30 Aug 2012, 14:58
ދައުލަތުގެ ޓީވީ ސްޓޭޝަން ކަމުގައިވާ ޓީވީއެމްގެ ލައިވް ފީޑް އެހެން ޗެނަލްތަކުން ގެނެސްދިނުމުގައި އަބަދުވެސް އޮންނަ އުސޫލެއްގެ ދަށުން ފީއެއް ނަގަމުން ގެންދާ ކަމަށް ޓީވީއެމްގެ ސީސީއޯ މުހައްމަދު އާސިފް (މޮންދު) ވިދާޅުވެއްޖެ އެވެ.
މޮންދު މިހެން ވިދާޅުވީ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އުފައްދާފައިވާ ކޮމިޝަންް އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ) ގެ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު އެރުވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގެ ލައިފްކުރުމަށްޓަކައި އެ ޓީވީ ޗެނަލްތަކުން ޓީވީއެމަަށް ބޮޑު ހޭދައެއް ކުރަންޖެހިފައިވާ ކަމަށް ބައެއް ސޯސަލް ނެޓް ވޯކްތަކުގައި ދައުރުވަމުން ދިޔަ ވާހަކަތަކަކާ ގުޅިގެން އެކަން އޮންނަ ގޮތް ހާމަކޮށްދެއްވުމުގެ ގޮތުންނެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތުގެ ލައިވް ފީޑް ނެގުމަށް ރާއްޖެޓީވީ އާއި ސަން ޓީވީ ޕްލަސް އާއި ވިލާޓީވީގެ އިތުރުން ދި ޓީވީން ވެސް އެދުނު ކަމަށާއި އެފަރާތްތަކުން އެ އިވެންޓް ލައިވްކޮށްފައިވަނީ ޓީވީއެމްގެ ލައިފް ފީޑް ބޭނުންކޮށްގެން ކަމަށް ވެސް އާސިފް ވިދާޅުވި އެވެ.
އާސިފް ވިދާޅުވީ ލައިފް ފީޑް އެހެން ޗެނަލްތަކަށް ދޫކުރުމަކީ އާއްމު އުސޫލެއްގެ ދަށުން އަގެއް ކަނޑައަޅައިގެން ކުރަމުން އަންނަ ކަމަކަށްވާއިރު އެކަމަށް ނަގަނީ ޓެންނިކަލް ފީއެެއްގެ ގޮތުގައި ނަގާ ފީއެއް އެކަނި ކަމަށާއި ޓެކްނިކަލް ފީއެއްގެ ގޮތުގައި ކޮންމެ އިވެންޓަކަށް ވެސް ނަގަނީ ގަޑިއިރަކަށް 2000ރ. ކަމަށެވެ.
" އަޅުގަނޑުމެން މީހުން ފޮނުވައިގެން އެއިވެންޓެއް ނަގާ ނެގުމަކަށް އެއްވެސް ޗާޖެއް ނުނަގާނެ، އަޅުގަނޑުމެން މިކުރާ ކަމަކީ ލައިވް ފީޑެއް ޑިސްޓްރިއުބީޓްކޮށްލަނީ،" މޮންދު ވިދާޅުވި އެވެ.
ޓީވީ ސްޓޭޝަންތަކަށް އެގޮތަށް ލައިވް ފީޑްތައް ދޫކުރަމުން ގެންދަނީ ކުރިއާލައި ޕޭމަންޓްތައް ދެއްކުމުން ކަމަށާއި ނަމަވެސް މިއަދު ބައެއް ފަރާތްތަކަށް އެވަގުތައް ފައިސާދެއްކުމަށް ދަތިތަކަކާ ކުރިމަތިވި ނަމަވެސް ލައިވްފީޑް ނެގުމުގެ ހުއްދަ އެޓީވީ ސްޓޭޝަންތަކަށް ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.