މާލޭގެ ކުނި ގޮނޑު ރޯކޮށްލަން މަސައްކަތްކުރަމުން ދިޔަ ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މިއަދު 16:30 ކަންހާއިރު ނީލަންފިހާރަ ހިމެނޭ ކުނިގޮނޑުގައި އަލިފާން ރޯކޮށްލަން އުޅެނިކޮށް ހައްޔަރުކުރީ ދެ ފިރިހެނުން ކަމަށެވެ. ނަމަވެސް އެމީހުނާއި ބެހޭ އިތުރު މައުލޫމާތެއް ނުދެއްވަ އެވެ.

ވިދާޅުވީ އެދެމީހުން ހައްޔަރުކޮށްފައި ވަނީ މާލެތެރެ ޕެޓްރޯލް ކުރަންއުޅުނު ފުލުހުން ކަމަށާއި އެ ދެމީހުން ހައްޔަރުކުރި އިރު އަލިފާން ރޯކޮށްލުމަށް ބޭނުންކުރާ ސާމާނު ވެސް ފެނިފައިވާ ކަމަށާއި އެމައްސަލަ މިހާރު ތަހުގީގް ކުރަމުން އަންނަ ކަމަށެވެ.

ދެމީހަކު ނީލަން ފިހާރަ ހިމެނޭ ގޮނޑުގައި އަލިފާން ރޯކުރުމަށް މަސައްކަތް ކޮށްފައިވާއިރު މިއަހަރުގެ މާޗްމަހުގެ 19 ވަނަ ދުވަހު ރައީސް ޖުމްހޫރިއްޔާ މުހައްމަދު ވަހީދު ހަސަން މަނިކު ރިޔާސީ ބަޔާން އިއްވުމުގެ މަސައްކަތް ކުރިދުވަހުވެސް ވަނީ އެގޮނޑުގައި އަލިފާން ރޯކޮށްލާފައެވެ. އަދި އެދުވަހު އެގޮނޑުގެ ބޮޑުބައެއް ވަނީ އެއްކޮން އަދާ ހުލިވެފައެވެ.