ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލުވި ގޮތް ތަހުގީގުކުރުމަށް އުފެއްދި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ)ގެ ހޯދުންތަކަށް އިހުތިރާމްކޮށް، ކެތްތެރިކަން ދަމަހައްޓައި، ގާނޫނުގެ ވެރިކަމަށް ކިޔަމަން ވުމަށް ޔުނައިނެޓް ސްޓޭޓްސް އޮފް އެމެރިކާ (ޔޫއެސްއޭ) އިން ގޮވާލައިފި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ ތަރުޖަމާނު ވިކްޓޯރިއާ ނޫލޭންޑް ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލުވުމަށް މެދުވެރިވި ސަބަބުތައް ބެލުމަށް އުފެއްދި މިނިވަން ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީގެ ރިޕޯޓް އާއްމުކުރުމުން މަރުހަބާ ކިޔާ ކަމަށެވެ.

"ތަފުސީލު އަދި ފުން ތަހުގީގެއް ކުރުމަށް ކޮމިޝަންގެ ކޯޗެއާއިން ކުރައްވާފައިވާ މަސައްކަތާއި ދައްކަވާފައިވާ ލީޑަޝިޕަށް އެމެރިކާ އިން ތައުރީފުކުރެ އެވެ." އެމެރިކާގެ ބަޔާނުގައިވެ އެވެ.

ބަޔާނުގައި އަދި ވަނީ ކޮމިޝަންގެ ހޯދުންތަކަށް ހުރިހާ ފަރާތަކުން އިހުތިރާމްކުރުމަށް އެމެރިކާއިން ގޮވާލާ ކަމަށެވެ.

"ކޮމިޝަނުން މިހާރު އެވަނީ ރިޕޯޓް އާއްމުކޮށްފަ އެވެ. އަހަރެމެން ގޮވާލަނީ ހުރިހާ ޕާޓީތަކަކުން (ކޮމިޝަންގެ) ހޯދުންތަކަށް އިހުތިރާމްކޮށް، ކެތްތެރިކަން ދަމަހައްޓައި ގާނޫނުގެ ވެރިކަމަށް ކިޔަމަންވުމާ އެކު ސުލްހަވެރި ގޮތެއްގައި ހިޔާލުފާޅުކުރުމަށެވެ." ބަޔާނުގައިވެ އެވެ.

އަދި ބުނެފައި ވަނީ މިވަގުތަކީ ރާއްޖޭގެ ގާނޫނު އަސާސީ އަށާއި ޑިމޮކްރެޓިކް މުއައްސަސާތަކަށް އިހުތިރާމްކޮށް، ދިވެހި ރައްޔިތުން އެދޭ ގޮތަށް، ހުރިހާ ޕާޓީތަކުން މަޝްވަރާކޮށްގެން މަސައްކަތް ކުރުމުގެ ވަގުތެވެ.

ކޯނީގެ ރިޕޯޓަށް އެމެރިކާ އިން މަރުހަބާ ކިޔައި، އެ ރިޕޯޓަށް އިހުތިރާމް ކުރުމަށް އެމެރިކާ އިން ގޮވާލާފައިވާ އިރު ކޮމަންވެލްތުން ވެސް ވަނީ އެކަމަށް ގޮވާލާފަ އެވެ.