ކޯނީގެ ރިޕޯޓް ނިމިގެންދިޔަ ގޮތުން އެއީ ސިފައިންގެ ހިދުމަތުގައި ދެމިތިބުމަށް ލިބުނު ޔަގީންކަމެއް ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެމްއެންޑީއެފުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ 7 ފެބުރުއަރީގައި ރާއްޖޭގެ ވެރިކަން ބަދަލުވެފައި ވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ކޮމިޝަން އޮފް ނެޝަނަލް އެންކުއަރީން(ކޯނީން) ނިންމުމުން އެއީ ސިފައިންނާ މެދު މިހާރު ދެކެވޭ ވާހަކަތަކަކީ ދޮގު ބަސްތަކެއް ކަން އެނގި ސިފައިންގެ ގައުމީ ހިދުމަތުގައި ދެމިތިބުމަށް ލިބިގެން ދިޔަ ވަރަށްބޮޑު ޔަގީން ކަމަކާއި ހިތްވަރެއް ކަމަށެވެ.

"ހަތެއް ފެބުރުއަރީ ދުވަހު އޭރުގެ ރައީސްލުޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވާފައި ވަނީ، ސިފައިން އެމަނިކުފާނަށް މަޖުބޫރުކޮށްގެން ނޫން ކަމަށާއި ސިފައިން ބަޣާވާތެއް ކޮށްގެން ކަމަށް އެ ކޮމިޝަނުން ނުފެންނަ ކަމަށް ނިންމާފައިވާކަމީ، ދިވެހި އެންމެހާ ސިފައިނަށާއި ސިފައިންގެ އާއިލާތަކަށް އަދި ދިވެހި ރައްޔިތުނަށް ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބިގެންދިޔަ ކަމެކެވެ."

އަދި އެ ބަޔާނުގައި ބުނެފައި ވަނީ ފެބުރުއަރީ ހަތް ވަނަ ދުވަހުން ފެށިގެން ސިފައިންނާއި ސިފައިންގެ އާއިލަތަކަށް ބިރުދައްކައި ހިންގާފައިވާ އެކި އަމަލުތަކަށް އެ މުއައްސަސާ އިން ހިތާމަކުރާ ކަމަށެވެ. އަދި ބުނެފައި ވަނީ ދިވެހި ސިފައިން އަބަދުވެސް ތިބޭނީ ގާނޫނުގައިވާ ގޮތުގެ މަތިން ގައުމަށްޓަކާ ހަށިގަނޑާއި ފުރާނަ އިން ގުރުބާންވުމަށް ތައްޔާރަށް ކަމަށެވެ.