އެމެރިކާގެ ނިއު ޔޯކް ސިޓީގައި މިހާރު ކުރިއަށްދާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ތިން ވަނަ ބުރުގެ ޖާގައެއް އިނގިރޭސިވިލާތުގެ އެންޑީ މުރޭ ހޯދައިފި އެވެ.

ލަންޑަނުގައި ނިމިދިޔަ އޮލިމްޕިކްސް އިން ރަން މެޑަލް ހޯދާފައިވާ އެންޑީ މުރޭ މިމުބާރާތުގެ ތިންވަނަ ބުރުގެ ޖާގައެއް ހޯދާފައި ވަނީ ކްރޮއޭޝިޔާގެ އިވާން ޑޮޑިޗްއާއި ދެކޮޅަށް ކުޅުނު މެޗް ވަރަށް ފަސޭހަކަމާއެކު 6-2، 6-1 އަދި 6-3 ގެ ނަތީޖާއަކުން މެޗް ކާމިޔާބުކޮށްގެންނެވެ.

މިމުބާރާތުގައި އިއްޔެ ގުއިލޯމް ރުފިންއާއި ދެކޮޅަށް ސަރބިޔާގެ ޖަންކޯ ޓިޕްސަރެވިޗް ކުޅުނު މެޗް ޓިޕްސަރެވިޗް ވަނީ ކާމިޔާބުކޮށް މުބާރާތުގެ ތިންވަނަ ބުރުގެ ޖާގައެއް ހޯދާފަ އެވެ. އޭނާ މިމެޗް ކާމިޔާބުކޮށްފައި ވަނީ 4-6، 3-6، 6-2، 6-3 އަދި 6-2 ގެ ނަތީޖާއަކުންނެވެ.

މިމުބާރާތުގެ އަންހެން އިވެންޓްގައި އިއްޔެ ޗެކް ރިޕަބްލިކްގެ ޕެޓްރާ ކްވިޓޯވާނީ ފްރާންސްގެ އެލިޒް ކޯނެޓްއާއި ދެކޮޅަށް ކުޅުނު މެޗް ވަރަށް ފަސޭހަކަމާއެކު 6-4 އަދި 6-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ.