04 Jan 2026, 23:03

ސަރުކާރުގެ ހޮސްޕިޓަލް، އައިޖީއެމްއެޗުން ހޯމް ނާސިން ކެއާގެ ޚިދުމަތް ފަށާކަން އިއުލާނުކޮށްފިއެވެ.
ހޯމް ނާސިން ކެއާއަކީ، ނަރުހުން ނުވަތަ އެހެނިހެން ސިއްހީ ޚިދުމަތްތެރިން ގޭގެއަށް ގޮސްގެން ބަލި މީހުންނަށް ފަރުވާއާއި އެހީ ފޯރުކޮށްދޭ ޚިދުމަތެކެވެ.
އައިޖީއެމްއެޗުން ކުރި އިއުލާނެއްގައި ވަނީ، އެ ޚިދުމަތް ދިނުމަށާއި ހޮސްޕިޓަލުގެ އެކިއެކި ދަތުރުތަކުގައި ބޭނުންކުރުމަށް ފަސް ސައިކަލު ސަޕްލައިކޮށްދޭނެ ބަޔަކު ބޭނުންވާ ކަމަށެވެ. އެއީ، ދެ އެއާ ބްލޭޑާއި ތިން ސްކޫޕީ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
ނަމަވެސް، ހޯމް ނާސިންގެ ޚިދުމަތް ފަށާނެ ތާރީޚެއް ބުނެފައެއް ނުވެއެވެ.
އައިޖީއެމްއެޗުން ބުނީ، އެ ސައިކަލުތައް ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވާ މީހުންނަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ޕާކިން ޒޯނެއް ސައިކަލުތަކެއް ޕާކުކޮށްފައިވާއިރު، ދެމީހަކު ސައިކަލެއްގައި ދަނީ: ނަރުހުން ގޭގެއަށް ގޮސްގެން ދޭ ހޯމް ނާސިން ކެއާގެ ޚިދުމަތް އައިޖީއެމްއެޗުން ފަށަން ފަސް ސައިކަލު ހޯދަން ވަނީ އިއުލާނުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެ ކަމަށް ބިޑު ހުށަހަޅާނަމަ ސަމާލުކަން ދޭންވީ ކަންތައްތަކެއް ވެސް އިއުލާނުގައި ވަނީ ހިމަނާފައެވެ. މިގޮތުން، ކޯޓޭޝަން ހުށަހަޅަން ޖެހެނީ، ދީފައިވާ މައުލޫމާތާ އެއްގޮތަށް ޖީއެސްޓީ ހިމަނައިގެން ކަމަށްވާއިރު، ސަޕްލައިކޮށް ނިންމަން ކަނޑައަޅާ މުއްދަތު ބަޔާންކުރަން ޖެހެއެވެ.
ސައިކަލު ކްލިއާކޮށް، ރަޖިސްޓްރީ ކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަކުރުމާއި އެއް އަހަރުގެ ރޯޑްވޯދިނެސްއާއި އަހަރީފީއާއި އިންޝުއަރެންސް ފީ ދައްކަން ޖެހެނީ ބީލަން ކާމިޔާބު ކުރާ މީހަކު ކަމަށް އިއުލާނުގައިވެއެވެ.
މި ކަމާ ގުޅޭ ބީލަން ހުށަހަޅަން ހަމަޖެހިފައި ވަނީ، އަންނަ ހަފުތާގެ ބުދަ ދުވަހުގެ 11:00ގައި އައިޖީއެމްއެޗުގެ ޕްރޮކިއުމަންޓު ޑިޕާޓުމަންޓުގެ އެންތޫރިއަމް މީޓިން ހޯލުގައެވެ. ބީލަން ހުޅުވާނީ، ހުށަހަޅާ މީހުންގެ ހާޒިރުގައި ކަމަށްވާއިރު، ގަޑިއަށް ހާޒިރުނުވާ މީހުންނަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.
ގައުމުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުން ޚިދުމަތް ހޯދަން ބޭނުންވާ މީހުންގެ ކިޔޫ ދިގުވެ، ފަރުވާ ލިބުން ލަސްވާ ކަމުގެ ކަންބޮޑުވުންތައް ވަރަށް ގިނައެވެ.