30 Aug 2012, 16:05
ފަނޑިޔާރުންނަށް އިންޒާރުދީ ކޯޓުތަކުގެ މަސައްކަތަށް ނުފޫޒު ފޯރުވާ މީހުންނާ މެދު ގާނޫނީ އިމުގެ ތެރެއިން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ކަމާ ބެހޭ އެންމެހާ މުއައްސަސާތަކަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ގޮވާލައިފި އެވެ.
ޖޭއެސްސީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނަނީ ފަނޑިޔާރުންނަށާއި ކޯޓުތަކުގެ މަސައްކަތަށް ނުފޫޒުފޯރުވައި ފަނޑިޔާރުންނަށް ބިރުދައްކައި ތަފާތު އިންޒާރުތައް ދެމުންގެންދާ ކަމުގެ މައުލޫމާތު އެ ކޮމިޝަނަށް ލިބެމުންދާ ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެފަދަ ދަށުދަރަޖައިގެ އަމަލުތަކަކީ ރާއްޖޭގައި އަދުލު އިންސާފު ގާއިމުކުރުމަށް ލިބިފައިވާ މިނިވަން އަމާން މާހައުލަށް ހުރަސްއެޅޭނެ ކަމެއް ކަމަށް އެ ކޮމިޝަނުން ދެކޭ ކަމަށެވެ.
އެ ބަޔާނުގައި ބުނަނީ ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒުފޯރުވުމަކީ ގާނޫނު އަސާސީ އިން ކަނޑައެޅިގެން މަނާކޮށްފައިވާ ކަމެއްކަން ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ނ) އިން އެނގޭ ކަމަށެވެ. އަދި އެފަދަ އަމަލުތަކީ އޭގެ ސަބަބުން އެތައް ބައެއްގެ ހައްގުތައް ގެއްލި، ހައްގުތައް ހޯދުމަށް ލިބިފައިވާ ފުރުސަތަށް ހުރަސްއެޅޭނެ ކަމެއް ކަމަށް އެ ކޮމިޝަނުން ދެކޭ ކަމަށެވެ.
އެހެންކަމުން އެއްވެސް ފަރާތަކުން، އެއްވެސް ހާލަތެއްގައި ފަނޑިޔާރުންގެ މަސައްކަތަށް ބުރޫއަރައި ނުފޫޒުފޯރާ ފަދަ އެއްވެސް އަމަލެއް އެއްވެސް ސިފައެއްގައި ނުކުރުމަށް އިލްތިމާސްކުރާ ކަމަށް ވެސް ޖޭއެސްސީގެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނަނީ ގާނޫނު އަސާސީއާއި ހެދިފައިވާ ގާނޫނުތަކުގެ އިމުގެ ތެރެއިން އެފަދަ ޖަރީމާތައް ހިންގާ މީހުންނާ މެދު އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ކަމާ ބެހޭ އެންމެހާ މުއައްސަސާތަކަށް ގޮވާލާ ކަމަށެވެ. އަދި އެފަދަ އަމަލުތައް ހިންގާ މީހުންނާ މެދު ގާނޫނީ އިމުގެތެރެ އިން އަޅަން ޖެހޭ އެއްވެސް ފިޔަވަޅެއް އެޅުމަކަށް އެކޮމިޝަނުން ފަހަށް ނުޖެހޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"މިފަދަ ކަންކަމަކީ އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާ މެދު ފިޔަވަޅު ނާޅައި ދޫކޮށްލެވޭނެ ކަންކަމެއް ނޫނެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ހެދިފައިވާ ޤާނޫނުތަކުގެ އިމުގެ ތެރެއިން މިފަދަ ޖަރީމާތައް ހިންގާ ފަރާތްތަކާ މެދު އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ކަމާ ބެހޭ އެންމެހާ މުއައްސަސާތަކަށް މިކޮމިޝަނުން ގޮވާލަމެވެ. އަދި މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަމާ މެދު ޤާނޫނީ އިމުގެތެރެއިން އަޅަން ޖެހޭ އެއްވެސް ފިޔަވަޅެއް އެޅުމަކަށް މިކޮމިޝަނުން ފަހަށް ނުޖެހޭނެ ވާހަކަ ވެސް ދަންނަވަމެވެ،" ޖޭއެސްސީގެ ބަޔާާނުގައިވެ އެވެ.
މީގެ އިތުރުން އެބަޔާނުގައި ބުނަނީ ގާނޫނުގެ ވެރިކަން ދެމެހެއްޓުމަށް ޓަކައި ގާނޫނީ ގޮތުން ރާއްޖޭގައި އުފެދިފައިވާ ހުރިހާ ކޯޓުތަކުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަމަކީ، މުޅިޤައުމުގެ ހަމަޖެހުމާއި އަމަން އަމާންކަން އެކަމާ ގުޅިފައިވާ ކަމެއްކަމަށް އެ ކޮމިޝަނުން ދެކޭ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ކޯޓުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގައި ރާއްޖޭގެ ސަލާމަތީ ބާރުތަކުން ކުރަމުންގެންދާ މަސައްކަތްތަކަށް، ރާއްޖޭގެ އެންމެހާ ރައްޔިތުން ފުރިހަމައަށް އެއްބާރުލުން ދެއްވައި އަދި ކޯޓުތަކުގެ ހުރުމަށްތެރިކަން ދެމަހައްޓައި ކޯޓުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ހުރިހާ ފަރާތްތަކުން މަސައްކަތްކޮށްދެއްވުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސްކުރާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.