަބީ ޣަމް'ގެ ދެވަނަ ބައެއް އުފައްދަނީ

އިންޑިއާގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު ކަރަން ޖޯހަރު 2001 ވަނަ އަހަރު ގެނެސްދިން ފިލްމު "ކަބީ ޚުޝީ ކަބީ ޣަމް"ގެ ސީކުއަލްއެއް އުފެއްދުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި މި ފިލްމުގެ ސްކްރީންޕްލޭ މަސައްކަތް ފަށާފައިވާއިރު މި އަހަރުގެ މެދުތެރޭގައި ފިލްމުގެ އަމަލީ މަސައްކަތް ފަށަން ކަރަން އަންނަނީ ތައްޔާރުވަމުންނެވެ.

ފިލްމު "ކަބީ ޚުޝީ ކަބީ ޣަމް 2"ގެ ނަމުގައި އުފައްދާ މި ފިލްމަކީ ޚުދު ކަރަން އަމިއްލައަށް ޑައިރެކްޓްކުރާ ފިލްމެއް ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ. ހަމައެއާއެކު ފުރަތަމަ ފިލްމެކޭ އެއްގޮތަށް ސީކުއަލްގެ ވާހަކަ ވެސް ބިނާކުރާނީ އާއިލީ ވާހަކައެއްގެ މައްޗަށް ކަމަށާއި ނަމަވެސް އެއީ މިޒަމާނަށް ފެތޭ ކަހަލަ ވާހަކައަކަށް ވާނެ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ފިލްމު "ކަބީ ޚުޝީ ކަބީ ޣަމް"ގެ މަންޒަރެއްގައި ޝާހްރުކް އާއި ކާޖޮލް--ފޮޓޯ/ފިލްމުފެއަ

ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ބުނެފައިވާ ގޮތުން މި ފިލްމަކީ މިފަހުން ދަރުމާއިން ގެނެސްދޭނެ އެންމެ ބޮޑު އެއް ފިލްމީ ޕްރޮޖެކްޓެވެ.

ކަރަން އެންމެފަހުން ޑައިރެކްޓްކޮށް ގެނެސްދިން "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ"އަށްފަހު އުފައްދާ މި ފިލްމަކީ އާއިލީ ލޯބީގެ ވާހަކަތަކަށް ކަރަންގެ ހިތުގައި އޮތް ލޯބި ބޮޑުކަމުން އަނެއްކާވެސް އެ ޖޯންރާގެ ފިލްމެއް އުފެއްދުމުގެ ޝައުގުވެރިކަމާ އެކު އައި ޚިޔާލެއް ކަމަށް ޕިންކްވިލާގައި ވަނީ ބުނެފައެވެ.

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި މި ފިލްމުގެ ލީޑް ރޯލުން ދެ އެކްޓަރުންނާ އެކު ދެ ބަތަލާއިން ފެންނާނެއެވެ. ފިލްމު ރަސްމީކޮށް އިއުލާނު ނުކުރާތީ މި ފިލްމުގެ ކާސްޓުންނާ ބެހޭ މައުލޫމާތާއި ފިލްމުގެ ވާހަކަ ވެސް އޮތީ ސިއްރުކުރެވިފައި ކަމަށާއި ވަރަށް އަވަހަށް މި ފިލްމުގެ ވާހަކަ ދަރުމާއިން މީޑިއާތަކާ ހިއްސާކުރާނެ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ހިންދީ ސިނަމާގެ އެންމެ މަގުބޫލު އަދި ކާމިޔާބު ފިލްމުތަކުގެތެރޭ ހިމެނޭ "ކަބީ ޚުޝީ ކަބީ ޣަމް"ގެ ކާސްޓުންގެތެރޭ އަމީތާބް ބައްޗަން، ޖަޔާ ބައްޗަން، ކާޖޮލް، ކަރީނީ ކަޕޫރު، ރާނީ މުކަރުޖީ، ޝާހްރުކް ޚާންއާއި ރިތިކް ރޯޝަން ހިމެނެއެވެ.

މި ފިލްމަށް ބޮކްސް އޮފީހުގައި ލިބުނު އާމްދަނީ އަދަދު 135 މިލިއަން ރުޕީސްއަށް އެރިއިރު 2001 ވަނަ އަހަރު ރިލީޒްކުރި އެންމެ ކާމިޔާބު ފިލްމަކީ ވެސް ކަރަންގެ "ކަބީ ޚުޝީ ކަބީ ޣަމް"އެވެ.