30 Aug 2012, 14:26
ކޯނީގެ ރިޕޯޓުން ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިޔައީ ގާނޫނުގެ މަތިން ކަމަށް ނިންމާފައި ވުމުން ދެން އެއްވެސް ފަރާތަކަށް އަވަސް އިންތިހާބަކަށް ގޮވާލުމުގެ ފުރުސަތު އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޑީއާރްޕީގެ ލީޑަރު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
މިއަދު ޑީއާރްޕީ އޮފީހުގައި ބެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ތަސްމީން ވިދާޅުވީ 2013 ވަނަ އަހަރު ގާނޫނޫ އަސާސީގައިވާ ގޮތުގެ މަތިން އިންތިހާބް ބޭއްވިގެން ދާނެ ކަމަށާއި އަވަސް އިންތިހާބަކަށް ގޮވާލުމުގެ ބަދަލުގައި ހުރިހާ ޕާޓީތަކަކުން ވެސް ނިޒާމް ހަރުދަނާ ކުރުމަށް ކުރެވެންހުރި ކަންތައްތަށް ކުރަން ޖެހިފައިވާ ކަމަށެވެ.
"އެމްޑިޕީގެ ބައެއް އިސް ފަރާތްތަކުން މިހާރުވެސް ވާހަކަ ދައްކަވަމުން އެ ގެންދަވަނީ އެބޭފުޅުން ދެކެވަޑައިގަންވަނާ ގޮތުގައި ރައްޔިތުން މަޖިލިސް މުއްދަތު ކުރުކޮށް ރައްޔިތުން މަޖިލީހުގެ އިންތިހާބާއި ރިއާސީ އިންތިހާބާ އެއްކޮށް ބާއްވަން ޖެހޭނޭ ކަންތައްތަކެއްގެ ވާހަކަ، ހަގީގަތުގައި މިއީ ދެކޮޅު ޖެހޭ ވާހަކައެއް ނޫން" ތަސްމީން ވިދާޅުވިއެވެ.
ވިދާޅުވީ ގާނޫނޫ އަސާސީއަށް ބަދަލުގެނެސް އިންތިހާބެއް ބެއްވުމަށް ޑީއާރްޕީން ގަބޫލް ނުކުރާ ކަމަށާއި ކޯނީގެ ރިޕޯޓުގައި ވެސް މުއައްސަސާތައް ހަރުދަނަކުރުމަށް ކުރަންޖެހޭ ކަންތައްތައް އަލިއަޅުވާލާފައި ހުރުމާއެކު އެމަސައްކަތްތަށް މިހާރު ކުރަން ޖެހިފައިވަ ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާއަކީ މިހާރަށްވުރެ ބޮޑަށް ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މުއައްސަސާއަކަށް ހެދުމަށްވެސް މަސައްކަތް ކުރަންޖެހިފައިވާ ކަމަށް ވެސް ތަސްމީން ވިދާޅުވިއެވެ.
ތަސްމީން ވިދާޅުވީ މިރޭ ފެށުމަށް ހަމަޖެހިފައިވަ ޕާޓިތަކުގެ މަޝްވަރާތަކުގައި ވެސް ޑީއާރްޕީގެ ފަރާތުން ބައިވެރިވަން ނިންމީ ގައުމުގެ ނިޒާމް ހަރުދަނާކޮށް ސުލްހަ ވުމުގެ މަސައްކަތް ކުރުމަށް ކަމަށެވެ.