08 Jan 2026, 22:31
ފާއިތުވެދިޔަ އެއް މަސް ދުވަހުގެ ތެރޭ 104 މަސާޖު ޕާލާ ބަންދުކޮށްފައިވާނެ ކަމަށާއި، 200 އެތައް ތަނެއް އަދިވެސް ބަންދުކުރަން ޖެހޭ ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ ޕީއެންސީގެ އޮފީސް އިމާރާތް ހުޅުވައިދެއްވުމަށްފަހު ރައީސް ވިދާޅުވީ، މި ގައުމުގައި މޫލާފައި ހުރި ނުބައި އާދަތައް ނައްތާލަން ރައްޔިތުންގެ މަޝްވަރާ ހޯދައި ސަރުކާރުން ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށާއި، އެގޮތުން ކުރާ އެއް ކަމަކީ މަސާޖު ޕާލާތައް ބަންދުކުރުން ކަމަށެވެ.
ވޭތުވެދިޔަ ސަރުކާރުތަކުން މަސާޖު ޕާލާތައް ބަންދުކުރަން މަސައްކަތްކުރި ނަމަވެސް، އެދެވޭ ނަތީޖާއެއް ނެރެވިފައިނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ނިމިދިޔަ ޑިސެންބަރު މަހުގެ ނުވަވަނަ ދުވަހުން ފެށިގެން މިއަދުގެ މިހާތަނަށް 104 ތަނެއް ބަންދުކުރެވިފައިވާ ކަމަށެވެ. އަދިވެސް 200އަށް ވުރެ ގިނަ ތަންތަން ބަންދުކުރަން ޖެހޭކަން ކަމާބެހޭ އިދާރާތަކުން ފާހަގަކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވިގޮތުގައި ނުބައި އާދަތައް ނައްތާލުމުގެ ރޫހު ގެންގުޅޭ ބަޔަކަށް އެންމެން ވާން ޖެހެއެވެ.
"އެހެންވީމާ ކުރިއަށް އޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެ ތަންތަން ހިންގާ ފަރާތްތަކުން އެ ތަންތަން އަމިއްލައަށް ބަންދުކޮށް، ނުގަވައިދުން ކުރާ ހުރިހާ ކަމެއް ހުއްޓައިލައި، ޓޫރިސްޓް ވިސާގައި ގެނެސް ތިބި ބިދޭސީން އަމިއްލައަށް ފޮނުވާލައިގެން ނަމަވެސް، މިތަންތަން އަމިއްލައަށް ބަންދުކުރުމަކީ އެންމެ ރަނގަޅު ގޮތް،" ރައީސް ވިދާޅުވިއެވެ.
މާލޭގައި މަސާޖު ޕާލާތައް ގިނަކަމުގެ ޝަކުވާ އާންމުން ކުރަމުން އަންނައިރު، އެ ފަދަ ތަންތަން ބަންދުކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް މިދިޔަ މަހު ނުވަވަނަ ދުވަހު ވަނީ ފަށައިފައެވެ.
މަސާޖު ޕާލާތަކުގެ ނަމުގައި ހަށިވިއްކާ ތަންތަން ރާއްޖޭގައި ހިންގާތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ. އެކިއެކި އޮޕަރޭޝަންތައް ހިންގައި ދޭތެރެދޭތެރެއިން އެފަދަ ބައެއް ތަންތަން ބަންދުކޮށް, އެ ކުށް ކުރާ މީހުން ހައްޔަރު ވެސް ކުރެއެވެ.
އެ ފަދަ ވިޔަފާރިތަކުގައި ބިދޭސީން ވެސް އުޅެއެވެ. މި ގޮތުން، އިމިގްރޭޝަނުން އަންނަނީ، އެ ފަދަ ބިދޭސީން ހައްޔަރުކޮށް، ބިދޭސީންނާ ހަވާލުކޮށްގެން ވިޔަފާރިތައް ހިންގާ ދިވެހީންނަށް ފިޔަވަޅު އަޅަމުންނެވެ.