30 Aug 2012, 16:22
ރައްޔިތުން މަޖިލީހުގެ ޖަލްސާތައް މުއްދަތެއް ނެތް ގޮތަށް ހުއްޓާލާފައި އޮތުމަށް ފަހު، މަޖިލީހުގެ ގަވާއިދުގެ ދަށުން އެއް މަސްދުވަހުގެ ޗުއްޓީއަށް މަޖިލިސް ދާން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ނިންމަވައިފި އެވެ.
މަޖިލިސް ކުރިއަށް ގެންދެވޭނެ ފަދަ އެކަށީގެންވާ މާހައުލެއް ނެތް ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މަޖިލީހުގެ ޖަލްސާތައް މެދުކަނޑައިލެއްވީ ޖުލައި 31 ގައެވެ. އޭގެ ފަހުން މަޖިލީހުގެ ޖަލްސާއެއް ބާއްވާފައި ވަނީ އާންމު ގަވާއިދުތަކާ ބެހޭ ގާނޫނަށް ބާރު ދިނުމަށް މި މަހުގެ ހަ ވަނަ ދުވަހު އެވެ.
މަޖިލީހުގެ އިދާރާއިން މިއަދު ބުނީ މަޖިލީހުގެ ޖަލްސާތައް ދެން ފެށޭނީ އަންނަ އޮކްޓޯބަރު މަހުގެ އެކެއްގައި ކަމަށެވެ. މަޖިލީސް ރިސެސްގައި އޮތް ނަމަވެސް ސެޕްޓެމްބަރު މަހުގެ ތެރޭގައި ކޮމެޓީގެ ޖަލްސާތައް ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް މަޖިލީހުގެ އިދާރާއިން ބުންޏެވެ.
މަޖިލީހުގެ ގަވާއިދުގައި ބުނަނީ މަޖިލީހުގެ ކޮންމެ ދައުރެއްގައި މަޖިލީހުގެ މެންބަރުންނަށް އެއް މަސްދުވަހުގެ ޗުއްޓީއެއް ލިބިވަޑައިގަންނަވާނެ އެވެ. އެގޮތުން ޖޫން މަހުވެސް މަޖިލީހުގެ މެންބަރުން ވަނީ ޗުއްޓީ ނަންގަވައިފަ އެވެ. އަދި ކޮންމެ އަހަރަކުވެސް މަޖިލިސް ހުޅުވަނީ މާޗް އެކެއްގައި ކަމަށް ވުމުން ޖެނުއަރީ އަދި ފެބުރުއަރީ ވެސް މަޖިލީހުގެ މެންބަރުންނަށް ލިބިވަޑައިގަންނަވާނީ ޗުއްޓީގެ ގޮތުގަ އެވެ.
ބަޔާން މެދުވެރިކުރައްވައި ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެފައިވަނީ ގާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހަށް ލާޒިމް ކުރާ ޒިންމާތައް އަދާކުރުމުގައި ހިޔާލުތަފާތުވައި މައްސަލަތަކުގައި މަޝްވަރާކޮށް ހައްލުތަކެއް ހޯދަން ޖެހޭ ކަމަށާއި އެ މައްސަލަތަކުގައި ކުރިއަށް އޮތް ތަނުގައިވެސް މަޝްވަރާ ކުރާނެ ކަމަށެވެ.
ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ހުއްޓުވުމަށް އެއްވެސް އުޒުރެއް މިހާރަކު ނެތް ކަމަށާއި މީގެ ކުރިން ދައްކަވަމުން ގެންދެވި ބަހަނާތައްވެސް ކޯނީގެ ރިޕޯޓުން ސާފުވެގެން ހިނގައްޖެ ކަމަށެވެ.
"އާސަންދައޭ މިހެން ގޮސް އެކި އިޝޫތައް ނަނަގަވައިގެން މީގެ ކުރިން މަޖިލިސް ހުއްޓުވަމުން ގެންދެވީ، އެ ގޮތުން ދެއްކެވި އިޝޫތައް މިއަދުގެ ކޯނީގެ ރިޕޯޓުން ސާފުވެއްޖެ، އެހެންވީމައި އަޅުގަނޑުމެން އާ ފެށުމަކުން ފަށަން ޖެހޭނީ، އެހެންވީމައި ދެން މަޖިލިސް ހުއްޓުވުމަށް އުޒުރެއް ނެތް،" ނާޒިމް ވިދާޅުވި އެވެ.
ނަމަވެސް ކޯނީގެ ރިޕޯޓް އާންމުކުރުމާއި އެކު އެމްޑީޕީން އަންނަނީ އެ ރިޕޯޓް ގަބޫލުނުކުރާނެ ކަމަށްބުނެ އެކަމާއި ދެކޮޅަށް އަޑުއުފުލަމުންނެވެ.