ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ރައީސްކަމަށް އައްޔަންކުރަން، މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗާ މިނިސްޓަރު ޑރ. ޢާއިޝަތު ރަމީލާގެ ނަން ފޮނުވައިފިއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު އެޗްއާރުސީއެމަށް އައްޔަންކުރި ރަމީލާ، އެ ކޮމިޝަންގެ ރައީސްކަމަށް އައްޔަންކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވީ މިދިޔަ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހެވެ. އެކަމަކު މަޖިލީހުން ރަމީލާގެ ނަން އިއުލާނުކުރެއްވީ މިއަދެވެ.

ދައުރުން ބޭރުން މިހާރު ކުރިއަށް ދާ ޖަލްސާގައި ރިޔާސަތުން ވަނީ ރަމީލާގެ ނަން ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ފޮނުވައިފައެވެ.

ރަމީލާ، އެޗްއާރުސީއެމަށް އައްޔަންކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 29ވަނަ ދުވަހެވެ.

ފާހަގަކުރެވޭ ގޮތުގައި އެގްރިކަލްޗާ މިނިސްޓަރުކަމުގައި ހުންނެވުމަށްފަހު، ކެންސަރަށް ފަރުވާ ހޯއްދެވުމަށް ރަމީލާ އިސްތިއުފާދެއްވީ ޑިސެންބަރު 1، 2024ގައެވެ.

މީގެ ކުރިން ރަމީލާ ވަނީ ދެ ފަހަރެއްގެ މަތިން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ. އޭނާ ޕީއެޗްޑީ ހާސިލުކުރެއްވީ ސޯޝަލް ސައިންސްގެ ދާއިރާއިންނެވެ.

އެޗުއާރްސީއެމްގައި ފަސް މެންބަރުން ތިއްބަވާއިރު، މިހާރު އެ ކޮމިޝަންގައި ތިއްބެވި މެންބަރުންނަކީ:

  • ނައިބު ރައީސް މުޙައްމަދު ޝަފީޤް މަޙްމޫދު

  • މެންބަރު ސަމާޢު އަޙްމަދު ނަޖީބު
  • މެންބަރު އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް
  • މެންބަރު އަޙްމަދު މަޤުސޫމް