04 Jan 2026, 22:08

ހުޅުމާލެ ފަޅަށް ފެތިފައި އޮތް ބާޖަކާއެކީ، އެ ސަރަހައްދުގެ ބިން ހިއްކައިފިއެވެ.
ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން އިއްޔެ ކުރި ޕޯސްޓެއްގައި ވަނީ، އެ ސަރަހައްދުގެ 49 ހެކްޓަރުގެ ބިން ހިއްކައި ނިންމާފައިވާ ކަމަށް ބުނެ، އެ ތަނުގެ ފޮޓޯތަކެއް ހިއްސާކޮށްފައެވެ.
އެ ފޮޓޯތަކުން ފެންނަ ގޮތުގައި، ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކާފައި ވަނީ، އެ ތަނުގައި އޮތް ބާޖަކާއެކީގައެވެ. ވަރަށް ބޮޑަށް ދަބަރު ޖަހާފައި އޮތް އެ ބާޖު ވީރާނާވެފައި އޮތް މަންޒަރު ފޮޓޯތަކުން ފެނެއެވެ.
'ސަން'އަށް އެނގިފައިވާ ގޮތުގައި، އެއީ އެ ތަނަށް ފެތިފައި އޮންނަތާ ވަރަށް ގިނަ ދުވަސްވީ ބާޖެއް ކަމަށްވާއިރު، ވަރަށް ފުނަށް ފެތިފައި އޮތް އެ ބާޖު ނެގުމަށް ވަރަށް ބޮޑު ޚަރަދެއް ހިނގާނެއެވެ.

ހުޅުމާލެ ފަޅަށް ފެތިފައި އޮތް ބާޖަކާ އެކީ ބިން ހިއްކާފައި --- ފޮޓޯ/ އެމްއޭސީއެލް
އެ ބާޖާ ހަވާލުވާނެ ވެރިފަރާތެއް ނުވިއިރު، ކުރިން އެ ބާޖު ނުފެންނަނީ އެ ސަރަހައްދުގެ އަޑީގައި އޮތް ބާޖަކަށް ވާތީކަން އެނގިފައިވެއެވެ. އަދި، ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކީ އެ ބާޖާއެކީގައި ކަމަށްވާއިރު، އެ ތަނުން ބާޖު ނަގަން ވަރަށް ގިނަ މަސައްކަތްތައް ކުރަން ޖެހޭނެ ކަން 'ސަން'އަށް ވަނީ އެނގިފައެވެ.
މި ކަމާ ގުޅިގެން އެމްއޭސީއެލްގެ ބަހެއް ހޯދަން މަސައްކަތްކުރި ނަމަވެސް، މިހާތަނަށް ކާމިޔާބު ވެފައެއް ނުވެއެވެ.
ގިނަ ބަޔަކު މި ކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ފާޑުކިޔަމުން އަންނައިރު، ކުރިއަށް އޮތް ދޮޅު މަހެއްގެ ތެރޭ ހުޅުމާލެ ތިން ވަނަ ފިޔަވަހި ހިއްކާ ނިމޭނެކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްއޭސީއެލުން މައުލޫމާތު ދެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ، ކުރިއަށް އޮތް ތިން މަސްތެރޭ ގިރާވަރު ފަޅާއި، ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކައި ނިމޭނެ ކަމަށް މިދިޔަ ނޮވެންބަރު މަހުގެ ފަހުކޮޅު ވިދާޅުވެފައެވެ.
އޭގެފަހުން، ވަނީ، އެތަނުން ގޯތި ލިބޭ މީހުންގެ ގުރު ނަގާފައެވެ.