14:52


ރަށު ކައުންސިލްތަކާ އަތޮޅު ކައުންސިލްތައް އުފައްދާ ނިމޭއިރު ދައުލަތުގެ ބަޖެޓުގައި އެހެން ކަމަކަށް ހަރަދުކުރާނެ އެއްޗެއް ހުންނާނެކަމާ މެދު ސުވާލު އުފެދޭ ކަމަށް ޤައުމީ ޕާޓީން ބުނެފި އެވެ.


ޤައުމީ ޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އަތޮޅު ކައުންސިލަރަކަށް 25 ހާސް ރުފިޔާ ލިބޭއިރު ރަށު ކައުންސިލަރުންނަށް 15 ހާސް ރުފިޔާ އާއި 10 ރުފިޔާ އަދަދެއް ލިބޭނެ ކަމަށެވެ. ކޮންމެ އަތޮޅެއްގައި ފަސް އަތޮޅު ކައުންސިލަރުން އަދި ކޮންމެ ރަށެއްގައި ފަސް ރަށު ކައުންސިލަރުން އިންތިހާބްކުރާނެ ކަމަށް އަތޮޅު ކައުންސިލްތަކާ ރަށު ކައުންސިލްތަކާ ބެހޭ ބިލްގައި ބުނެފައިވާއިރު ސުވާލު އުފެދޭ ކަމަކީ ކޮމިޝަންތަކާއި ބޯޑުތަކާއި ޓްރައިބިއުނަލްތަކާއި އޮތޯރިޓީތަކުގެ އިތުރުން ރަށު ކައުންސިލްތަކާ ސިޓީ ކައުންސިލްތައް އުފައްދާ އެތަންތަނަށް ކައުންސިލަރުން އިންތިހާބްކޮށް މުސާރަދީ ނިމޭއިރު ދައުލަތުގެ ބަޖެޓުގައި އިތުރު ކަމެއް ކުރާނެ ބަޖެޓް އޮންނާނެ ކަމާމެދު ކަމަށްވެސް ޤައުމީ ޕާޓީން ބުނެ އެވެ.


ޤައުމީ ޕާޓީން ބުނީ މިހާރު އުފައްދާފައިވާ މި މުއައްސަސާތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި މެންބަރުންނާއި މުވައްޒަފުންނާއި އިމާރާތްތައް ބޭނުންވާ ކަމަށާއި އެތަންތަނުގެ މެންބަރުންނަށާއި މުވައްޒަފުންނަށް ދޭ މުސާރައިގެ އިތުރުން އިދާރީ ގޮތުން ކުރަންޖެހޭ ޚަރަދުތަކީ ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ޚަރަދެއް ކަމަށެވެ. އަދި މުސްތަގިއްލު ކޮމިޝަނެއްގައި މަދުވެގެން ފަސް މެންބަރުން ތިއްބަވާއިރު އެތައްބައިވަރު މުވައްޒަފުންނެއް ގެންގުޅުއްވާ ކަމަށާއި ކޮމިޝަންތަކުގެ މެންބަރުންގެ މުސާރަ 40 އާއި 45 ހާސް ރުފިޔާއާ ދެމެދުގައި ގުނާލެވޭ ކަމަށްވެސް އެބަޔާނުގައިވެ އެވެ.


މީގެއިތުރުން ފަޑިޔާރުންގެ މުސާރަ 73 ހާސް ރުފިޔާއާއި 20 ހާސް ރުފިޔާއާއި ދެމެދުގައި ހިމެނޭ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ފަސްދޮޅަސް ދެހާސް ރުފިޔާ ލިބޭއިރު އާއިލާއަށް ބޭސްފަރުވާކުރުމަށް ރާއްޖޭން ބޭރަށް ދިއުމުގެ ހުރިހާ ކަމެއް މައިންބަފައިންނާއި 18 އަހަރުން ދަށުގެ ދަރިން ހިމެނޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިހާރު ކޮމިޝަންތަކާއި މުއައްސަސާތަކުގެ އެންމެ އިސް ވެރިންނަށާއި ސުޕްރީމް ކޯޓާއި ހައިކޯޓުގެ ފަޑިޔާރުންނަށް ކާރާއި ޑްރައިވަރ ހަމަޖައްސާގޮތަށް ވިސްނަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި މިހުރިހާ ޚަރަދަކީ ދައުލަތަށް ލިބޭ 7 ބިލިއަނުން ކުރަންޖެހޭ ޚަރަދެއް ކަމަށްވެސް ޤައުމީ ޕާޓީގެ އެބަޔާނުގައިވެ އެވެ.


ކޮމިޝަންތަކާއި ބޯޑްތަކާއި ޓްރައިބިއުނަލްތައް އުފައްދަމުން އަންނަ ނިސްބަތައް ބަލާއިރު ދިވެހިރާއްޖެއާއި ވާދަކުރެވޭނެ އެހެން ދެވަނަ ޤައުމެއް ދުނިޔޭގައި އޮންނާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި މަޖިލީހުން ފާސްކުރާ ކޮންމެ ޤާނޫނަކާއެކު ކޮމިޝަނެއް ނުވަތަ ބޯޑެއް އުފަންވަމުން އަންނަ ކަމަށްވެސް ގައުމީ ޕާޓީގެ ނޫސްބަޔާނުގައިވެ އެވެ. އަދި މިއީ ޑިމޮކްރަސީ ހަރުދަނާކުރުމަށް އުފައްދާ ތަންތަން ކަމަށްވަންޏާ މިގައުމުހާ ފުރިހަމަ ޑިމޮކްރަސީއެއް ދުނިޔޭގެ އެހެން އެއްވެސް ގައުމަކުން ނުފެންނާނެ ކަމަށްވެސް ޤައުމީ ޕާޓީން ވަނީ ބުނެފަ އެވެ.


އަށާރަ ދަރަޖައަކަށް ގިންތިކޮށް، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަން ޖެހޭ ދައުލަތުގެ މަގާމުތަކުގެ މުސާރައިގެ އޮނިގަނޑު މާލިއްޔަތު ކޮމިޓީން މިހާރު ވަނީ އެކުލަވާލާފަ އެވެ. އަދި މި އޮނިގަނޑުގައިވާ އަށާރަ ދަރަޖައިގެ ތެރެއިން އެންމެ މަތީ ދަރަޖައިގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހިމެނޭއިރު އެންމެރަށު ދަރަޖައިގައި ހިމެނެނީ ކައުންސިލްތަކުގެ މެންބަރުންނެވެ.