ވެރިކަން ބަދަލުވި ގޮތް ބެލުމަށް އުފެއްދެވި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) އިން ބެލި ބެލުމުންނާއި ހެކިތަކުންނާއި ހޯދި ހޯދުންތަކުން ފެބްރުއަރީ މަހު 7 ވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލުވެފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި ފެބްރުއަރީ 6 ވަނަ ދުވަހާއި 7 ވަނަ ދުވަހު ހިނގައި ދިޔަ ހާދިސާތައް ޖުމްލަކޮށް ހިނގާފައި ވަނީ ކުރީގެ ރައީސް މުޙަންމަދު ނަޝީދު ޢަމަލުކުރެއްވި ގޮތުންކަން އެ ރިޕޯޓުން ސާބިތުވެގެން ހިނގައްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ފެބުރުއަރީ މަހު 7 ވަނަ ދުވަހު ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް ޓަކައި ކޮމަންވެލްތާއި އދ.ގެ އެއްބާރުލުމާ އެކު އުފެއްދި ފަސް މެންބަރުންގެ އިންކުއަރީ ކޮމިޝަނުގެ ރިޕޯޓް މިއަދު ރައީސް ވަހީދަށް އެރުވުމާއި އެކަމުގެ ތަފްޞީލު ދެއްވައި ދިވެހި ޤައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ވަހީދު ވިދާޅުވީ ކޯނީން އިން ބެލި ބެލުމުންނާއި ހެކިތަކުން ނަޝީދު އިސްތިޢުފާ ދެއްވީ، އެއްވެސް ކަހަލަ މަޖުބޫރީ ކަމެއް ނެތި، އަމިއްލަ ރުހުމާ އެކު ކަމަށާއި އިސްތިޢުފާ ދެއްވުމުގައި އެއްވެސް ކަހަލަ ގާނޫނާ ޚިލާފު ޢަމަލެއް ނުވަތަ މަޖުބޫރު ކުރުވުމެއް ނުވަތަ ބިރުދެއްކުމެއް ނުވާ ކަމަށެވެ.

"ކޮމިޝަނުން ބެލި ބެލުމުންނާއި ހެކިތަކުންނާއި ހޯދި ހޯދުންތަކުން... 7 ފެބްރުއަރީ 2012 ވަނަ ދުވަހު ދިވެހިރާއްޖޭގެ ވެރިކަން ބަދަލުވެފައި ވަނީ، ޤާނޫނު އަސާސީއާއި، ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން. ފެބްރުއަރީ 6 އަދި 7 ވަނަ ދުވަހު ހިނގައި ދިޔަ ޙާދިސާތައް ޖުމްލަވީ ގޮތެއްގައި ހިނގާފައި ވަނީ، ކުރީގެ ރައީސް މުޙަންމަދު ނަޝީދު ޢަމަލުކުރެއްވި ގޮތުން،" ރައީސް ވަހީދު މިއަދު ވިދާޅުވި އެވެ. "ރައީސް ނަޝީދު އިސްތިޢުފާ ދެއްވީ، އެއްވެސްކަހަލަ މަޖުބޫރީ ކަމެއް ނެތި، އަމިއްލަ ރުހުމުގައި ކަން، އިސްތިޢުފާ ދެއްވުމުގައި އެއްވެސް ކަހަލަ ޤާނޫނާ ޚިލާފު ޢަމަލެއް ނުވަތަ މަޖުބޫރު ކުރުވުމެއް ނުވަތަ ބިރުދެއްކުމެއް ނުވާކަން. ކޮމިޝަންގެ ނިންމުންތައް ވަރަށް ސާފު ޢިބާރާތުން މިވަނީ ބަޔާންކުރެވިފައި. މިކަމާ ބެހޭ ގޮތުން އިތުރު ސުވާލެއް އުފައްދާނެ ތަނެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެން،" ރައީސުލްޖުމުހުރިއްޔާ ވިދާޅުވި އެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދައުލަތުގެ ވަޒީރުންނާއި ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންނާއި ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި އެކި ބޭފުޅުންނާއި އަދި ރާއްޖޭގެ މީޑިއާ ކުރިމަތީގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ސަރުކާރުގެ ހިންގުމަށް އައި ބަދަލަކީ ޤާނޫނީ ގޮތުން ޞައްޙަ ބަދަލެއް ކަމަށް ވަރަށް ސާފުކޮށް ކަނޑައަޅާފައިވާ ކަމަށާއި ސަރުކާރުގެ ސައްހަކާ މެދު ކުރެވޭ ސުވާލުތައް މިއަދުން ފެށިގެން އެބަ ހުއްޓެން ޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި މި ސަރުކާރަކީ ބަޣާވާތަކުން ގެނައި ސަރުކާރެއް ކަމަށް ބުނެ ހިންގާ ޤާނޫނާ ޚިލާފު، އިޖްތިމާއީ ހަމަތަކާ ޚިލާފު ހުރިހާ ޙަރަކާތްތަކެއް އެބަ ހުއްޓެން ޖެހޭ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

"ކޯނީގެ ރިޕޯޓާ އެކު ވަރަށް ގިނަ ކަންތައްތަކެއް މިވަނީ ސާފުވެގެން ގޮސްފައި. އެރިޕޯޓް ވިދާޅުވުމުން، މިކަން ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ މިވަގުތަކީ އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަކޮށް އަނިޔާވެރިވާންވީ ވަގުތެއް ނޫނެވެ. މިވަގުތަކީ ސިޔާސީ ލީޑަރުންގެ ލީޑާޝިޕް ދައްކަވަންވީ ވަގުތެވެ. އަޅުގަނޑުމެންގެ އަމިއްލަ އެދުންތަކަށް ވުރެ، ޤައުމުގެ މަޞްލަޙަތު އިސްކުރަންވީ ވަގުތެވެ. މިވަގުތަކީ ފަހަށް ދިޔަތަން ދޫކޮށް ކުރިއަށްދާންވީ ވަގުތެވެ. ޞުލްޙައާއި މަޝްވަރާގެ މަގު ޚިޔާރު ކުރަންވީ ވަގުތު،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ކޮމިޝަންގެ ރިޕޯޓާއި ފެބްރުއަރީ 7ގައި ވެރިކަން ބަދަލުވި ގޮތާ ގުޅިގެން، ހިއުމަން ރައިޓްސް ކޮމިޝަނުން އެކުލަވާލި ރިޕޯޓްތަކުން އިދާރީ ގޮތުންނާއި ޤާނޫނީ ގޮތުން ގެންނަން ޖެހޭ ބަދަލުތަކެއް ހުރިކަން ވަނީ އެނގިފައިކަން ހާމަކުރެއްވި އެވެ. އަދި އެކަންކަންވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ފުރިހަމަ ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔުން މުހިންމު ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

"ކޮމިޝަންގެ ރިޕޯޓާއި ފެބްރުއަރީ 7ގައި ވެރިކަން ބަދަލުވި ގޮތާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނުން އެކުލަވާލި ރިޕޯޓުތަކުން އިދާރީ ގޮތުންނާއި ޤާނޫނީ ގޮތުން ގެންނަން ޖެހޭ ބަދަލުތަކެއް ހުރިކަން އަޅުގަނޑުމެނަށް ވަނީ އެނގިފައި. އެކަންކަން ވީއެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި ފުރިހަ މަކުރުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔުމަށް ވެސް އަޅުގަނޑު ގޮވާލަން. ކޮމިޝަންގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރެއިން އަޅުގަނޑު ކުރަން ޖެހޭ ކަންކަން ބަރާބަރަށް ކުރަމުން ގެންދާނެ ވާހަކަ އަޅުގަނޑު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަހީދު ވިދާޅުވީ ކޯނީގެ ރިޕޯޓާ އެކު ވަރަށް ގިނަ ކަންތައްތަކެއް ސާފުވެގެން ގޮސްފައިވާ ކަމަށާއި އެ ރިޕޯޓް ވިދާޅުވުމުން، ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާ ކަމަށެވެ. ރާއްޖޭގެ ސިޔާސީ ޕާޓީތަކާ އެކު ފަށާ މަޝްވަރާ ބައްދަލުވުންތައް އާ ޢަޒުމަކާ އެކު މިރޭ ފެށޭނެ ކަމަށާއި އެ ބައްދަލުވުންތައް ވަރަށް އެކުވެރި ޖައްވެއްގައި ވަރަށް އެކުވެރި ރޫޙެއްގައި ހިނގަމުންދާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ފެބުރުއަރީ ހަތް ވަނަ ދުވަހުގެ ހާދިސާ ތަހުގީގު ކުރުމަށް ފެބުރުއަރީ 21 ވަނަދުވަހު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދަވާފައިވާ ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީގެ މަސައްކަތް ނިންމަވައި ކޮމިޝަންގެ މަސައްކަތުގެ ރިޕޯޓް، ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި، ޕްރޮސެކިއުޓާ ޖެނެރަލަށާއި އެޓަނީ ޖެނެރަލަށް ހުށަހެޅުއްވުމާ ގުޅިގެން އެކޮމިޝަން މިއަދު ވަނީ ރައީސް އުވާލައްވައިފަ އެވެ.