01 Sep 2010, 09:42
ލ. އަތޮޅުގައި އެންމެ ފުޅާކޮށް މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް ބުނެ ފުލުހުން ހައްޔަރުކޮށް ޝަރީއަތަށް ވީއްލާފައި ހުރި ލ. ގަމު މަންދަގޭ ހަސަން ޔޫސުފު އަނެއްކާ ވެސް ރަށަށް ގޮސް ލ. އަތޮޅުގައި ޑްރަގުގެ ވިޔަފާރި ކުރަނިކޮށް، މަސްތުވާ އެއްޗިއްސާ އެކު ފުލުހުން އަތުލައިގެނެ ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ބުނީ ގަމު މަތިމަރަދޫން އޭނާ ހައްޔަރު ކުރީ މަސްތުވާތަކެއްޗާ ދެކޮޅަށް މާލެ އާއި އަތޮޅުތަކުގައި މި ރޯދަ މަހު ފެށި ހާއްސް އޮޕަރެޝަނެއްގައި މިދިޔަ ހަފުތާގައި ކަމަށެވެ.
ސްޕްރިންޓެންޑެންޓް މުހައްމަދު ޖިނާހު ވިދާޅުވީ ހަސަން ޔޫސުފު ހައްޔަރު ކުރީ، ލ. އަތޮޅުގައި އިސްކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން ދަނިކޮށް ކުރިން ހައްޔަރު ކުރި މައްސަލައިގެ ޝަރީއަތަށް ވީލާއްފައި ހުއްޓާ ރަށަށް ގޮސް، ފުޅާދާއިރާއެއްގައި އަތޮޅުގައި އެ ވިޔަފާރި ކުރަމުންދާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ތިން ފަހަރެއްގެ މަތިން އޭނާ އަށް އެޓެމްޓް ކޮށްގެން ކަމަށެވެ. ހަސަން ޔޫސުފު ހައްޔަރު ކުރިއިރު އޭނާގެ އަތުން މަސްތުވާތަކެއްޗަށް ޝައްކު ކުރެވޭ ދެ ޕެކެޓް ފެނިފައިވާ ކަމަށައި މިހާރު އޭނާ ހުރި ކޯޓް އަމުރެއްގެ ދަށުން އަނެއްކާ ވެސް ބަންދުކޮށްފައި ކަމަށެވެ.
ފުލުހުން އަދި ބުނީ މިހާރު ފުލުހުން ކުރިޔަށް ގެންދާ އޮޕަރޭޝަނުގައި ފުޅާދާއިރާއެއްގައި މަސްތުވާކެތީގެ ވިޔަފާރި ކުރަމުން އަންނަ މީހަކު ނ. ވެލިދޫން ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ ވެލިދޫން މި މަހުގެ 22 ވަނަ ދުވަހު ހައްޔަރު ކުރި އިސްހާގު އަބްދުﷲ އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެއްޗަށް ޝައްކުރެވޭ 14 ޕެކެޓާ އެކު އެވެ. އިސްހާގުގެ އެޑްރެސް ފުލުހުން ބުނެފައެއް ނުވެ އެވެ.
ލ. އަތޮޅުން ދެވަނަ ފަހަރަށް އަތުލައިގަތް ހަސަން ޔޫސުފު އަލުން ހައްޔަރު ކުރިއިރު، ކުރީ މައްސަލައާ ގުޅިގެން އޭނާ ފިލާފާނެ ކަމަށާއި ކޯޓަށް ހާޒިރު ނުވެދާނެ ކަމަށް ގަރީނާ ލިބޭތީ އަދި އޭނާ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފެންނާތީ ހޯމް މިނިސްޓްރީ އަށް ފެންނަ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް ހައިކޯޓުން މި އަހަރުގެ އޭޕްރީލް މަހު ހުކުމެއް ކޮށްފައިވެ އެވެ.