30 Aug 2012, 14:18
ރައީސުލް ޖުމްހޫރިއްޔާ މަގާމުން އިސްތިއުފާ ދޭންވީ ގޮތުގެ އުސޫލު ގަނޫނު އަސާސީގައި ވަކިގޮތަކަށް ކަނޑައަޅާފައި ވަނިކޮށް އެ އުސޫލު އެނޫން އެހެން ގޮތަކަށް ބަދަލުކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިބިގެން ނުވާކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނަނީ އެމްއެންޑީއެފްގައި ރިކޯޑް ކުރެވިފައިވާ "އެމްއެންޑީއެފް އޮޕަރޭޝަން ލިބަޓީ ޝީލްޑް ރިޕޯޓް" ގައިވާ މައުލޫމާތުތަކަށް ބައްލަވައި ފެބްރުއަރީ ހަތް ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ރައީސް މުހައްމަދު ނަޝީދު ފޮނުއްވެވި އިސްތިއުފާގެ ސިޓީ އުއްތަމަ ފަނޑިޔާރަށް ދައްކަވައި ނިންމެވި ނިންމެވުން އަލުން މުރާޖާ ކޮށްދިނުމަށް އެދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުވި ކަމަށެވެ.
މަޖިލީހުގެ ބަޔާނުގައި ބުނަނީ ރައީސުލް ޖުމްހޫރިއްޔާ އޭނާގެ މަގާމުން އިސްތިއުފާ ދެއްވަންވީ ގޮތުގެ އުސޫލު ގަނޫނު އަސާސީގައި ވަކިގޮތަކަށް ކަނޑައަޅާފައި ވަނިކޮށް އެ އުސޫލު އެނޫން އެހެންގޮތަކަށް ބަދަލުކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިބިގެން ނުވާކަމަށް ބަޔާން ކޮށް އެ ސިޓީގެ ޖަވާބު ޝާހިދު މިއަދު އިބޫއަށް ފޮނުވާފައިވާ ކަމަށެވެ.
ގާނޫނު އަސާސީގެ 121 ވަނަ މާއްދާގެ (ހ) ގައި ބުނާގޮތުން ރައީސުލް ޖުމްހޫރިއްޔާ މަގާމުން އިސްތިއުފާ ދޭން ބޭނުންވެއްޖެނަމަ އެކަން ބަޔާންކޮށް މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުވަން ޖެހޭކަމަށާއި އެ ސިޓީ މަޖިލީހުގެ ރައީސަށް ލިބުމުން ރައީސުލް ޖުމްހޫރިއްޔާ މަގާމުން ވަކިވީކަމަށް އެ މާއްދާގައި ބުނެފައިވާ ކަމަށް ވެސް މަޖިލީހުގެ ބަޔާނުގައި އެވެ.
އެހެންކަމުން ރައީސުލް ޖުމްހޫރިއްޔާ މަގާމުން ވަކިވާނެ ގޮތް ގާނޫނު އަސާސީގައި ވަކިގޮތަކަށް ބަޔާންކޮށްފައި ވަނިކޮށް އެ އުސޫލަށް ބަދަލު ގެނައުމަކީ މަޖިލީހުގެ ރައީސަށް ލިބިގެންވާ ބާރެއް ނޫންކަމަށް ވެސް މަޖިލީހުގެ ބަޔާނުގައި ވެއެވެ.