30 Aug 2012, 16:47
ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލުވިގޮތް ތަހުގީގުކުރުމަށް އުފައްދާފައިވާ ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) އިން މިއަދު ނެރުނު ރިޕޯޓް ބަލައި ގަނެ، އެ ރިޕޯޓަށް ހުރިހާ ފަރާތްތަކުން އިހުތިރާމް ކުރުމަށް ކޮމަންވެލްތުން ގޮވާލައިފި އެވެ.
ކޮމަންވެލްތުން ދާދި ދެންމެ އާއްމުކުރި ބަޔާނުގައި ބުނެފައި ވަނީ ރިޕޯޓް އުފެއްދުމަށްޓަކައި ކޮމިޝަންގެ މެމްބަރުން ކުރައްވާފައިވާ ބުރަ މަަސައްކަތަށް ތައުރީފު ކުރައްވާ ކަމަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރުމާ ވިދާޅުވި ކަމަށެވެ.
"ކޮމިޝަންގެ މެމްބަރުން ކުރެއްވި ބުރަ މަސައްކަތްޕުޅަށް އަޅުގަނޑު ތައުރީފު ކުރަމެވެ. ކަމާ ބެހޭ ހުރިހާ ފަރާތްތަތަކުން ވެސް ރިޕޯޓަށް އިހުތިރާމް ކުރުމަށާއި ރިޕޯޓާ ގުޅޭ ގޮތުން އަޅާ ހުރިހާ ފިޔަވަޅެއް ވެސް ޒިންމާދާރުކަމާއި ގައުމީ މަސްލަހަތަށް އިސްކަން ދީގެން އެޅުމަށް އަޅުގަނޑު ގޮވާލަމެވެ." ޝަރުމާ ވިދާޅުވި ކަމަށް ކޮމަންވެލްތުގެ ބަޔާނުގައިވެ އެވެ.
ޝަރުމާ އަދި ވިދާޅުވެފައި ވަނީ ޑިމޮކްރެޓިކް އުސޫލުން ހިންގުމަށް ބޭނުންވާ އަސާސީ މުއައްސަަސާތަކާ ގުޅުން ހުރި، އެޑްރެސް ކުރަން ޖެހޭ ގިނަ މައްސަލަތަކެއް ރިޕޯޓްގައި ދެނެގަނެފައިވާ ކަން ވެސް ފާހަގަކުރައްވާ ކަމަށެވެ. އެގޮތުން ގާނޫނުގެ ވެރިކަން ހިންގުމާއި އަދުލު އިންސާފު ހިންގުމާއި ރައްޔިތުންގެ މަޖިލީހާއި މީޑިއާއާ ގުޅުން ހުރި މައްސަލަތައް ހާއްސަކޮށް ފާހަގަވާ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.
"ކަމާ ގުޅޭ ހުރިހާ ފަރާތަކުން ވެސް ހަމަޖެހުމާއި ފަރުވާތެރިކަމާ އެކު ފިޔަވަޅު އެޅުމުގެ ފުރުސަތު ރިޕޯޓްގެ ސަބަބުން ވަނީ ލިބިފައެވެ. އަދި ވާހަކަ ދެއްކުމާއި އަލުން އެކުވެރި ވުމާ އެކު ކުރިއަށްދާނެ މަގެއް ވަނީ ކޮށައިފަ އެވެ. އެންމެހާ ދިވެހިން ކުރަން ޖެހިފައިވާ ކަމަކަށް ވާން ޖެހޭނީ ޑިމޮކްރަސީ ހަރުދަނާ ކުރުމެވެ. އެކަމަށް ޓަކައި ސުލްހަވެރި ޖައްވަކާއި އިޖުތިމާއީ ހަމަޖެހުން ބޭނުންވާނެއެވެ." ޝަރުމާ ވިދާޅުވެފައިވެ އެވެ.
ސެކްރެޓަރީ ޖެނެރަލް ޝަރުމާ އަދި ވިދާޅުވެފައި ވަނީ ގައުމު ބިނާކުރުމާއި މުއަައްސަަސާތައް ބިނާކުރުމަކީ ގިނަ ދުވަސްތަކެއް ހޭދަވާނެ އުނދަގޫ މަސައްކަތެއް ކަމަށެވެ. އަދި އިހުލާސްތެރިކަމާ އެކު ވާހަކަ ދެއްކުމާއި މަސައްކަތާއި ވަގުތު ދީގެން ޑިމޮކްރަސީއާއި ތަރައްގީގައި ކުރިއަށް ދާނެ ބިންގަލެއް ރާއްޖޭގައި ބިނާކުރެވިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އަދި މިހާ ހިސާބުން، ސުލްހަވެރިކަމާއެކު ކުރި ދިއުމަށާއި ޑިމޮކްރެޓިކް މުއައްސަސާތައް ވަރުގަދަ ކުރުމަށް ރާއްޖެ އަށް އެހީތެރިވެދެވޭނީ ކޮން ގޮތަކަށްތޯ ބެއްލެވުމަށް ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް އަލުން ޒިޔާރަތް ކުރެއްވުމަށް ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ސާ ޑޮނަލްޑް މެކެނަންގެ އަރިހުން އެދިވަޑައިގެންވާނެ ކަމަށް ވެސް ޝަރުމާ ވިދާޅުވެފައިވެ އެވެ.
މިއަދުން ފެށިގެން ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދެވުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ނިންމަވާފައިވާ ނިންމެވުމަށް ޝަރުމާ ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. އޭނާ އަދި ވިދާޅުވެފަައި ވަނީ ބިނާކުރިވި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެހީތެރި ވެވަޑައިގެންނެވުމަށް ޓަކައި ރައީސް ވަހީދާއި ކުރީގެ ރައީސް ނަޝީދާ ގުޅުއްވަމުން ގެންދަވާނެ ކަަމަށެވެ.