30 Aug 2012, 09:55
ރޯދަމަހާ ދިމާކޮށް ބެންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ އިންޓަނެޓް ބެންކިންގެ ހިދުމަތް މެދުވެރިކޮށް އިތުރުކޮށްފައިވާ ފައިސާގެ މުއާމަލާތުކުރެވޭ މިންވަރު އެބެންކުން ދާއިމީކޮށްފި އެވެ.
އެގޮތުން މިހާރު ދާއިމީ ކުރުމާ އެކު އެމެކްސް ގޯލްޑް ކާޑުން ދުވާލަކު ފައިސާ ނެގޭ އަދަދު 15000ރ. އަށް ދާއިމީ ކޮށްފައިވާވެ އެވެ. އަދި އެމެކްސް ގޯލްޑް ގާޑަކުން މީގެ ކުރިން ނެގެނީ ދުވާލަކު 10000ރ. އެވެ. ވިސާ ޑެބިޓް ކާޑުން އަދި އެމެކްސް ގްރީން ކާޑުން ފައިސާ ނެގޭ އަދަދު ދާއިމީ ކުރީ 10000ރ. އަށް ކަމަށް ބެންކުން ބުންޏެވެ. އެ ކާޑުތަކުން މީގެ ކުރިން ފައިސާ ނެގެނީ ދުވާލަކު 5000ރ. އެވެ.
އެބެންކުން ބުނީ އެބަދަލު ގެންނަން ނިންމީ މިއަހަރު ރޯދަމަހުގެ ތަޖުރިބާއަށް ބެލުމަށް ފަހު ގިނަ ކަސްޓަމަރުންގެ އެދުމުގެ މަތިން ކަމަށެވެ. އަދި ބުނީ އެގަޮތަށް ހަމަޖެއްސުމުން ކަސްޓަމަރުނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ގަބޫލް ކުރައްވާ ކަމަށާއި އެގޮތަށް ނިންމުމުގެ ސަބަބުން އޭޓީއެމްތަކުން ގިނަ އަދަދެއްގެ ފައިސާ އެއް ފަހަރާ ނެގޭތީ ކާޑްގެ ޕިން އެހެން މީހުންނާއި ހިއްސާ ނުކުރުމަށް އަންގާ ކަމަށެވެ.
ބީއެމްއެލް އިން އަންނަނީ އެ ކުންފުނީގެ އޭޓީއެމްގެ ހިދުމަތްތައް ފުޅާ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ދާދިފަހުން ބީއެމްއެލް އިން ވަނީ އައު އޭޓީއެމްތަކެއް ވެސް މާލޭގައި ބަހައްޓާ އޭޓީއެމްގެ އަދަދު އިތުރުކޮށްފަ އެވެ. ބީއެމްއެލްގެ މިހާރު އަންނަނީ 46 އޭޓީއެމްއަކުން ހިދުމަތް ފޯރުކޮށްދެމުންނެވެ.