ވެރިކަން ބަދަލުވި ގޮތް ބެލުމަށް އުފެއްދި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓް ނެރުމުން އެރިޕޯޓަށް އެންމެން އިހުތިރާމްކުރުމަށް އިންޑިއާ އިން ގޮވާލައިފި އެވެ.

ކޯނީގެ ރިޕޯޓާ މެދު ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް ހިޔާލުފާޅުކުރަން ވާނީ ހަމަޖެހުމާއި ކެތްތެރިކަމާ އެކުގައި ކަމަށް އިންޑިއާ ސަރުކާރުން ބުނެފި އެވެ. އިންޑިޔާގެ ޓައިމްސް އޮފް އިންޑިއާ ނޫހުން ބުނީ "ހުރިހާ ފަރާތްތަކުން ވެސް ރިޕޯޓާ މެދު ވިސްނަންވާނީ ހަމަޖެހުމާއި ކެތްތެރިކަމާ އެކުގައި ކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީގެ ބަޔާނެއްގައި ގޮވާލާފައިވާ" ކަމަށެވެ. އިންޑިއާގެ ފޮރިން މިނިސްޓްރީގެ ބަޔާނަކީ އިއްޔެ އާއްމުކުރި ބަޔާނެކެވެ.

"ރާއްޖޭގެ ހަމަޖެހުމާއި ސުލްހައަށް ނުބައި އަސަރުކުރާ ފަދަ ހުރިހާ ކަމަކުން ދުރުވުން ބޭނުމެވެ." އިންޑިޔާ ސަރުކާރުގެ ބަޔާނުގައިވާ ކަމަށް ޓައިމްސް އޮފް އިންޑިއާގައިވެ އެވެ.

ބަޔާނުގައި އަދި ބުނެފައި ވަނީ ރިޕޯޓާ ގުޅިގެން އުފެދޭ މައްސަލަތައް ހުރިހާ ސިޔާސީ ޕާޓީތަކުން ސުލްހަވެރިކަމާ އެކު ވާހަކަދައްކައިގެން، ކުރިއަށް ދެވޭ ފަދަ ގޮތަކަށް ހައްލުކުރާނެ ކަމަށް އިންޑިޔާއިން އުއްމީދުކުރާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު އިންޑިއާ އަށް ޒިޔާރާތްކުރެއްވި ކަމާއި ރާއްޖޭގެ ސިޔާސީޕާޓީތަކާ އެކު އިންޑިއާ އިން މަޝްވަރާކުރިކަން ވެސް އިންޑިއާގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ކޯނީ އިން މިއަދު އާއްމުކުރި ރިޕޯޓްގައި ބުނެފައި ވަނީ ފެބްރުއަރީ ހަތް ވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލުވީ ގާނޫނާ ހިލާފަށް ނޫން ކަމަށެވެ.