ރިޔާސީ ބަޔާން އިއްވުމާ ދެކޮޅަށް މާޗް މަހުގެ ފުރަތަމަ ދުވަހު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި ފުލުހެއްގެ ސައިކަލެއްގައި ރޯކޮލި މީހާ 15 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ސައިކަލްގައި ރޯކޮށްލި ކަމުގެ ކުށް ސާބިތުވެ ޓެރަރިޒަމްގެ ކުށުގައި 15 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ ހ. ރެދަން، ފަވާޒު ކަޅުތުއްތުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ މާޗް މަހުގެ ފުރަތަމަ ދުވަހުގެ ހަވީރު 4:30 އެހާކަންހާއިރު އަލިކިލޭގެފާނު މަގާއި މަޖީދީމަގު ގުޅުނު ކަންމަތީ، މަޖީދީ މަގުގެ ދެކުނު ފަރާތަށް ވެއްޓިފައި އޮތް ސައިކަލެއްގެ ޕެޓްރޯލް ޓޭންކް ހުޅުވުމަށް ފަހު ފަވާޒުގެ އަތުގައި އޮތް ލައިޓަރަކުން އެ ސައިކަލްގައި އަލިފާން ރޯކޮށްލި މަންޒަރު ދުށް ކަމަށް އެތަނުގައި ހުރި މީހަކު ޝަރީއަތުގައި ހެކިބަސް ދީފައިވާ ކަމަށެވެ.

އެހުކުމްގައި ބުނަނީ އެމީހާ އެގޮތަށް ހެކިބަސް ދީފައިވާ އިރު ޝަރީއަތަށް ހުށަހެޅުނު ވީޑިއޯއަކުން ފަވާޒު އެ ސައިކަލްގައި އަލިފާން ރޯކޮށްލުމަށް ފަހު ދުވެފައިދާތަން ރަނގަޅަށް ފެންނަން ހުރިއިރު އެ މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ އެހެނިހެން ގަރީނާތައް ހުށަހެޅިފައިވާ ހެކިތަކަށް ބާރުދޭ ކަމަށެވެ.

"މިއީ ފަވާޒު ކަޅުތުއްތު ކޮށްފައިވާ އަމަލެއްކަން އެކަށީގެންވާ ޝައްކެއް ނެތި ޝަރީއަތަށް ސާބިތުވާތީ ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ޅ) ގެ ދަށުން ފަވާޒު ކަޅުތުއްތު ޓެރަރިޒަމްގެ ކުށުން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި މިކުށުގެ އުގޫބާތެއްގެ ގޮތުން ބުނެވިދިޔަ ގާނޫނުގެ ހަވަނަ މާއްދާގެ (ށ)ގެ ދަށުން މާލެ ހ. ރެދަން ފަވާޒު ކަޅުތުއްތު 15 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައިވެ އެވެ.