01 Sep 2010, 09:44
14:45
އެމެރިކާ ސިފައިން އިރާގު ހިފިތާ އަށް އަހަރު ފަހުން، އަސްކަރީ އޮޕަރޭޝަން ނިންމާލައި، އެގައުމުގެ ހަނގުރާމައިގެ މައިދާނުން އެމެރިކާގެ ސިފައިން ބާލައިފި އެވެ.
އެމެރިކާ ސިފައިން 2003 ވަނަ އަހަރު އިރާގަށް އިސްވެ ހަމަލާދީ، ހިންގި ހަނގުރާމައަށް ފަހު، އެގައުމުގެ އަމަން އަމާންކަން ބެލެހެއްޓުމުގެ ނަމުގައި ކުރިއަށްގެންދިޔަ "އޮޕަރޭޝަން އިރާގީ ފްރީޑަމް" ނިންމާލިކަން ރަސްމީކޮށް އިއުލާންކުރެއްވީ، މިއަދު ހެނދުނު ރައީސް ބަރަކް އޮބާމާ ދެއްވި ތަގުރީރެއްގަ އެވެ. އަދި އިރާގުގެ ސަލާމަތީ ކަންތައްތަކަށް މިހާރު ޒިންމާވާނީ، އިރާގުގެ ކަމާބެހޭ ފަރާތްތަކުން ކަމަށް ވެސް އޮބާމާ ވިދާޅުވި އެވެ.
އޮބާމާ ވިދާޅުވި ގޮތުގައި، އިރާގުގެ މުސްތަގުބަލު، އެގައުމުގެ މީހުންނަށް ވާސިލްކޮށްދިނުމަށްޓަކައި، އެމެރިކާ އިން ވަނީ ވަރަށް ބޮޑު އަގެއް ދައްކާފަ އެވެ. އަދި ހަނގުރާމައިގެ މައިދާނުގައި އެމެރިކާ ސިފައިން ވީ ގުރުބާނީތަކަށްޓަކައި، ފަޚުރުވެރިވެޑައިގެންނެވި ނަމަވެސް، އެކަމާ ހިތާމަކުރައްވާ ކަމަށް ވެސް އޮބާމާ ވަނީ ވިދާޅުވެފަ އެވެ.
އިރާގުގެ ހަނގުރާމައިގެ މައިދާނުން އެމެރިކާ ސިފައިން ބާލާނެ ކަމުގެ ރިޔާސީ ވައުދާ އެކު ރައީސް ކަމަށް ވަޑައިގެންނެވި ބަރަކު އޮބާމާގެ ސަރުކާރުން ނިންމާފައިވަނީ، އިރާގުގައި ހަރަކާތްތެރިވާ އެމެރިކާގެ ކޮމްބެޓް ޓްރޫޕްސް ނުވަތަ އަސްކަރީ ފައުޖުތައް އޯގަސްޓް 31 ގެ ނިޔަލަށް ބަލައި، އަންނަ އަހަރުގެ ނިޔަލަށް އެހެން ހުރިހާ އެމެރިކާ ސިފައިން ވެސް އިރާގުން ބޭލުމަށެވެ.
އިރާގު ހަނގުރާމައިގައި 4400 އަށް ވުރެ ގިނަ އެމެރިކާ ސިފައިން މަރުވެފައިވާއިރު، އެއްލައްކައަށް ވުރެ ގިނަ އިރާގުގެ ރައްޔިތުން ވަނީ މަރުވެފަ އެވެ. އަދި ފާއިތުވި އަށް އަހަރު އިރާގު ހަނގުރާމައަށް 700 ބިލިއަން ޑޮލަރު ޚަރަދުވެފައިވާ ރަސްމީ ތަފާސްހިސާބުތަކުން ދައްކަ އެވެ.