ފެބްރުއަރީ ހަތް ވަނަ ދުވަހު އެމްއެންބީސީ (މިހާރުގެ ޓީވީމޯލްޑިވްސް) ސިފައިންނާއި ފުލުހުންގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔަ ހާދިސާގައި ކަން ހިނގި ގޮތް ސާފުކޮށްދިނުން އެދި މޯލްޑިވްސް ބްރޯޑްކާސްޓް ކޮމިޝަނުން ތިން ފަރާތަކަށް ހުށައަޅައިފި އެވެ.

ބްރޯޑްކާސްޓް ކޮމިޝަނުން އިއްޔެ ބުނީ އެދުވަހު "އެމްއެންބީސީ ވަންގެ ތެރެއަށް ވަދެ ރިސެޕްޝަންގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި މުވައްޒަފުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ފުލުހުންނާއި ސިފައިންނާއި އެމީހުންނާ އެކުގައި ވަން އާންމުންގެ ބަޔަކު އަމަލުކޮށްފައިވާކަން ހިއުމަން ރައިޓްސް ކޮމިޝަންގެ ރިޕޯޓުގެ 3.5.5.4 ނަމްބަރުން އެނގޭތީ" އެކަން ސާފުކޮށްދިނުން އެދި މިއަދު ހުށައަޅާފައިވާނެ ކަމަށެވެ.

އަދި ބުނީ އެކަން ސާފުކުރުމަށް ހުށައެޅީ އެކަން ހިނގައި ދިޔަގޮތް ބަލަައި އެފަދަ ކަމެއް ތަކުރާރުނުވާ ގޮތަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އެރިޕޯޓްގައި، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށައަޅާފައިވާތީ ކަމަށެވެ.

އެންމެންބީސީ ވަން ހިފި ހާދިސާގައި ކަން ހިނގައިދިޔަ ގޮތް ސާފުކޮށްދިނުމަށް އެދި މޯލްޑިވްސް ބްރޯޑްކާސްޓް ކޮމިޝަނުން ސިޓީ ފޮނުވީ ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށާއި މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް (އެމްއެންޑީއެފް) އާއި މޯލްޑިވްސް ޕޮލިސް ސާވިސް އަށް ކަަމަށް އެކަމާ ބެހޭ ގޮތުން ކޮމިޝަންގެ ވެބްސައިޓްގައި އިއްޔެ އާއްމުކުރި ލިއުމުގައިވެ އެވެ. އެލިއުމުގައި އަދި ބުނެފައި ވަނީ އެދުވަހު އެކަން ހިނގާފައިވާ ގޮތުގެ މައުލޫމާތު ވީހާ އަވަހަކަށް ކޮމިޝަނަށް ފޮނުވައި ދިނުމަށް ސިޓީގައި އެދިފައިވާނެ ކަމަށެވެ.

ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު ސިފައިންނާއި ފުލުހުން، އާމުންތަކެއް ވެސް ގޮވައިގެން އެމްއެންބީސީ ވަން އަށް ވަނީ ރައީސްކަމުގެ މަގާމުން ކުރީގެ ރައީސް އިސްތިއުފާ ދެއްވުމުގެ ކުރިންނެވެ.