30 Aug 2012, 14:45
ރާއްޖޭގައި މިދުވަސްވަރު މާލެއާއި އަތޮޅުތަކުގައި ބޭރަށް ހިންގުމުގެ ރޯގާއެއް ފެތުރެމުން އެބަދާ ކަމަށާއި މިއަހަރުގެ މިހާތަނަށް ޖުމްލަ 14358 މީހުންނަށް އެރޯގާ ޖެހިފައިވާ ކަމަށް ސެންޓަ ފޯ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީޒް ކޮންޓްރޯލް (ސީސީއެޗްޑީސީ) އިން ބުނެފި އެވެ.
ސީސީއެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ ޖުލައިމަހު 2589 ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ބޭރަށް ހިންގުމުގެ ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާ ކަމަށާއި މިމަހުގެ މިހާތަނަށް 4412 މީހުންނަށް އެރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. ސީސީ އެޗްޑީސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އެންމެ ގިނަމީހުންނަށް ބޭރަށް ހިންގުމުގެ ރޯގާ ޖެހިަގއި ވަނީ މާލެ އަތޮޅުންނެވެ. އެއީ 1359 މީހުންނަށެވެ. އދި އެންމެ މަދުން ޖެހުނު ވ. އަތޮޅުން ރޯގާ ޖެހިފައި ވަނީ 97 މީހުންނަށެވެ.
ބޭރަށް ހިންގުމުގެ ރޯގާ ފެތުރެމުންދަނީ ކާބޯތަކެއްޗާއި ފެނުގެ ޒަރީއާއިން ކަމަށް ވާތީ ސާފު ތާހިރު ކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ މުހިއްމު ކަމެއް ކަމަށް ސިސީއެޗްޑީސީގެ ބަޔާނުގައި ވެއެވެ. އަދި އެގޮތުން ކުރެވިދާނެ ހަތް ކަމެއް ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
ބަޔާނުގައި ފާހަގަކޮށްފައވާ ކަންތައްތައްތަކުގެ ތެެރޭގައި ބޭނުންކުރާ ފެން ކްލޮރިނޭޓް ކޮށްގެން ނުވަތަ ކައްކައިގެން ބޭނުން ކުރުމާއި ކާބޯތަކެތި ތައްޔާރުކުރުމުގެ ފަހުންނާއި ފާހާނާކުރުމުގެ ފަހުން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމާއި ކާބޯތަކެތީގައި މެހި ނުޖައްސާނެހެން މަތިޖެހުމާއި ތާޒާކަމާ އެކު ކާނާ ބޭނުން ކުރުން ހިމެނެއެވެ. އަދި ކުޑަކުދިންގެ ނެޕީ ބަދަލުކުރުމަށް ފަހު ހާއްސަކޮށް އަތްދޮވުމާއި ނެޕީ ރައްކާތެރިކަމާއެކު ނައްތާލުމަކީ ވެސް ރޯގާއިން ރައްކާތެރިވުމުގެ ގޮތުން ކުރުމަށް ފާހަގަކޮށްފައިވާ ކަންތައްތަކެވެ. އޭގެ ތުރުން ރަށުތެރޭގައާއި ގޯތިތެރޭގައި ކުނި ގިނަވިޔަނުދިނުމާއި ކުނިވާ ޒާތުގެ ތަކެތި ރައްްކާތެރި ގޮތުގައި ނައްތާލުމަކީ ވެސް ރައްކާތެރިވުމުގެ ގޮތުން ކުރުމަަށް އިރުޝާދުދީފައިވެ އެވެ.