30 Aug 2012, 11:38
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު މުސްތަފާ ފުލުސް އޮފީހަށް ހާޒިރުކޮށް އޭނާގެ ބަޔާނެއް ނަގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފު މިއަދު ވިދާޅުވީ އިއްޔެ 3:00ގައި މުސްތަފާ ފުލުސް އޮފީހަށް ހާޒިރުކޮށް އޭނާގެ ބަޔާނެއް ނަގާފައިވާނެ ކަމަށާއި އޭނާގެ ބަޔާނެއް ނަގާފައި ވަނީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
"މޯލްޑިވްސް ޕޮލިސް ސާވިސް އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން މުހައްމަދު މުސްތަފާ އިއްޔެ 3:00ގައި ފުލުސް އޮފީހަށް ހާޒިރުކޮށް ވަނީ އޭނާގެ ބަޔާނެއް ނަގާފައި،" ހަނީފު ވިދާޅުވި އެވެ.
މުސްތަފާ މިއަދު ވިދާޅުވީ އިއްޔެ އޭނާ ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާނެއް ނަގާފައި ވަނީ އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީސްގެ ޖަލްސާގައި ސިފައިންނާ ބެހޭ ގޮތުން ދައްކާފައިވާ ވާހަކަތަކާ ގުޅިގެން ކަމަށެވެ.