30 Aug 2012, 15:46
ސްޕެނިސް ސުޕަ ކަޕުގައި ރޭ ވާދަވެރި ބާސެލޯނާ އަތުން 2-1 ލަނޑުން މޮޅުވެ، މުބާރާތުގެ ތަށި ރެއާލް މެޑްރިޑުން ކާމިޔާބު ކޮށްފި އެވެ.
ރޭގެ މެޗް ރެއާލްއިން ކާމިޔާބުކޮށް މުބާރާތުގެ ތަށި އެޓީމުން އުފުލާލި އިރު، މި ދެ ޓީމް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ފުރަތަމަ ލެގު 3- 2 އިން ބާސެލޯނާ ކާމިޔާބުކޮށްފައިވުމުން ދެ ލެގުގެ އެގްރިގޭޓުން ދެ ޓީމު 4- 4 ވަނީ އެއްވަރުވެފަ އެވެ. އެހެން ކަމުން ރެއާލްއަށް މުބާރާތުގެ ތަށި މިފަހަރު ލިބުނީ އެޓީމް ރަށުން ބޭރުގައި ޖަހާފައިވާ ލަނޑުގެ އަދަދު ގިނަވުމުންނެވެ.
ރޭގެ މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ރެއާލް މެޑްރިޑުންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި ރެއާލަށް ލީޑް ނަގައި ދިނީ ގޮންޒާލޯ ހިގައިނެވެ. އަދި އޭގެ އަށް މިނެޓް ފަހުން ރެއާލްގެ ލީޑް ފުޅާކޮށްދިނީ ހުނަރުވެރި ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
މެޗުން މޮޅުވި ރެއާލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ 28 ވަނަ މިނެޓުގައި ބާސެލޯނާގެ ޑިފެންޑަރު އެދްރިއާނޯއަށް ރެފްރީ ވަނީ ރަތްކާދު ދައްކާ ދަނޑުން ފޮނުވާލައިފަ އެވެ. އޭނާ އަށް ރެފްރީ ރަތްކާޑު ދެއްކީ ރެއާލްގެ ފޯވާޑް ރޮނާލްޑޯ އަށް ކުރި ފައުލަކާ ގުޅިގެންނެވެ.
ރޭގެ މެޗުގައި ބާސާއިން ރެއާލް ކޮޅަށް ޖެހި އެޓީމުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ކާމިޔާބު ކޮށްދިނީ ފޯވާޑް ލިއޮނަލް މެސީ އެވެ.
ރޭގެ މެޗަށް ފަހު ރެއާލްގެ ފޯވާޑް ރޮނާލްޑޯ ބުނެފައި ވަނީ، އޭނާގެ ޓީމުން މޮޅުކުޅުމެއް ބާސާއާ ދެކޮޅަށް ރޭ ކުޅުނު ކަމަށާއި އޭގެ ފުރިހަމަ ނަތީޖާ ލިބިއްޖެ ކަމަށެވެ. އަދި މެޗުގެ ކުރީ ކޮޅު ބާސާގެ ގޯލް ފޫއަޅުވާލެވުމުން އިތުރު ހިތް ވަރެއް ލިބި، މޮޅުވުމުގެ އުންމީދު ހުރިހާ ކުޅުންތެރިންނަށް އާވެގެން ދިޔަކަމަށް ވެސް ރޮނާލްޑޯ ބުންޏެވެ.
ރެއާލުގެ އެސިސްޓެންޓް ކޯޗު އެއިޓާ ކަރަންކާ ބުނީ، ބާސާއާ ދެކޮޅަށް ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށެވެ. "މިމޮޅަކީ ޓީމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ވަރަށް މަސައްކަތް ކުރި. ބާސާއާ ދެކޮޅަށް ކުޅެ ނަތީޖާ ނިކުތީ އެންމެ ބޭނުންވި ގޮތަށް،" ކަރަންކާ ބުންޏެވެ.