ފެބްރުއަރީ ހަތެއްގައި ވެރިކަން ބަދަލުވީ ގޮތާ ގުޅޭ ގޮތުން ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީ (ކޯނީ) އިން އެކުލަވައިލި ރިޕޯޓްގައި ރާއްޖޭގެ މިހާރުގެ ހާލަތާއި އަދި އެދުވަހުގެ ހާދިސާތަކަށް ބަލައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށާއި މިނިވަން މުއައްސަސާތަކަށް ރެކޮމެންޑް ކޮށްފި އެވެ.

ފެބްރުއަރީ ހަތަކާއި އަށް ވަނަ ދުވަހު ކަން ހިނގި ގޮތުގެ ތަހުގީގަށް ފަހު އެ ކޮމިޝަނުން މިއަދު އާންމު ކުރި 62 ސޮފުހާގެ ރިޕޯޓުގައި ސަރުކާރަށާއި މިނިވަން މުއައްސަސާތަކަށް ފަސް ފިޔަވަޅެއް އެޅުމަށް ރެކޮމެންޑްކޮށްފައިވެ އެވެ.

އިނގިރޭސި ބަހުން ނެރެފައިވާ އެ ރިޕޯޓުގެ ފުރަތަމަ ޕޮއިންޓްގައި ބުނެފައިވަނީ ފުލުހުންނާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނާއި ޖުޑީޝިއަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އާއި ރައްޔިތުންގެ މަޖިލިސް އަދި ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ގައުމާއި ރައްޔިތުންގެ ފައިދާއާ ލާބަޔަށްޓަކައި މަސައްކަތް ކުރުމަށް އެ މުއައްސަސާތަކަށް އެހީތެރިކަމާއި ހިތްވަރު ހޯދައިދިނުމަށް މިހާރުން މިހާރަށްވެސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.

ދެ ވަނަ ފިޔަވަޅެއްގެ ގޮތުގައި ރިޕޯޓުގައި ބުނެފައިވަނީ ފުލުހުންގެ ތެރެއިން އަނިޔާވެރިވެފައިވާ މައްސަލަތައް ވަރަށް އަވަހަށް ބަލައި އެކަންތައްތަކުގައި ޒިންމާވާންޖެހޭ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށެވެ. އަދި އެކަން ކުރަންވާނީ އާންމުންނަށް އެނގޭނެ ގޮތަށް ހުޅުވާލެވިގެން ކަމަށްވެސް ރިޕޯޓުގައިބުނެ އެވެ.

ތިން ވަނަ ނުގުތާގައި ހިމަނާފައިވަނީ ފަޑިޔާރުންނާއި ޖުޑީޝިއަރީއާ މެދު އިތުބާރު އުފެއްދުމަށް ފިޔަވަޅުތަކެއް އެޅުމެވެ. އެ ނުގުތާގައި ބުނެފައިވަނީ ފަޑިޔާރަކާއި މެދު ތުހުމަތެއް ކުރެވިއްޖެނަމަ އެކަން އަވަހަށް ބަލައި އެކަމާ މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. އެގޮތައް ކޮމިޝަންގެ މަސައްކަތްތައް ބައްޓަން ކުރުމަށް ވަނީ ޖޭއެސްސީއަށް ރެކޮމެންޑްކޮށްފަ އެވެ.

މީޑިޔާ ތަކުން ސިޔާސީވާ މައްސަލަވެސް ވަނީ ރެކޮމެންޑޭޝަންގެ ތެރޭގައި ހިނަނައިފަ އެވެ. އެގޮތުން ފަސް ވަނަ ނުގުތާގައި ބުނެފައިވަނީ މުޖުތަމައުގައި ބައިބައިވުން އުފެދި ރުޅިވެރިކަން އިތުރުވަނީ މީޑިޔާތަކުން ސިޔާސީ ވެފައިވާތީ ކަމަށާއި އެކަން ހައްލުކުރުމަށް ނޫސްވެރިކަމުގެ މިންގަނޑުތައް ކުރިއަރުވަން މިހާރުން މިހާރަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ބުނަނީ މުޖުތަމައުގެ ތެރޭގައި ޓޮލިރެންސާއި އެކުވެރިކަން އާލާކުރުމަށްވެސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށެވެ.

"ޖުމްލަގޮތެއްގައި ގާނޫނުގެ ވެރިކަން ދަމަހައްޓައި އަސާސްތައް ކުރިއަރުވާ، އަދި ދައުލަތުގެ މުއައްސާސަތަކަށް ރައްޔިތުންގެ އިތުބާރު ހޯދައި ޑިމޮކްރަޓިކް ވެޓެއް ގާއިމްކުރުމަށް ރާއްޖެއަށް އެހީތެރިކަން ބޭނުންވެއެވެ،" ރެކޮމެންޑޭޝަންތައް ނިންމާލަމުން ރިޕޯޓުގައިވެ އެވެ.

އެ ރިޕޯޓުގެ ހުލާސާގައިވެސް ވާގޮތައް ފެބުރުއަރީ ހަތް ވަނަ ދުވަހު އޭރުގެ ރައީސް މުހަންމަދު ނަޝީދު އިސްތިއުފާދިނީ މަޖުބޫރު ކަމެއް ނެތި ކަމަށާއި އޭރުގެ ނައިބު ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ރައީސް ކަމުގެ ހުވާކުރެއްވީ ގާނޫނު އަސާސީގެ ހަމަތަކުގެ މަތިން ކަމަށް ވުމުން ވެރިކަން ބަދަލުވީ ގޮތާ ގުޅޭގޮތުން ފިޔަވަޅެއް އަޅަން ނުޖެހޭ ކަމަށް ރިޕޯޓުގެ ރެކޮމެންޑޭޝަންތަކުގައިވެސް ވަނީ ފާހަގަކޮށްފަ އެވެ.

ހަމަސް ދުވަހަށް ފަހު ކޮމިޝަނުން ކުރި ތަހުގީގުގެ ހުލާސާ އިއްވަވައި ގައުމާ މުހާތަބު ކުރައްވަމުން ރައީސް ޑރ. ވަހީދު ވިދާޅުވީ އެ ރިޕޯޓުގައި ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެޅުމަށް ބުނެފައިވާ ހުރިހާ ފިޔަވަޅެއް އަޅުއްވާނޭ ކަމަށެވެ. އަދި އެހެން މުއައްސަސާތަކުންވެސް އެގޮތައް އަމަލުކުރެއްވުމަށް ރައީސް ގޮވާލެއްވި އެވެ.

"އަޅުގަނޑު ފަސްޖެހުމެއް ނެތި ދެންވެސް ރިޕޯޓުގައި ފާހަގަކޮށްފައި ހުރި ފިޔަވަޅުތައް އަޅަމުން ގެންދާނަން،" ރައީސް ވިދާޅުވި އެވެ.

މިއަދު ޝާއިއުކުރި އެ ރިޕޯޓުގައި ކޮމިޝަންގައި ހިމެނޭ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރަކު ރިޕޯޓުގައި ސޮއި ކުރައްވައި އަދި އދ. އާއި ކޮމަންވެލްތުގެ އޮބްޒާވަރުން ވެއްސް ރިޕޯޓުގައި ވަނީ ސޮއިކުރައްވައިފަ އެވެ. ރިޕޯޓުގައި ސޮއި ނުކުރައްވަނީ ރައީސް ނަޝީދުގެ ފަރާތުން ކޮމިޝަނަށް އައްޔަން ކުރައްވާފައިވާ، އަހުމަދު ސައީދު އެވެ. އޭނާ ވަނީ ކޮމިޝަންގެ ރިޕޯޓާ މެދު ހިތްހަމަ ޖެހިވަޑައިނުގެން ރޭ އިސްތިއުފާދެއްވައިފަ އެވެ. ކޯނީގެ ރިޕޯޓު ހުރިހާ މިނިވަން މުއައްސަސާތަކަކަށް ވެސް މިހާރު ވަނީ ފޮނުވައިފަ އެވެ.