30 Aug 2012, 16:00
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަމީން ފައިސަލް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި އެވެ.
ބައެއް ސޯޝަލް ނެޓް ވޯކްތަކުގައި ބުނެފައިވާ ގޮތުގައި އަމީން ފައިސަލް ފުލުހުންގެ އިދާރާ އަށް މާދަމާ ރޭ ހާޒިރުވުމަށް ފުލުހުންގެ އިދާރާ އިން ވަނީ އޭނާ އަށް ޗިޓް ފޮނުވައިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފު މިއަދު ވިދާޅުވީ ފުލުހުން ބަލަމުން ގެންދާ މައްސަލައަކާ ގުޅިގެން އަމީން ފައިސަލް މާދަމާ ރޭ 9 ޖަހާ އިރަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް މިއަދު މެންދުރު ޗިޓް ފޮނުވާފައިވާ ކަމަށާއި އެޗިޓާ ހަވާލުވެފައި ވަނީ އަމީން ފައިސަލްގެ އާއިލާ އިން ކަަމަށެވެ.
ނަމަވެސް ފުލުހުން ބަލަމުން ގެންދާ އެ މައްސަލައާ ބެހޭ އެއްވެސް ތަފްސީލެއް އޮފިޝަލް ނުދެއްވަ އެވެ.
ނަޝީދުގެ ސަރުކާރުގައި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ކަމުގެ މަގާމުގައި ވެސް ހުންނެވި އަމީން ފައިސަލަށް ފޮނުވި އެޗިޓާ ހަވާލުވެފައި ވަނީ އަމީން ފައިސަލްގެ އަނބިކަނބަލުން ކަމަށް ސަން އަށް ވަނީ ކަށަވަރުވެފަ އެވެ.