30 Aug 2012, 16:13
ޒުވާނުންގެ ޤައުމީ މަޖިލީހުގެ ރައީސްގެ މަޤާމަށް ވިލިނގިލި ވަސްމީރުފިޔަ އަލްއުސްތާޛް އަހުމަދު އުސާމް އިންތިޙާބުކޮށްފި އެވެ.
އެޓާނީ ޖެނެރަލް އޮފީހުގެ ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލްގެ މަގާމު ވެސް ފުރުއްވާ، އުޝާމު، ރައީސްގެ މަގާމަށް އިންތިހާބު ކުރީ އިއްޔެ ރޭ ބޭއްވުނު، އެ މަޖިލީހުގެ މިއަހަރުގެ 16 ވަނަ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ ފުރިހަމަ އަޢުލަބިއްޔަތުންނެވެ.
ޒުވާނުންގެ ޤައުމީ މަޖިލީހުގެ ނައިބް ރައީސްގެ މަޤާމުގައި ހުންނެވީ މ. ސްލިޕްވޭ ޢަބްދުﷲ ޝުހޫދު އެވެ.
ޒުވާނުންގެ ޤައުމީ މަޖިލީހަކީ ޒުވާނުންގެ ތަރައްޤީއަށް މަސައްކަތްކުރުމުގައި ޒުވާނުންނާއި ޒުވާނުންގެ ދާއިރާގައި ޙަރަކާތްތެރިވާ ކްލަބް ޖަމުޢިއްޔާތަކާއި ޖަމާއަތްތައް ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ޤައުމީ ފެންވަރުގައާއި ސަރަޙައްދީ ފެންވަރުގައި އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް ޒުވާނުންގެ ވަޒީރަށް ލަފައާއި މަޝްވަރާދީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޒުވާނުންގެ ވަޒީރު އައްޔަން ކުރާ މަޖިލިހެކެވެ.
ކުޅިވަރާ ބެހޭ މިނިސްޓުރީން، ޒުވާނުންގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާއާއި ލަފާ ދިނުމަށްޓަކައި، ޒުވާނުންނާ ގުޅޭ އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ 13 މެންބަރުންގެ މައްޗަށް އެކުލެވޭ މި މަޖިލީސް އެންމެ ފަހުން އެކުލަވާލެވިފައި ވަނީ 18 އޭޕްރިލް 2012 ގައެވެ.