30 Aug 2012, 15:45
ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓް އެމްޑީޕީން ގަބޫލުނުކުރާ ކަމަށް ބުނެ މާލޭގެ މަގުތަކަށް ނުކުމެ ހަމަނުޖެހުން އުފެދޭ ގޮތަށް ކަންކަން ކުރުމަށް ގޮވާލާފައިވާ ކަމަށާއި ނަމަވެސް ހަމަނުޖެހުން ހިންގުމަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނެފި އެވެ.
އެމްޑީޕީން މާލޭގައި ހިންގައިފާނެ އެކިއެކި ހަމަނުޖެހުންތަކާ ގުޅޭ ގޮތުން ފުލުހުން ވަމުންދާ ތައްޔާރީތަކާ ބެހޭ މައުލުމާތު ދެއްވަމުން ސުޕްރިންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަވާޒު މިއަދު ވިދާޅުވީ އެމްޑީޕީން ކޯނީގެ ރިޕޯޓު ގަބޫލު ނުކުރާނެ ކަމަށް ބުނެ މާލޭގެ މަގުތަކަށް ނުކުމެ ހަމަނުޖެހުން އުފެދޭ ގޮތަށް ވާހަކަތައް ދައްކައި އެފަދަ ގޮތްގޮތަށް ހިތްވަރު ލިބިދޭ ފަދަ ގޮތަކަށް ރައްޔިތުން މަގުމައްޗަށް ނުކުތުމަށް ގޮވާލަމުން ގެންދިއުމަކީ ޕޮލިސް ސާވިސް އިން ކަނބޮޑުވާ ކަމެއް ކަމަށާއި އެފަދަ ގޮވާލުންތައް ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
"މިއަދު މިވަނީ ކޯނީގެ ރިޕޯޓް ނެރުއްވާފައި އަދި އާއްމުކޮށް ހުރިހާ ފަރާތްތަކަށް ވެސް ފެންނަގޮތަށް އާއްމުކޮށްފައި ވަނީ ވެބްސައިޓް މެދުވެރިކޮށް ޝާއިއު ވެސް ކުރެވިފައި. އަދި ކޯނީގެ ރިޕޯޓުގެ ނިންމުންތަކާ ގުޅިގެން މިހާރު އެމްޑީޕީގެ ފަރާތުން އެރިޕޯޓް ގަބޫލު ނުކުރާ ކަމަށާއި އަދި މާލޭގެ މަގުތަކަށް ނުކުމެ ހަމަނުޖެހުން އުފެދޭ ގޮތަށް ވާހަކަތައް ދައްކާ އެފަދަ ގޮތްގޮތަށް ހިތްވަރު ލިބިދޭ ފަދަ ގޮތަކަށް ރައްޔިތުން މަގުމައްޗަށް ނުކުމެ ކަންތައްތައްކުރުމަށް ގޮވާލަމުން މިގެން ދިޔައީ މިއީ ޕޮލިސް ސާވިސް އިން ކަންބޮޑުވާ ކަމެއް އެހެންކަމުން މިކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ނަވާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މޯލްޑިވުސް ޕޮލިސް ސާރިވިސް ގަބޫލުކުރާ ގޮތުގައި ކޯނީގެ ރިޕޯޓަކީ ލީގަލް ޑޮކިއުމެންޓެއް ކަމަށާއި އެފަދަ ޑޮކިއުމެންޓެއް ގަބޫލު ނުކުރާ ކަމަށް އެމްޑީޕީން ބުނެ މާލެ އާއި އަތޮޅު ތެރޭގައި އެއްވެސް ހިސާބެއްގައި އެއްވެސް ވަރެއްގެ ހަމަނުޖުހެނުން ހިންގަން ފުރުސަތު ފުލުހުން ނުދޭނެ ކަމަށެވެ.
"ކޯނީގެ ރިޕޯޓާ ގުޅިގެން ވަރަށް ސާފުކޮށް މިހާރު މިވަނީ ފައިންޑްސްތައް ރައްޔިތުންނާއި ހިސާބަށް ގެނެސްދީފައި. އެހެންވީމާ އަޅުގަނޑުމެން އެދެނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އަދި މާލޭގެ މަގުތައް މަތީގައި އެއްވެސް ސަރަހައްދު ތަކެއްގައި ވެސް އެއްވެސް ކަހަލަ ހަމަނުޖެހުމެއް އެއްވެސް ގޮތަކަށް ނުހިންގުމަށް،" ނަވާޒު ވިދާޅުވި އެވެ.
ނަވާޒު ވިދާޅުވީ މީގެ ކުޑައިރުކޮޅެއް ކުރިން އެމްޑީޕީން ބޭއްވި ގައުމީ މަޖިލިހުގެ ބައްދަލުވުމެއްގައި ރައްޔިތުން މަގުމައްޗަށް ނެރި ހަމަނުޖެހުން އުފައްދަން ރާވައި އެކަންކަން ކުރުމަށް ގޮވާލި ކަމަށެވެ. އަދި އެފަދަ ކަމެއް ކުރުމަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށާއި އެފަދަ ވާހަކަ ދައްކާ ފަރަތްތައް ހައްޔަރުކުރަން ޖެހިއްޖެ ނަމަ ގާނޫނީ ހަމަތަކުގެ މަތިން ހައްޔަރުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މަގުތައް މަތީގައި މިފަދަ ކަމެއް ކުރުމަށް އެއްވެސް ހަލެއްގައި ފުރުސަތު ނުދޭން ނިންމާފައި މިއޮތީ އަދި ފިޔަވަޅު އަޅަން ޖެހިއްޖެ ހާލަތެއްގައި އެފަރާތަކާއި ދޭތެރޭގައި އަދި ހައްޔަރުކުރަން ޖެހިއްޖެ ހާލަތެއްގައި ފިޔަވަޅު އެޅޭނެ ވާހަކަ ވެސް ދަންނަވަން ހައްޔަރުކުރަން ޖެހޭ ފަރާތެއް ގާނޫނީ ހަމަތަކުގެ މަތިން ހައްޔަރުކުރާނަން،" ނަވާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީން މިހާރު މަގުތައް މައްޗަށް ނުކުމެ ކުރަން އުޅެނީ ސުލްހަވެރި މުޒާހަރާތަކެއް ނޫންކަމުގެ މައުލުމާތު އިންޓެލިޖެންސަށް ލިބިފައިވާ ކަމަށާއި އެމީހުން ރަށުތެރެއަށް އަރައިގެން ގޮސް ހަމަނުޖެހުން ހިންގަން އެއްވެސް ވަރެއްގެ ފުރުސަތެއް ފުލުހުން ނުދޭނެ ކަމަށެވެ.